ތާލިބާނުން އަފްޣާނިސްތާނަށް އަރައިގަނެ ވެރިރަށް ކާބުލް ހިފުމާ ގުޅިގެން، އަފްޣާންގައި ތިބި އެމެރިކާ ސިފައިންގެ ފައުޖުތައް އެ ގައުމުން ބޭރުވާން ދުއްވައިގަތެވެ. ޓެރަރިސްޓުން ދީފާނެ ހަމަލާއަކުން ސަލާމާތްވާން އެމެރިކާ ސިފައިން ދުވެ ދިޔައީ އަސްކަރީ އުޅަނދުތަކާއި ހަތިޔާރާއި މުހިންމު އެތައް ލިޔުމެއް ވެސް ދޫކޮށްލާފަ އެވެ.
ޚަބަރުތައް ބުނާ ގޮތުން އެމެރިކާގެ އަސްކަރީ އުޅަނދުތަކެއް ތާލިބާނުން އީރާނާ ހަވާލު ކޮށްފި އެވެ. ވެހިކަލްތައް އީރާނާ ހަވާލުކުރާ ވީޑިއޯއެއް އިންޓަނެޓްގައި އާންމުވުމާ ގުޅިގެން ފާޑު ކިޔައި މަލާމާތްކުރާ މީހުނާއިގެން ސޯޝަލް މީޑިއާ މިހާރު އޮތީ އުތުރިއަރާފަ އެވެ.
ވޮޝިންޓަންގެ ނާގާބިލްކަމާ ހެދި މުޅި އެމެރިކާ ލަދުގެންފި ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ. އެމެރިކާގައި އުފައްދާފައި ހުރި އަގު ބޮޑު އުޅަނދުތަކެއް ޓެރަރިސްޓް ޖަމާއަތެއްގެ އަތްދަށަށް ދިޔަ ސަބަބު ވޮޝިންޓަނުން ސާފު ކޮށްދޭން ޖެހޭ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
އެމެރިކާ އަސްކަރީ އުޅަނދުތަކެއް ޓެރަރިސްޓުންނަށް ދޫކޮށްލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެވެ އެވެ. އެމެރިކާގެ އަސްކަރީ އުޅަނދުތަކެއް އީރާނަށް ފޯރުމަކީ އަދި ވަކިން ގެއްލުން ބޮޑު އަދި އެކަމުން ހިތި ނަތީޖާ ނުކުންނާނެ ކަމެއް ކަމަށް ވެސް ބުނެވެ އެވެ.
އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުން މިފަދަ ކަމެއް ހިނގާފާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ. އަފްޣާނުން އެމެރިކާ ސިފައިން ބޭލުމުގައި ވޮޝިންޓަނުން އަމަލުކުރިި ގޮތް ކަމުނުދާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
އެމެރިކާއިން ކުރިން ބުނެފައި އޮތީ ކަންތައްތައް ވެދާނެ ކަމަށް މަޝްރަހު ދިރާސާކުރާ މީހުން ބުނަނީ އެއީ ލަފާކުރެވޭ ގޮތް ކަމަށެވެ. އެހެން ނަމަވެސް އެމެރިކާ ސިފައިންނަކީ އަރާއަރަފޯދިފައި ތިބި ކުޅެދޭ ބައެއް ކަމަށެވެ. އެމެރިކާ ސިފައިން ކުރާ ކަމެއްގައި ފެއިލްވުމަށް ޖާގައެއް ނޯންނާނެ ކަމަށެވެ.
ސޯޝަލް މީޑިއާގައި ޚަބަރުތައް ފަރުތާ ގުރޫޕްތަކުން ބުނާ ގޮތުން އެމެރިކާ ސިފައިން ދޫކޮށް ދިޔަ ބައެއް ޓޭންކަރުތައް އީރާނުން ވެސް ވަނީ ހޯދާފަ އެވެ. ބުނެވޭ ގޮތުގައި އެމެރިކާއިން އަފްޣާން ސިފައިންނަށް ވަރަށް ގިނަ އުޅަނދު ހަވާލުކުރި އެވެ. ގާތްގަނޑަށް 70،000 ވެހިކަލް ހަވާލުކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެމެރިކާއިން ބުނާ ގޮތުން ތާލިބާނުންނަށް އެހާ އަވަހަށް އަފްޣާން ހިފުނީ ވެސް އީރާންގެ މަދަދުވެރިކަމުންނެވެ. އަދި ބުނީ ތާލިބާނުން ޓްރެއިންކޮށް ކާންދީ ބަލަހައްޓަނީ އީރާނުން ކަމަށެވެ.