ޑިޕްރެޝަނަކީ މީހާގެ މޫޑް ބަދަލު ކޮށްލާ އެކަހެރި ކަމަށް ހިތް ޖައްސުވާ ވަރަށް ނުރައްކާރެތި ބައްޔެކެވެ. ކުއްލި ކުއްލިއަށް ދެރަ ވުމާއި މީހުންގެތެރޭ އުޅެން އުނދަގޫވާ ހާލަތަށް މީހަކު ދާނަމަ ވިސްނަންވީ އެއީ އެހެން މީހުންގެ އެހީތެރި ކަމާއި ލޯބި ބޭނުންވާ މީހެއް ކަމެވެ. ބައެއް އާއިލާ ތަކުން ދެކޭ ގޮތުގައި ޑިޕްރެޝަނަކީ އެމީހަކު އަމިއްލައަށް އެހެން މީހުންގެ ޝައުގުވެރިކަން ހޯދަން ހެދިގެން އުޅޭ އުޅުމެކެވެ.
ޑިޕްރެޝަން ތެރޭގައި ވެސް ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މީގެ ތެރެއިން ޕާސިސްޓަންޓް ޑިޕްރެޝަން ޑިސްއޯޑާ އަކީ، ކުރިން ވެފައި ހުރި ކަމަކާމެދު ވިސްނާ އެކަމާއި އަމިއްލަ ނަފުސު ކުށްވެރި ކުރުމެވެ. މިކަން ދެ އަހަރަށް ވުރެން ދިގު މުއްދަތަކަށް ދެމިގެން ދެއެވެ. އެއްވެސް ކަމަކާ ނުލައި ހުރެފައި ދެރަވާނަމަ އެއީ މި ބަލީގެ އަލާމާތެކެވެ. ކުޑަކުދިންނަށާއި މެދު އުމުރުގެ މީހުންނަށް މި ބަލީގައި އެއް އަހަރުގެ މުއްދަތެއް ބަލިން ރަނގަޅުވާކަން ދިރަސާތަކުން ދައްކަ އެވެ.
ސީޒަނަލް އެފެކްޓް ޑިސްއޯޑާ (އެސްއޭޑީ) އަކީ މޫސުމާއެކު ޖެހޭ ޑިޕްރެޝަންގެ ވައްތަރެކެވެ. މި ޑިސްއޯޑާ ހުންނަ މީހުން ކޮންމެ އަހަރެއްގެ ވެސް ވަކި ދުވަސް ވަރެއްގައި ޑިޕްރެސް ވެގެން އުޅެފާނެ އެވެ. މޫސުން ބަދަލު ވުމުން އަނެއްކާ ވެސް މީހާ ހަމައަކަށް އެޅެއެވެ.
ސައިކޮޓިކް ޑިޕްރެޝަން އަކީ ވަރަށް ސީރިއަސް ކަމެކެވެ. ކުއްލި ކުއްލިއަށް މީހާގެ މޫޑް ބަދަލުވެ ބައެއް ހާލަތް ތަކުގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހެއެވެ. ފަރުވާ ކުޑަ ކޮށްފިނަމަ ބައެއް މީހުންގެ ނަޒަރުގައި އެއީ ބުއްދިފިލައި ގޮސްފައިވާ މޮޔައެއް ކަމަށް ހަދައެވެ. ނަމަވެސް މީ ފަރުވާއިންނާއި އެހެން މީހުންގެ އެއްބާރުލުމާ ލޯބިން ރަނގަޅު ކުރެވޭނެ ކަމަކެވެ.
ޕޯސްޕޯޓަމް ޑިޕްރެޝަން އާންމުކޮށް ފެށެނީ މާބަނޑު ދުވަސްވަރު އެވެ. މި ބަލީގައި ވަރިބަލިވުމާއި ނިދަން އުނގަދޫވުމުގެ އަލާމާތްތައް ފެންނާނެ އެވެ. އަދި ބައެއް ހާލަތް ތަކުގައި މީ މައިމީހާއަށާއި ކުޑަ ދަރިފުޅަށް ނުރައްކާރެތި ކަމެއް ނަމަވެސް ބޭސް ފަރުވާއިން ރަނގަޅު ކުރެވޭނެ އެވެ.
ޕީއެމްޑީޑީ ޑިޕްރެޝަން ދިމާވަނީ އަންހެންކުދިންނަށެވެ. އެއީ އެކުދިންގެ ޕީރިއަޑް ވުމުގެ ހަފުތާއެއް ނޫނީ ދެހަފުތާ ކުރިން ހޯމޯންތަކަށް ބަދަލު އައުމުން ދިމާވާ ކަމެކެވެ. ބޭސް ބޭނުން ކުރުމުން މި ބަލި ރަނގަޅު ކުރެވޭ އަދި ޕީރިއަޑް ވުމަށް ފަހު ދެ ދުވަސް ނޫނީ ތިން ދުވަސް ތެރޭ ރަނގަޅު ވެއެވެ.
ސިޗުއޭޝަނަލް ޑިޕްރެޝަން ޖެހެނީ އޮފީސް މާހައުލާއި ލޯބިވާ މީހެއް ނިޔާވުމުންނާއި ސްކޫލް ދައުރުގަ ދިމާފެވަހުރި ކަމެއްގެ ސަބަބުންނާއި އުޅޭ މާހައުލު ބަދަލު ވުމާއި އަދި ލޯބިވެރިއާއި ޖެހޭ މައްސަލަ ތަކުންނެވެ.
ޑިޕްރެޝަންގެ ކޮންމެ ހާލަތެއްގައި ވެސް ކައިރީ ތިބި ހެޔޮއެދޭ މީހުންނާއި ޢައިލާގެ ފަރާތުން އެއްބާރުލުން ލިބޭ ނަމަ ކޮންމެ މީހަކީ ވެސް އެ ބަލިން ރަނގަޅު ކުރެވޭނެ މީހެކެވެ.