އަބްދުއްރަހީމް އަބްދުﷲ

އަދުރޭ، އިންޑިއާއަށް؛ ދިވެހިން އަޅުވެތިކުރަން ނޫޅޭ

ދިވެހި ގަައުމު ކުޑަވުމަކީ އަދި އާބާދީ މަދުވުމަކީ އިންޑިއާގެ ވަކިތަކުގެ ދަށަށް ދިވެހި ގައުމު ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އަވައްޓެރި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.

ދުވަސްތަކަކަށް ފަހު އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އިންޑިއާއާ މި ސަރުކާރާ އޮތް ގުޅުމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައެވެ. އަދި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާ ދެއްވިއެވެ.

އަބްދުއްރަހީމް ވަނީ ދިވެހި ގަައުމު ކުޑަވުމަކީ އަދި އާބާދީ މަދުވުމަކީ އިންޑިއާގެ ވަކިތަކުގެ ދަށަށް ދިވެހި ގައުމު ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހެލްކޮޕްޓަރަކާއި ޑޯނިޔާ ބޯޓަކަށް ދިވެހިންގެ މިނިވަންކަން ވިއްކާނުލާނެ ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެ އެ މީހުން ވަގުތުން ގެންދިއުމަށްވެސް ގޮވާލައްވާފައެވެ.

އަދި ދިވެހި ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަަކަކީ ރާއްޖެއަށް ފައިދާ ހުރި އެއްބަސްވުންތަކެއް ނޫން ކަމަށް ވިދާޅުވެ އެ އެއްބަސްވުންތައް އުވާލެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލެއްވިއެވެ.

"އަޅުގަނޑު ވަރަށް އިހުތިރާމާއެކު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ދަންނަވާލަން އޮތް ވާހަކައަކީ އަޅުގަނޑުމެންގެ ގައުމު ކުޑަވުމަކީ އަޅުގަނޑުމެންގެ ބައި މަދުވުމަކީ އަޅުގަނޑުމެން ތިބޭފުޅުންގެ ވަކިތަކުގެ ދަށަށް ގެންދަން ޖެހޭ ސަބަބަކަށް ނުހައްދަވާށޭ. އަޅުގަނޑުމެން އަޅުވެތި ކުރަން ނޫޅުއްވާށޭ. އަޅުގަނޑުމެންނަކަށް ހެލްކޮޕްޓަރެއް ބޭނުމެއް ނުވޭ. އަޅުގަނޑުމެންނަކަށް ޑޯނިޔާ މަތިންދާބޯޓެއް ބޭނުމެއް ނުވޭ. އެ އެއްޗެހި ގެންދަވާށޭ. މިރާއްޖޭގައި ތިބި ތިބޭފުޅުންގެ އަސްކަރީ ސިފައިން މިހާރުން މިހާރަށް ގެންދަވާށޭ. އަޅުގަނޑުމެންގެ ރައްޔިތުންނަކަށް ބޭނުމެއް ނުވޭ އެކަންކަމެއް. އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވަނީ އަމިއްލަ ފުދުންތެރިކަމުގައި ކުރިއަށްދާށޭ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ އަޅުގަނޑުމެންނޭ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނޭ. އެކަން ދިވެހި ރައްޔިތުން އޮތީ ކޮށްފައޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް އިހުތިރާމާއެކު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ދަންނަވާލަން އޮތް ވާހަކައަކީ އަޅުގަނޑުމެންގެ ގައުމު ކުޑަވުމަކީ އަޅުގަނޑުމެންގެ ބައި މަދުވުމަކީ އަޅުގަނޑުމެން ތިބޭފުޅުންގެ ވަކިތަކުގެ ދަށަށް ގެންދަން ޖެހޭ ސަބަބަކަށް ނުހައްދަވާށޭ. އަޅުގަނޑުމެން އަޅުވެތި ކުރަން ނޫޅުއްވާށޭ. އަޅުގަނޑުމެންނަކަށް ހެލްކޮޕްޓަރެއް ބޭނުމެއް ނުވޭ. އަޅުގަނޑުމެންނަކަށް ޑޯނިޔާ މަތިންދާބޯޓެއް ބޭނުމެއް ނުވޭ. އެ އެއްޗެހި ގެންދަވާށޭ. މިރާއްޖޭގައި ތިބި ތިބޭފުޅުންގެ އަސްކަރީ ސިފައިން މިހާރުން މިހާރަށް ގެންދަވާށޭ. އަޅުގަނޑުމެންގެ ރައްޔިތުންނަކަށް ބޭނުމެއް ނުވޭ އެކަންކަމެއް. އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވަނީ އަމިއްލަ ފުދުންތެރިކަމުގައި ކުރިއަށްދާށޭ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ އަޅުގަނޑުމެންނޭ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނޭ. އެކަން ދިވެހި ރައްޔިތުން އޮތީ ކޮށްފައޭ
އަބްދުއްރަހީމް އަބްދުﷲ | އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު

އަބްދުއްރަހީމް މިރޭ ވިދާޅުވީ ދިވެހި ގައުމު ސަލާމަތްކޮށްދޭނެ ވެރިންނެތް އަދި މުއައްސަސާތަކެއްވެސް ނެތް ކަމަށެވެ. ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ގައުމުގެ އިސްތިގުލާލު ދެމެހެއްޓޭނީ ރައްޔިތުން ތެދުވެ މަސައްކަތް ކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރާއްޖެ މި ހާލަތަށް ވައްޓާލުމުގެ ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އެމްޑީޕީ އާއި ރަައީސް ސޯލިހް ނޫން ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއާރްއެމް އާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި އަދާލަތު ޕާޓީ އާއި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲވެސް މި ހާލަތުގެ ޒިންމާ ހަމަހަމަކޮށް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ އެކި ނަންނަމުގައި ރާއްޖެ އަންނަ އިންޑިއާ މީހުންނާމެދު ސުވާލު އުފައްދާ ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

"ރާއްޖެއަށް އެކި ނަންނަމުގައި، މަގުހަދާ މީހުންގެ ނަމުގައި، ބްރިޖް އަޅާ މީހުންގެ ނަމުގައި، ސައި ހަދާ މީހުންގެ ނަމުގައި، ކުނިކަހާ މީހުންގެ ނަމުގައި، އެއްޗެހި އޮންނަ މީހުންގެ ނަމުގައި މި އަންނަ މީހުންނަކީ މިއީކީ އާދައިގެ ބައެއް ނޫން. އެ މީހުންއައިސް އަޅުގަނޑުމެންގެ ރަށްރަށުގައި ހުންނަ ކުދިކުދި ގޭގެ ފަނަރަހާހާ ވިހިހާހަށް ހިފައިގެން މިއަދު އެކުރާ މަސައްކަތުގެ ނަތީޖާއާ އަޅުގަނޑުމެން ބައްދަލުކުރަން ޖެހޭނީ މާދަމާ. މިއީ ބިރުހުރި ކަމެއް. މިއަދު ބްރިޖް ހެދުމުގެ ނަމުގައި މަގުހެދުމުގެ ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހިރައްޔިތުން އެ މީހުންގެ ގޯތިގެދޮރުން ނެރެ ބޭރުކުރާނެ މީހުން. އެ މީހުންނަކީ އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާނެ މީހުން،"

އަދި ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތީ ގޮއްވަން ތައްޔާރުވެފައިވާ އަލިފާން ފަރުބަދައެއްގެ މިސާލުގައި ކަަމަށެވެ.

"ފަރުބަދަ ގޮވުމުގެ ކުރީން އެ ފަރުބަދައިން ދުން އަރަން ފަށާ. ދުން އަރަން ފެށީމަ އެއީ ވަރަށް ރީތި މަންޒަރަކަށް ވެގެން އެ ހިސާބުގައި އުޅޭ މީހުން އެ ފަރުބަދަ ކައިރިއަށް ގޮސް އެއްބަޔަކު އެ މަންޒަރު ފޮޓޯ ނަގާނެ، އަނެއް ބަޔަކު އެ މަންޒަރު ވީޑިއޯ ކުރާނެ. ސޯޝަލް މީޑިއާއަށްލާނެ. މިފަދަ ކަންކަމުގައި ޣާފިލުވެ ތިއްބާ މިފަރުބަދަ ބަންކިޔާފައި ގޮވަނީ. ގޮވީމަ ދެން މިވާ ގޮތަކީ މުޅި ހިސާބުގަނޑު ފުނޑުފުނޑު ވެގެންދަނީ. އެ ހިސާބުގަނޑުގެ އެންމެން މަރުވެ ނެތިދަނީ. ހަމަޖެހިގެން ބަލާލާއިރު މުޅި ސަރަހައްދު އޮންނަނީ ހަނަފަސް ސަހަރާއަކަށް ބަދަލުވެފައި. ތިބޭފުޅުން ގަބޫލުކުރައްވަންވީ އެއް ހަގީގަތަކީ ރާއްޖެ މިހާރު މި އޮތީ އަލިފާން ފަރުބަދަ ގޮވަން ދުންއެރުމުގެ މަރުހަލާގައި. އަޅުގަނޑުމެންނަށް މި ފަރުބަދަ ގޮވާނެ ވަގުތެއް ނޭންގޭނެ،" ޗައިނާއާ ހާއްސަ ގުޅުންތަކެއް ބާއްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑުކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.