އިދިކޮޅު ކޯލިޝަނުން "އައްޑަނަ" މި ނަމުގައި ބޮޑު ޖަލްސާއެއް މިރޭ ބާއްވާފައިފި އެވެ.
ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ ޖަލްސާގައި ބައިވެރިވެވަޑަައިގެން ވާހަކަ ދައްކަވާފައެވެ.
އެ ބޭފުޅުން ވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އަދި ޖަލު ހުކުމެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުުރުމަށްވެސް ގޮވާލެއްވިއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓްގައި ހިންގެވި ފަނޑިޔާރުން ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯތައް ވަނީ ޖަލްސާގައި އިއްވާފައެވެ. އެގޮތުން ފަނޑިޔާރު ފާއިޒު އާއި ފަނޑިޔާރު އަލީ އާދަމްގެ އޯޑިއޯތައް އިއްވިއެވެ. -މިއީ ކުރީން އާންމުވެފައިވާ އޯޑިއޯތަކެކެވެ. ނަމަވެސް އެ ފަނޑިޔާރުން ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ޖޭއެސްސީން ބަލަމުންދާ މައްސަލައަށް ފަނޑިޔާރުން ގެންދަވަނީ އެއްބާރުލުން ދެއްވަމުންނެވެ. އެ ފަނޑިޔާރުންގެ އޯޑިއޯ އެނެލިސިސް ހެދުމަށް މިހާރު ވަނީ ސާމްޕަލްވެސް ނަގާފައެވެ-
މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ "ހަރާމް" ހުކުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަމަށް ސުޕްރީމް ކޯޓް އިސްނަގަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެ ބޭފުޅުން ވަނީ ވަރަށް އަވަހަށް އިދިކޮޅުގެ މަގުމަތީ ހަރަކާތް ފައްޓަވާނެ ކަމުގެ އިޝާރާތްވެސް ކޮށްފައެވެ.
ޖަލްސާގައި ބައިވެރިވި އާންމުން ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކާއި ބެނާތައް ހިފައިގެންނެވެ. އަދި މި ސަރުކާރުންވެފައިވާ ބައެއް ވައުދުތައް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.