މޮޅެތި ފިލްމުތަކަށް އޮސްކާ ނުލިބުމާއި އެފަދަ ބައެއް ފިލްމުތައް މި ޝަރަފްވެރި އެވޯޑަށް ނޮމިނޭޓްނުވުމަކީ، ފިލްމުތަކަށް ލޯބިކުރާ އެންމެން ވެސް ދަންނަ އާންމު ވާހަކަ އެކެވެ. ބައެއް ފަރާތްތަކުން އޮސްކާ، ސިޔާސީ ހަފުލާއެއްގެ ގޮތުގައި ސިފަކުރަނީ ވެސް މި ސަބަބާ ހެދި އެވެ.
އޮސްކާ އަކީ ސައިންސް-ފިކްޝަން ފިލްމުތަކާ ރައްޓެހި އެވޯޑެއް ނޫނެވެ. ޑައިރެކްޓަރު ޕީޓަ ޖެކްސަން ނޫން އެހެން ޑައިރެކްޓަރުން ޑައިރެކްޓްކުރާ ފެންޓަސީ ފިލްމުތައް ވެސް އޮސްކާއަކަށް ކަމަކުނުދެ އެވެ. އާދައިގެ ބަޖެޓްތަކުން އުފައްދާ އިންޑިޕެންޑެންޓް ފިލްމުތައް ވެސް އޮސްކާގައި މަޝްހޫރެއް ނޫނެވެ.
ބިރުވެރި ފިލްމާއި ކޮމެޑީ ފިލްމުތަކަކީ ވެސް އޮސްކާގެ ފެވަރިޓެއް ނޫނެވެ.
އެކަމަކު އެ ފިލްމަކީ ޔަހޫދީން ހިމާޔަތްކޮށްދޭ ޕްލޮޓެއް އޮވެފައި އެއް ޖިންސުން ގުޅުން ހިންގާ މީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއް ކަމުގައި ވަނީ ނަމަ އެ ފިލްމެއް ވާނީ އަބަދުވެސް އޮސްކާގެ ފެވަރިޓަކަށެވެ. އަދި ދުނިޔޭގެ ސިޔާސީ ބޮޑެތި މައްސަލަތަކަށާއި ލީޑަރުންގެ ހަޔާތް ދައްކުވައިދޭ ފިލްމުތަކަކީ ވެސް ފެވަރިޓެވެ.
އެހެންވީމަ އާދައިގެ މަތިން މި އަހަރު ވެސް މި ދެންނެވި ލިސްޓަށް ނިސްބަތްނުވާ ވަރަށް މޮޅެތި ފިލްމުތަކެއް ވަނީ މިފަހަރުގެ އޮސްކާ ރޭހުން ވެސް ކަޓައިފަ އެވެ.
މިއީ ކްރިސް އިވާންސް ލީޑް ރޯލު ކުޅެފައިވާ ވަރަށް ވެސް އާދަޔާހިލާފު ފިލްމެކެވެ. މިއީ ދެކުނު ކޮރެއާގެ މަޝްހޫރު ޑައިރެކްޓަރު ބޮންގް ޖޫން-ހޯ ޑައިރެކްޓްކުރި ފުރަތަމަ އިނގިރޭސި ފިލްމެވެ. އޭނާގެ މަޝްހޫރު ފިލްމުތަކުގެ ތެރެއިން "ދަ ހޯސްޓް" އާއި "މެމޮރީސް އޮފް މާޑާ" ފާހަގަކޮށްލެވެ އެވެ.
"ސްނޯޕީސާ" ގައި ދައްކުވައި ދެނީ ތިމާވެށީގެ މުސީބާތެއްގައި ސުންނާފަތިވެފައިވާ ދުނިޔެއެއްގައި ބަޔަކު މީހުން ކުރާ އެންމެ ފަހު ދަތުރެވެ. އާދައިގެ މީހާ އާއި މުއްސަނދި މީހާއާ ދެމެދު އޮންނަ ފަރަގު ނައްތާލުމަށް ހިންގާ އިންގިލާބެކެވެ. ފިލްމުގެ ހުރިހާ މަންޒަރުތަކެއްހެން ދައްކުވައި ދެނީ ރޭލެއްގެ ތެރޭގަ އެވެ.
މި ރޭލުގެ ކޮންމެ ބަޔަކީ ވަކި ފެންވަރެއްގެ ބަޔަކަށް ހާއްސަވެފައިވާ ގޮޅިއެކެވެ. ދެން ފެނިގެން ދަނީ މަހުޖަނުންނާއި ފަގީރުންގެ ކުރިމަތިލުމެކެވެ. މިއީ ހެއްވާ މަޖާ އަދި އެހާމެ ހިތްދަތިކުރުވާ ގިނަ މަންޒަރުތަކެއް ހިމެނޭ ފިލްމެކެވެ.
މި ފިލްމަށް އެއް ނޮމިނޭޝަން ލިބުނެވެ. ނަމަވެސް އެންމެ މޮޅު އެނިމޭޓެޑް ފިލްމުތަކުގެ ކެޓަގަރީން މި ފިލްމު ވަނީ ކަޓައިގެން ގޮސްފަ އެވެ. ފިލްމަށް ލިބިފައި ވަނީ ބެސްޓް އޮރިޖިނަލް ސޯންގްގެ ނޮމިނޭޝަން އެކަންޏެވެ.
އެންމެން ވެސް އުއްމީދުކޮށްގެން ތިބީ މި ފިލްމު ވެގެންދާނީ މިފަހަރުގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އޮސްކާ ގެންދާނެ ފިލްމަށް ކަމަށެވެ. އޮސްކާގެ އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ ނޮމިނޭޝަން ފިލްމަށް ނުލިބުނަސް ކުރިއަށް އޮތް އެނީ އެވޯޑްސްގެ އެންމެ މޮޅު ފިލްމަށް މި ފިލްމު ވާދަކުރެ އެވެ.
ނިމިގެން ދިޔަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ވެސް އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ ކެޓަގަރީގައި ވާދަކޮށް މި ފިލްމު ވަނީ ބަލިވެފަ އެވެ. ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު އެ އެވޯޑް ގެންދިޔައީ "ހައު ޓް ޓްރެއިން ޔުއާ ޑްރެގަން" އެވެ.
ކޮންމެއަކަސް "ދަ ލެގޯ މޫވީ" އަކީ މިދިޔަ އަހަރުގެ އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެވެ.
މިއީ ސައިކޮލޮޖިކަލް ހޮރޯ މޫވީ އެކެވެ. އޮސްޓްރޭލިއާގެ މި ފިލްމަކީ މިދިޔަ އަހަރު ނެރުނު ބިރުވެރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ތައުރީފު އޮހުނު ފިލްމެވެ. ނަމަވެސް ބިރުވެރި ފިލްމަށް އޮސްކާ ގަންނަ ބިރަކާ ގުޅިގެން އެއްވެސް ކެޓަގަރީއަކުން ނޮމިނޭޓެއް ނުވެ އެވެ.
ފާޑުކިޔުންތެރިން ބުނަނީ މިއީ އާދައިގެ ބިރުވެރި ފިލްމުތަކާ މުޅިން ތަފާތު ގޮތަކަށް ބެލުންތެރިން ބިރު ގަންނުވާ ފިލްމެއް ކަމަށެވެ. ފިލްމުގެ އެކްޓަރުންނަށް ވެސް ފާޑުކިޔުންތެރިންގެ ތައުރީފު އޮހުނެވެ.
ނަމަވެސް އޮސްކާ އަށް އެނގުނު ކަމަކަށް ނުވި އެވެ.
ބްލޫ ރުއިން:
މިއީ މިދިޔަ އަހަރު ނުކުތް އިންޑީ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.
ފިލްމުގައި ދައްކުވައި ދެނީ އާއިލާއެއްގެ ކިބައިން މީހަކު އެކަނި މާ އެކަނި ބަދަލު ހިފައި ބޮޑު ލޭ އޮހޮރުވުމެއް ހިންގާ ގޮތެވެ.
މިއީ މިދިޔަ އަހަރު ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ކަމަށް ގިނަ ބަޔަކު އެއްބަސްވި ސައިންސްފިކްޝަން ފިލްމެވެ. އެމިލީ ބްލަންޓް އާއި ޓޮމް ކްރޫޒް ލީޑް ރޯލު ކުޅެފައިވާ މި ފިލްމަށް ގިނަ ބައެއްގެ ހިތް ބަންޑުންވިޔަސް އޮސްކާ އަށް އެކަމެއް ފާހަގައެއް ނުކުރުވުނެވެ.
މި ފިލްމަކީ ވެސް އެއްވެސް ނޮމިނޭޝަނެއް ނުލިބޭ ފިލްމުތަކުގެ ތެރެއިން ބޮޑު ނަމެކެވެ.
މިއީ އޮސްކާއާ ރައްޓެހި ފިލްމުތަކުގެ ކުލަ ޖެހިފައިވާ ފިލްމެކެވެ. އޮސްކާއާ ރައްޓެހި ތަރިން ލީޑް ރޯލު ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ތަރިންނަކީ އޮސްކާ ހާސިލުކޮށްފައިވާ ފްރާންސްގެ ބަތަލާ، މާރިއޯން ކޯޓިލާޑް އާއި އޮސްކާ ނޮމިނޭޓެޑް ވަކީން ފީނިކްސް އަދި ޖެރެނީ ރެނާ އެވެ.
ނިމިގެން ދިޔަ ކޭން ފިލްމު ފެސްޓިވަލްގެ އެންމެ މޮޅު ފިލްމަށް ވެސް މި ފިލްމު ވާދަކުރި އެވެ.
ނަމަވެސް އޮސްކާގެ ނޮމިނޭޝަނެއް ލިބޭނެ ފެންވަރެއް ނެތެވެ.
މިހެން ގޮސް މި ލިސްޓް ވަރަށް ދިގުކޮށް ގެންދެވިދާނެ އެވެ. ނަމަވެސް މޮޅު ހުރިހާ ފިލްމެއް އޮސްކާ އަށް ނޮމިނޭޓްނުވާނެކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. އަދި މޮޅު ފިލްމުތައް ގަދަ ފަހެކުން ކަޓައިގެންދާތީ، އެންމެ މޮޅު ފިލްމުގެ ކެޓަގަރީ އަށް ނޮމިނޭޓްވާ ފިލްމުތަކުގެ އަދަދު 10 އަކަށް ހެދިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.