ޗައިނާ - ނޭޕާލް ބޯޑަރުގައި ކޯޅުން ބޮޑު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެން އެ ސަރަހައްދުގައި މައްސަލައެއް އުޅޭތޯ ބަލައި ޗައިނާއާ މަޝްވަރާ ކުރަން ނޭޕާލް ސަރުކާރުން އޮތީ ކޮމިޓީއެއް އެކުލަވާލާފަ އެވެ.
ނޭޕާލްގައި ހުންނަ ޗައިނާ އެމްބަސީން ބުނި ގޮތުން ޗައިނާ - ނޭޕާލް ބޯޑަރުގައި އަރާރުމެއް، ޒުވާބެއް ނުހިނގަ އެވެ. އެއީ ދެ ގައުމު ހިއްސާކުރާ މިނިވަން ސަރަހައްދެކެވެ.
ޗައިނާ އެމްބަސީގެ ތަރުޖަމާނު ވަންގް ޝޯލޮން ވިދާޅުވީ ނޭޕާލައި ޗައިނާއަކީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމްކުރާ ދެ ގައުމު ކަމަށެވެ. ދެ ގައުމުގެ މިނިވަންކަމާ އިސްތިގުލާލް ރައްކާތެރި ކުރުމުގައި ދެބައި މީހުން އެއްވަރަށް ހިއްސާވާ ކަމަށެވެ.
ތަރުޖަމާން ވިދާޅުވި ގޮތުން ޗައިނާއާ ނޭޕާލް ގުޅޭ ބޯޑަރު ސަރަހައްދާ މެދު އުފެދިފައި އޮތް ނުތަނަވަސްކަން 1960 ގައި އޮތީ ހައްލުކޮށްފަ އެވެ. ޗައިނާއާ ނޭޕާލް މިއަދާ ހަމައަށް ދެމިއޮތީ އެ އިގުރާރުގައި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހަމަނުޖެހުން އުފެއްދުމުގައި ދެ ގައުމަށް ނިސްބަތްނުވާ ބަޔަކު ބައިވެރިވެ އެވެ. ކުދިކުދި ގަބީލާތަކަށް ހުތްއަޅައި މަޝްރަހު ގެއްލުވާލަން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ފައިދާ ހޯދަން އެދޭ ބައެކެވެ.
ޗައިނާއިން ބުނީ ބޯޑަރު ސަރަހައްދުގައި ހިންގާ އިގުތިސޯދީ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ވެސް ނޭޕާލްއާ މަޝްވަރާކުރާ ކަމަށެވެ. އަދި އެފަދައިން ހިންގާ ޕްރޮޖެކްޓްތަކުން ނޭޕާލަށް ވެސް މާލީ ތަނަވަސްކަން ފޯރާ ކަމަށެވެ.
ނޭޕާލްގައި ސިޔާސީ އޮއިވަރަށް އަންނަ ބަދަލުތަކާ ގުޅިގެން ޗައިނާއަށް ބޮޑެތި ތުހުމަތު ކުރެވެ އެވެ. ކޮންމެ ޕާޓީއަކުން ވެރިކަން ކުރި ނަމަވެސް ދުވަސްކޮޅެއްގެ ތެރޭގައި ޗައިނާގެ މަޅީގައި ޖެހި ގައުމަށް މާބޮޑު ފައިދާއެއް ނެތް ކަންތައްތަކުގައި ޗައިނާ ކޮޅަށް އަރާ ކަމަށް އޮންނަނީ ތުހުމަތު ކޮށްފަ އެވެ.
ޗައިނާއިން ބުނީ ނޭޕާލަކީ ވެސް މިނިވަން ގައުމެއް ކަމަށާއި ގާނޫނާއި ގަވާއިދު ހަދަނީ މަޖިލީހުގައި ކަމަށެވެ. އެހެންކަމުން ބޭރު ގައުމުތަކުން ހުށަހަޅާ އިގްތިސޯދީ ޕްރޮޖެކްޓްތަކަށް ރުހުން ދިނުމުގައި މަޖިލީހުން ގޮތެއް ނިންމުމުން ގާނޫނީ ގޮތުން އެކަމަކަށް ހުއްދަ ދެވުނީ ކަމަށެވެ.