އަބްދުއްރަހީމް އަބްދުﷲ

ދިވެހި ދައުލަތުގެ ހުރިހާ ބާރެއް އޮތީ އިންޑިއާއަށް ދީފައި: އަދުރޭ

ދިވެހި ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް އިންޑިއާ ސަރުކާރަށް ދީފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަބްދުއްރަހީމް ވަނީ ރާއްޖެ-އިންޑިއާ ގުޅުން މިހާރު އޮތް ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ވިދާޅުވިއެވެ. ވަރަށް ގިނަ ތުހުމަތުތައްވެސް ކުރެއްވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހި ސަރުކާރުން އިންޑިއާއަށް ބަރޯސާވެފައިވަނީ ދިވެހި ރައްޔިތުން ބިރުގަންނަ މިންވަރަށް ކަމަށެވެ.

"ދަރުމަވަންތަ ހޮސްޕިޓަލް އިންޑިއާއަށް ރަހުނުކޮށްދީފި. އޮލިންޕަސް އިންޑިއާއަށް ރަހުނުކޮށްދީފި. ވެލާނާ ބިލްޑިންގް އިންޑިއާއަށް ރަހުނުކޮށްދީފި. އަޅުގަނޑުމެންގެ ދަރިން ކިޔަވަން ހުރި މަދަރުސާތައް އިންޑިއާއަށް ރަހުނުކޮށްދީ. އަދި ކޮބައިތޯ އޯޑިއޯން ހުރި ބިން އެ އޮތީ އިންޑިއާއަށް ދީފައި. ސަރުކާރު މުވައްޒިފުންގެ ނާދީ ހުރި އެ އޮތް ބޮޑު ބިން އެ އޮތީ އިންޑިއާއަށް ދީފައި. މި ލިސްޓް މިހާ ހިސާބަކުން އަދި ނުނިމޭ. ގައުމާ ދޭތެރޭ ވިސްނާ ވަޑައިގަންނަވާ ބޭފުޅަކަށް އެ ބޭފުޅެއްގެ ލޮލުން އޮހޮރޭ ކަރުނަ ހުއްޓޭކަށް ނެތް. މިއީ ހާދަހާ ބިރުވެރި ކަަމެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ކޮންމެ ބިން ކޮޅެއްގެ އޮތީ އިންޑިއާއަށް ހިބަކޮށްދީފައި ކަމަށެވެ. ކޮންމެ އިމާރާތެއް އޮތީ އިންޑިއާއިން ބޭނުން ގޮތެއް ހަދާލެވޭ ގޮތަށް ދޫކޮށްލާފައި ކަމަށެވެ. އެއީ އިހާނެތި ކަމާއި އަޅުވެތި ކަމުގެ އިންތިހާ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ކަސްޓަމަށް އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފްސީލު ހިނދުން ހިނދަށް އިންޑިއާއަށް ލިބޭނެ މަގު މިއަދު ވަނީ ހަމަޖައްސާފައި. އަދި މިކަން ވަނީ މިއަދު ސަރުކާރުގެ މައްޗަށް ލާޒިމުކޮށްފައި. ދިވެހިރާއްޖޭގެ ކަނޑުއަޑީގެ މައުދަންތަކާއި ގުދުރަތީ މުއްސަދިކަން ހުރި މިންވަރު ބެލޭނެ ކުރެހުންތަކާއި އެ ކުރެހުންތައް އިިންޑިއާގައި ރައްކާކުރުމުގެ ހުއްދަ ވަނީ ދީފައި. ދިވެހި ދައުލަތުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ބާރަކާއި އިހުތިޔާރެއް ވަނީ އިންޑިއާ ސަރުކާރަށް ދޫކޮށްލާފައި. މީގެ މާނައަކީ ކޮބައިތޯ. އާދެ، މީގެ މާނައަކީ ދިވެހި ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް މިވަނީ އިންޑިއާއަށް ދީފައިވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ރާއްޖެ-އިންޑިއާ ގުޅުމާމެދު ބޮޑެތި ތުހުމަތުތަކެއްވެސް ކުރައްވާފައެވެ.

ވިދާޅުވީ ދިވެހިން ކުރާ ފޯނު ކޯލުތައް ވަގުތުން ވަގުތަށް އަޑުއެހޭނެ ގޮތް އިންޑިއާ އެމްބަސީގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދިވެހިން އިންޓަނެޓުން ބަލާ ކަންކަންވެސް އެ މީހުން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިލޭ ޕޮލިސް ސްޓޭޝަންތައް ހަދައިދެމުން ދަނީ ކޮންމެ ރަށެއްގައި އިންޑިއާ ސިފައިން ބޭތިއްބެވުމުގެ ސިއްރު އެއްވަސްވުމެއްގެ ދަށުން ކަމަށެވެ.

މިއީ ދިވެހި ގައުމާމެދު ރަހުމެއް ހުރި އެއްވެސް ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.