ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސައިބާ ސެކިއުރިޓީ ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓް އަދި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީން ރޭ ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ރާއްޖޭގައި ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަަތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ވެސް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ދާދި ފަހުން ސީދާ ސަރުކާރުން މައިކްރޯސޮފްޓާއެކު އެގްރިމަންޓެއްގައި ސޮއިކޮށް އޮރިޖިނަލް މައިކްރޯސޮފްޓް ސޮފްޓްވެއާ ހޯދަން ނިންމިކަން ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ގަވައިދުުން ސިސްޓަމްތައް މޮނީޓާ ކުރަން ޖެހޭކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ ސިސްޓަމްތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގައި މަސައްކަތްކުރާ މުވައްޒަފުން ހަދަން ޖެހޭ ކަމަށް ކަމަށެވެ.
މީގެ ކުރީ ސަރުކާރު ތަކުގައި އެންސީއަޓީ އިތުރަށް ތަރައްގީކުރަން މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނުވާތީވެސް ޝައުނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން އެކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކީ ސައިބާ ސެކިއުރިޓީއާ ގުޅޭ ގާނޫނެއް ވެސް މަޖިލީހަށް ހުށަހަޅައި އެ ގާނޫނު ތަންފީޒުކުރަން ފެށުން. އަދި ސައިބާ ސެކިއުރިޓީއާ ގުޅޭ ސިޔާސަތުަތއް އެކުލަވާލައި އެކަމަށް ވަކި ހާއްސަ ޓީމެއް ބިނާކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން،" ޝައުނަ ވިދާޅުވި އެވެ.