ދުނިޔެ

އަފްޣާން ތަރައްގީއަށް އެންމެ މުހިންމީ ޗައިނާ: ތާލިބާން

އަފްޣާނިސްތާން އަލުން ބިނާ ކުރަން ކުރާ މަސައްކަތްތަކުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާނީ ޗައިނާއިން ކަމަށް ތާލިބާނުންގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުން އަފްޣާންގައި އިންވެސްޓް ކުރަން ޗައިނާ އޮތީ ތައްޔާރަށެވެ. އޭނާ ވިދާޅުވި ގޮތުން ޗައިނާއިން ކޮށްދޭން ބުނާ ވަރާ ގާތަށް ވެސް އެހެން ގައުމަކުން އެހީތެރިވާނެ ކަމަށް ބުނެފައެއް ނުވެ އެވެ.

މުޖާހިދު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑަކީ ބޭނުންތެރި އެއްބާރުލުމެއް ކަމަށާއި ޗައިނާއާއެކު ވިޔަފާރީގައި އެއްބާރުލުމަށްޓަކައި ދެ ގައުމުގައި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ އަފްޣާންގައި ހުރި ރަތުލޯ ފަދަ މައުދަންތަކުން މަންފާ ހޯދުމަށްޓަކައި ޗައިނާއާ މަޝްވަރާ ކުރަމުން ގެންދާ ކަމަށާއި ޗައިނާއާއެކު އެއްބަސްވެވޭ ގޮތަކަށް ދުނިޔޭގެ އެހެން ގައުމުތަކާއެކު ވިޔަފާރި ކުރާނެ ކަމަށެވެ.

މުޖާހިދު ވިދާޅުވި ގޮތުން ރަޝިއާއާއެކު ވެސް ގާތް ގުޅުމެއް ބާއްވާނެ އެވެ. އޭނާ ވިދާޅުވީ ރަޝިއާއަކީ ވެސް ސަރަހައްދީ ބޮޑު ބާރަކަށް ވާތީ ރަޝިއާގެ ބައިވެރިވުން ތާލިބާނުން ގަބޫލު ކުރާނެ އެވެ.

މުޖާހިދު ވިދާޅުވީ ކާބުލް އެއާޕޯޓް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެއާޕޯޓް މަރާމާތުކޮށް އޮޕަރޭޝަނަަށް ގެނައުމަށްޓަކައި ތުރުކީއާ ގަތަރުގެ ފަންނީ މާހިރުން ބަލައި ފާސް ކުރަމުން ގެންދާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެއާޕޯޓް ޗެކްކޮށް ނިމޭނެ ކަމަށާއި އާންމު ދަތުރުތަކަށް ސެޕްޓެމްބަރުގައި ހުޅުވާ ލެވޭނެ ކަމަށެވެ.

އިޓަލީގެ ނޫހަކަށް ތާލިބާނުން ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެ ޖަމާއަތުގެ އުންމީދަކީ އިޓަލީން ތާލިބާނުންގެ ސަރުކާރު ބަލައިގަތުމެވެ. އަދި ކާބުލްގައި އެމްބަސީ ހުޅުވުމެވެ.

ތާލިބާނުން އަފްޣާނަށް ވެރިވެގަނެ އަޝްރަފު ޣަނީގެ ސަރުކާރު ވައްޓާލީ އޮގަސްޓް 15 ގައެވެ. ތާލިބާނުން މިހާރު ގެންދަނީ އާ ސަރުކާރެއް އެކުލަވާލައި މަގާމުތަށް މީހުން އައްޔަން ކުރަމުންނެވެ.