ނޮކިއާ 3310 ގެ މޮބައިލް ފޯނެއް ދިރުވާލި މީހެއްގެ ބަނޑުން ސާޖަރީ ހަދައިގެން އެ ފޯނު ނަގައިފި އެވެ. ކޮސޯވޯގެ ޕްރިސްޓީނާ ސިޓީގެ ޑޮކްޓަރުން 33 އަހަރުގެ މި މީހާގެ ބަނޑުން ފޯނު ނަގާފައި ވަނީ އެ ފޯނު ދިރުވާލިތާ ހަތަރު ދުވަސް ފަހުންނެވެ.
މި ސާޖަރީ ހެދި މެޑިކަލް ޓީމުގައި އިސްކޮށް ހުންނެވި ޑރ. ސެކެންޑަރް ޓެލްޖަކޫ ވަނީ އޮޕަރޭޝަންކޮށްގެން ނެގި މޮބައިލް ފޯނުގެ ފޮޓޯތަކެއް ވެސް ފޭސްބުކްގައި ޝެއާ ކޮށްފަ އެވެ. އަދި މި މީހާގެ ބަނޑުގެ އެކްސްރޭ އާއި އެންޑޮސްކޮޕީގެ ފޮޓޯތަކެއް ވެސް ޝެއާ ކޮށްފައި ވެއެވެ.
މެޑިކަލް ޓީމުން ކުރި މަސައްކަތުން މި ފޯނު ބަނޑުތެރޭން ނަގާފައި ވަނީ ބަނޑު ފަޅައިގެން ނުހުޅުވަ އެވެ. މިކަން ކުރީ ޚާއްސަ ޑިވައިސްއެއް ކަމަށްވާ އެންޑޮސްކޯޕްސް ބޭނުން ކޮށްގެންނެވެ.
ފޯނު ނެގީ ބަނޑު ތެރޭގައި އޮއްވާ ފޯނު ތިންބައި ކޮށްލައިގެން ކަމަށާއި ފޯނު ނެގުމުގެ ތެރޭގައި އިތުރު މައްސަލައެއް ކުރިމަތި ނުވާ ކަމަށް ޑޮކްޓަރު ވިދާޅުވެފައި ވެއެވެ.
މި މީހާ ފޯނު ދިރުވާލުމަށް ފަހު މާ ބޮޑަށް ތަދުވާ ވަރުން ކެތް ނުވެގެން ހޮސްޕިޓަލަށް ދިޔައީ ވެސް އަމިއްލަ އަށެވެ.
ޑރ. ޓެލްޖަކޫ ވިދާޅުވީ މިގޮތަށް ފޯނު ދިރުވާލުމުން އެންމެ ބޮޑު ނުރައްކަލަކަށް ވަނީ ފޯނުގެ ބެޓެރީ ކަމަށެވެ. ސަބަބަކީ ބަނޑު ތެރޭގައި ފޯނު އޮއްވާ ބެޓެރީ ގޮވުމުގެ ފުރުސަތު ބޮޑުވުމާއި އެގޮތަށް ގޮވައިފިނަމަ އޭގައި ހުންނަ ނުރައްކާތެރި ކެމިކަލްތައް ހަށިގަނޑުގެ އެތަން މިތަނަށް ދަތުރު ކުރާނެތީ އެވެ. އެހެންވެ ފޯނު ނުނެގޭހާ އިރު މިމީހާގެ ފުރާނައަށް ވަރަށް ނުރައްކާ އޮތް ކަމަށެވެ.
އެ މީހާ ފޯނު ދިރުވާލީ ކިހިނެއްކަމެއް މާ ބޮޑަކަށް ސާފެއް ނުވެ އެވެ. ނަމަވެސް ސާޖަރީއަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އާންމުކޮށް މީހުން ކައި ނޫޅޭ ތަފާތު ވައްތަރުގެ އޮބްޖެޓް ދިރުވާ ލެވުނަސް އޭގެ ތެރެއިން 80 ޕަސެންޓް އެއްޗެތިން ހަށިގަނޑަށް ގެއްލުމެއް ނުވެ ބޮޑުކަމު ދާއިރު އެ ތަކެތި ފައިބައިގެން ދާނެ އެވެ. ޚާއްސަކޮށް ވައްކޮށް ކުދިކޮށް ހުންނަ އެއްޗެތިން މާ ބޮޑު މައްސަލައެއް ގިނަ ފަހަރަށް ކުރިމައްޗެއް ނުވެ އެވެ. ނަމަވެސް ތޫނު އެއްޗިއްސާއި ވިހަ އެކުލެވޭ ތަކެތި އަދި ބޮޑެތި އެއްޗެތި ދިރުވާލުމުން އިމަޖެންސީ ސާޖަރީ ހަދައިގެން އެ އެއްޗެއް ނުނެގިއްޖެނަމަ ފުރާނައަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.
މި މީހާ ދިރުވާލި ނޮކިއާ 3310 މޮޑެލް އަކީ މީގެ 21 އަހަރު ކުރިން އުފެއްދި ފޯނެކެވެ. މި ފޯނަށް ގިނަ އަހަރުތަކެއް ވަންދެން ދުނިޔޭގެ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައި އޮތެވެ. ފޯނު ބަރާބަރު ކަމުންނެވެ. ނޮކިއާ އިން ބުނެފައިވާ ގޮތުގައި މި ވައްތަރުގެ 126 މިލިއަން ފޯނު ދުނިޔޭގެ އެކި ހިސާބުތަކަށް އެ ކުންފުނިން ވިއްކާފައި ވެއެވެ.