ލައިފްސްޓައިލް

ހާޓް އެޓޭކް ޖެހި މަރުވާ ޒުވާނުން ގިނަވަނީ

ފިލްމު އަދި ޓީވީ އެކްޓަރު ސިދާރްތު ޝުކްލާ ހާޓް އެޓޭކެއް ޖެހި ކުއްލިއަކަށް މަރުވުމުން ގިނަ ބަޔަކަށް ވަނީ ޝޮކް ލިބިފަ އެވެ. އުމުރުން އެންމެ 40 އަހަރުގައި ސިދާރްތު އަށް ހާޓް އެޓޭކް ޖެހުމުން މިކަމާ ގުޅޭ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރު ކުރަން ބައެއް ޑޮކްޓަރުން ތަފާތު އިރުޝާދުތައް ދެއްވާފައި ވެއެވެ.

ވަރަށް ޒުވާން އުމުރުގައި ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވާ މީހުން މިހާރަކަށް އައިސް ވަރަށް ގިނަވެފައިވާއިރު މިކަމާ މެދު އެންމެން ވެސް ހޭލުންތެރިވުން މުހިއްމެވެ. އަދި ހާޓް އެޓޭކް ޖެހެން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ދެނެގަނެ އެކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމެވެ.

މިކަމާ ގުޅޭ ގޮތުން ޓައިމްސް އޮފް އިންޑިއާ އިން އިންޑިޔާގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރައްވާ ބައެއް ކާޑިއޮލޮޖިސްޓުންގެ އިރުޝާދުތައް ހިމެނޭ ރިޕޯޓެއް ޝާއިއުކޮށްފައި ވެއެވެ. މި ރިޕޯޓުގައި ޑޮކްޓަރުން ވަނީ ހާޓް އެޓޭކް ޖެހޭ ސަބަބުތަކާއި ސަލާމަތްވާން ކުރެވިދާނެ ގޮތްތައް ވަރަށް ތަފްސީލުކޮށް ކިޔައި ދެއްވާފަ އެވެ. ވަރަށް ފިޓްކޮށް ސިއްހަތު ރަނގަޅުކޮށް ހުންނަ މީހުން ވެސް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވާތަން މިހާރަކަށް އައިސް ވަރަށް ގިނައިން ފެނެ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

ޗެމްބޫރުގެ ޒެން މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. ނާރަޔަން ގަޑްކަރް މި ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވަނީ މިގޮތަށް ދިމާވާ މައިގަނޑު އެއް ސަބަބަކީ ސްޓްރެސް ކަމަށެވެ. އެއާއެކު އެމީހާއަށް ނޭނގި ނަމަވެސް ހަކުރުބައްޔާއި ލޭ މައްޗަށް ދިއުން ފަދަ މައްސަލައެއް ހުރެއްޖެނަމަ ހިތަށް ލޭ ފޮނިވައިދޭ ލޭހޮޅިތަކުގެ ސިއްހަތު ރަނގަޅު ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކޮލެސްޓްރޯލް ގިނަވުމުގެ ސަބަބުން ލޭ ހޮޅިތަކުގެ އެތެރޭގައި ފޮރި ކަހަލަ ސަރުބީ ޖަމާވެފައި ހުއްޓަސް އެމީހަކަށް ނޭނގި ހުރެދާނެ ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ބްލަޑް ވެސަލްސްތައް ހަނިވާ ސަބަބެއް. އަދި މީގެ ސަބަބުން ހިތަށް ބާރު ބޮޑުވެ ހިތުގެ މައްސަލަތައް ކުރިމަތިވޭ. ކޮލެސްޓްރޯލް މަތިވުމަކީ ވެސް ހިތުގެ މައްސަލަތައް ދިމާވާނެ ކަމެއް. އެންމެ މުހިއްމު ކަމަކީ އުނދަގުލެއް ވާނަމަ އަޅާނުލާ ނުހުރެ އަވަހަށް ޑޮކްޓަރަކަށް ދައްކައިގެން ވެގެން އުޅޭ ގޮތެއް ބެލުން. އެކަށީގެންވާ ވަގުތު އޮއްވާ ފަރުވާ ކުރެވިއްޖެނަމަ ހާޓް އެޓޭކް ފަދަ މައްސަލަތައް ކުރިމަތިވުން މަދުކުރެވޭނެ،" ޑޮކްޓަރ ވިދާޅުވި އެވެ.

ބައެއް ޒުވާނުންނަށް ހިތުގެ މައްސަލަތައް ދިމާވުމުގައި ޖެނެޓިކް ފެކްޓާތައް ވެސް މުހިއްމު ދައުރެއް ކުޅެ އެވެ.
"ހަކުރުބައްޔާއި ސްޓްރެސް އިތުރުވުން މިއީ ޒުވާނުންނަށް ހާޓް އެޓޭކް ޖެހޭ މައިގަނޑު ސަބަބުތަކަކީ. ކޮވިޑް-19 ޖެހޭ މީހުންނަށް ވެސް ހާޓް އެޓޭކްގެ ނުރައްކާ އިތުރުވޭ. އެއީ ލޭކޮޅެއް ގަނޑުގަތުމުގެ މައްސަލަތައް މިމީހުންނަށް އިތުރުވާތީ،" ކާޑިއޮލޮޖިސްޓް ވިދާޅުވި އެވެ.

އިންޑިޔާގެ ނާނާވަތީ މެކްސް ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލުގެ ކާޑިއޮލޮޖީގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ލޭކާ ޕާތަކް ވިދާޅުވީ ކުއްލިއަކަށް ވަރަށް ވަރުގަދަ ހާޓް އެޓޭކެއް އައުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިތުގެ ވިންދު ރަނގަޅު ނުވުން ހިމެނޭ ކަމަށެވެ. ވެންޓްރިކިއުލާ ފިބްރިލޭޝަން އޮފް ވެންޓްރިކިއުލާ ޓެކީކާޑިއާ ނަމަކަށް ކިޔާ މި ބަލި 40 އަހަރުން ދަށުގެ ޒުވާނުންނަށް ވަރަށް ގިނައިން މި ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި ކުރިމަތިވަމުން އަންނަކަން ޑޮކްޓަރު ފާޙަގަ ކުރެއްވި އެވެ.

ވަކިވަކި ފަރުދުންނަށް ލިބޭ އާމްދަނީ އިތުރުވުމުން އެމީހުންގެ ލައިފްސްޓައިލް ބެހެއްޓޭ ގޮތުން މިފަދަ މައްސަލަތައް ޒުވާނުންނަށް ކުރިމަތިވާ މިންވަރު އިތުރުވަމުން ދަނީކަމަށް ޑޮކްޓަރު ގަބޫލުކުރައްވަ އެވެ. ފާސްޓް ފުޑް މާ ގިނައިން ކެއުމާއި މާގިނައިން ސިނގިރޭޓް ބުއިން، ޑްރަގް ނޫނި ސްޓެރޮއިޑް ނަހަމަ ގޮތުގައި ބޭނުންކުރުން، އާއިލީގައި ހިތުގެ މައްސަލަތައް ގިނަވުން މިއީ ކުއްލިއަކަށް ވަރުގަދަ ހާޓް އެޓޭކެއް ޒުވާނުންނަށް ޖެހޭ ސަބަބުތައް ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

ޑޮކްޓަރުން އިރުޝާދަކީ: - ޒުވާނުން ހާޓް އެޓޭކާ ދުރުވުމަށް ސިނގިރޭޓާއި ބަނގުރަލާ ދުރުވުން މުހިއްމެވެ. އަދި ބެލެންސް ޑައިޓެއް ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. ނަޓްސް އާއި ބެރީޒް، ސީޑްސް، ތާޒާ މޭވާ، ތަރުކާރީ، މުގުގެ ބާވަތްތައް، ހޯލް ގްރެއިން ބާވަތްތައް ކާން އާދަކުރާށެވެ. ވީހާވެސް މަދެއްކޮށް ތެލާއި ލޮނު އަދި ހަކުރު ބޭނުންކުރާށެވެ. އަދި ޖަންކް ފުޑް އާއި ތެލުލާފައި ހުންނަ ކާއެއްޗެތި، ހަވާދު، ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ބޭނުން ކުރުން ހުއްޓާލާށެވެ.

ސްޕިނެޗް، ބްރޮކޮލީ، ކޭލް، އޮރެންޖް، ކިވީ، ކެރޮޓް އަދި އޮމެގާ-3 ފެޓީ އެސިޑް އިން މުއްސަނދިވެފައިވާ ވޯލްނަޓްސް ފަދަ އެއްޗެތި ކާން އާދަކުރާށެވެ.

ގިނައިން ފެން ބޮއި، އެކި ކަހަލަ ކާބޮނޭޓަޑް ޑްރިންކް އާ ދުރުހެލިވާށެވެ. ކޮންމެ ދުވަހަކުވެސް ކަސްރަތުކުރާށެވެ. ނަމަވެސް މާ ހަށިގަނޑަށް ބާރު ބޮޑުވާ ކަހަލަ ކަސްރަތުތަކާ ދުރުހެލިވާށެވެ. ބަރުދަން އާދައިގެ ވަރެއްގައި ބެހެއްޓޭތޯ ކެނޑިނޭޅި މަސައްކަތް ކުރާށެވެ. ކޮލެސްޓްރޯލާއި ހަކުރު އަދި ޕްރެޝަރު ދޭތެރެ ދޭތެރެއިން ޗެކް ކުރާށެވެ. ވީހާވެސް ބޮޑަކަށް ސްޓްރެސް ނުވެ އުޅެވޭތޯ މަސައްކަތް ކުރާށެވެ. ބުރަކޮށް މަސައްކަތް ކުރިޔަސް ސްޓްރެސް ފިލުވާލާނެ ވަގުތު ހޯދާށެވެ.