ޕީޕީއެމް

އައްޑިހަ މީހުންގެ ސޮޔާއެކު ކުރީގެ ޑެޕިއުޓީ މޭޔަރު ޕީޕީއެމަށް

މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާހު ރަޝީދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ މިރޭ ގުޅިވަޑައިގެންފި އެވެ.

ސަމާހު ޕީޕީއެމާއި ގުޅިވަޑައިގަތީ މިރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އައްޑަނަ" ޖަލްސާއެވެ. ސަމާހު ވަނީ ޕީޕީއެމަށް ސޮއިކުރައްވާ މެންބާޝިޕް ފޯމް އެ ޕާޓީއާ ހަވާލުކުރައްވާފައެވެ. ސަމާހުގެ ފޯމާއި ހަވާލުވެވަޑައިގެންނެވީ އިދިކޮޅުގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ސަމާހު ޕީޕީއެމާއި ގުޅިވަޑައިގެންނެވީ އިތުރު 80 މެންބަރުންގެ ފޯމާއެކުގައެވެ. އެ ފޯމްތައްވެސް އޭނާ ވަނީ އަބްދުއްރަހީމްއާ ހަވާލުކުރައްވާފައެވެ.

ސަމާހު، އޭރު ސިޓީ ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގައެވެ. މިރޭ ޕީޕީއެމާއި ގުޅިވަޑައިގަތުމާއި ހަމަށްވެސް ހުންނެވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ސަމާހު އަކީ ފުރަތަމަ އެމްޑީޕީއާ ގުޅިވަޑައިގެން އެއް މެންބަރެވެ. އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައިވެސް ވަރަށް އިސް ދައުރެއް އޭނާ އަދާ ކުރެއްވިއެވެ.

ނަމަވެސް ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރަކަށް ކުރިމަތިލެއްވި އަދި އެ މަގާމަށް ހޮވިވަޑައިގެން ޑރ. މުއިއްޒުގެ ކެންޕެއިންގައި ސަމާހު ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.