ފެން ބޮޑުވުން

ފޭދޫ އާއި މަރަދޫފޭދޫގެ ފެން ހިންދުމުގެ މަސައްކަތަށް ކޮމެޓީއެއް

ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާ އައްޑޫ ސިޓީ މަރަދޫ ފޭދޫ އާއި ފޭދުގެ ސަރަހައްދުތަކުން ފެންހިންދުމުގެ މަސައްކަތް ކުރަން ފަސް މެންބަރުންގެ ސްޓްއަރިން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ކޮމިޓީ އެކުލަވާލާފައިވަނީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި އައްޑޫ ސިޓީގައި ފެންހިންދުމުގެ މަސައްކަތްކުރާ މުއައްސަސާތަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

ޑިސާސްޓަ މެނޭޖްމަންޓް ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަރަދޫ ފޭދޫގައި ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެންހިންދުމާ، ރައްޔިތުންނަށް ބޭނުންވާ އެހެނިހެންވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ސްޓްއަރިން ކޮމިޓީއެއް މިހާރު އެކުލަވާފައިވާ ކަމަށެވެ.
އެ ކޮމިޓީގައި އެމްއެންޑީއެފްއާ ޕޮލިސް ސާވިސްއާ، އެމްއާރްޑީސީގެ އިތުރުން ހައުސިން މިނިސްޓްރީ އާއި ޑިސާސްޓަ މެނޭޖްމަންޓް ސެންޓާ ހިމެނެ އެވެ.

ކޮމިޓީގެ ޗެއާ އަކީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމެވެ.

ޑިސާސްޓަ މެނޭޖްމަންޓުން ބުނީ މިދިޔަ އަންގާރަ ދުވަހު ބޯކޮށް ވާރޭވެހި މަރަދޫ ފޭދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްގެންދާ ކަމަށެވެ.