ތަފާތު މޮޅު ކުޅުމެއް ދައްކައި ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާ އޭނާގެ 201 ވަނަ މެޗު ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
ވިނީޝިއަސް އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ހަޔާތުގެ 201 ވަނަ މެޗު ކުޅުނީ ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް ޓީމަށެވެ. އެ މެޗުގައި ބްރެޒިލުން ވަނީ ޗިލީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކުރި ހޯދާފަ އެވެ.
އޭނާގެ 201 މެޗުގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ރެއާލް މެޑްރިޑަށެވެ. ރެއާލްގައި 121 މެޗު ކުޅުނުއިރު، އޭނާގެ ކުރީގެ ކްލަބް ފްލެމިންގޯއަށް 69 މެޗު ވިނީޝިއަސް ކުޅެދިނެވެ. އަދި ބްރެޒިލްގެ ގައުމީ ޓީމަށް ހަ މެޗު ކުޅެދިނުމުގެ އިތުރުން ރެއާލް މެޑްރިޑް ކަސްޓިޔާއަށް ވިނީޝިއަސް ފަސް މެޗު ކުޅެދިނެވެ.
އުމުރުން އެންމެ 21 އަހަރުގައި 200 އަށް ވުރެ ގިނަ މެޗު ކުޅެދިނުމުން ވިނީޝިއަސް އަކީ ރެއާލްގެ އިތުރުން ބްރެޒިލްގެ ޓީމަށް ވެސް ކިހާ މުހިންމު ކުޅުންތެރިއެއްކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާގެ ބޭނުން މި ޓީމު ތަކަށް މާބޮޑަށް ޖެހޭނެ ކަމަށް ބެލެވެ އެވެ.
ސްޕެއިންގެ އެންމެ ބޮޑު އެއް ކްލަބް ރެއާލް އާއި ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނޭ ބްރެޒިލް ޓީމަށް މިހާ ގިނަ މެޗު ތަކެއް ކުޅެދިން އިރު، ޓީމު މާޔޫސްވާން ޖެހުނަ ނުދީ ވިނީޝިއަސް ވަނީ އޭނާގެ ދައުރު ވަރަށް ފުރިހަމައަށް އަދާކޮށްފަ އެވެ. އޭނާގެ ކެރިއަރު ފެށުނީއްސުރެ މިއަދާއި ހަމައަށް ކެރިއަރުގައި ދަތި އެތައް ކަމެއް ހިނގިއިރު ވެސް ވިނީޝިއަސް ވަނީ މެންޓަލީ އަދި ފިޒިކަލީ ވެސް ވަރަށް ރަނގަޅަށް މީހާގެ ހާލަތު ދަމަހައްޓާފަ އެވެ.
އަދި މި ސީޒަންގައި ރެއާލް ކުޅުނު ތިން މެޗުގައި ވިނީޝިއަސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ތިން މެޗުން ތިން ގޯލާއި އެކު މި ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ރެއާލްގެ ކުޅުންތެރިއަކީ ވެސް ވިނީޝިއަސް އެވެ. މީގެ އިތުރުން އެޑެން ހަޒާޑުގެ ބަދަލުގައި ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް އޭނާ ވަނީ ކޯޗު ކާލޯސް އެޗެލޯޓީގެ ހިތް ފަތަހަ ކޮށްފަ އެވެ.
އެކަމަކު އިންޓަނޭޝަނަލް ބްރޭކަށް ފަހު ސެޕްޓެމްބަރު 12 ވަނަ ދުވަހު ސެލްޓާ ވީގޯ އާއި ރެއާލް ބައްދަލުކުރާ މެޗުގައި ފުރަތަމަ 11 އިން ފެނުން ގާތީ ހަޒާޑް އެވެ. އެއީ ބޮޑެތި އިންޓަނޭޝަނަލް މެޗު ތަކަށް ފަހު އޭނާ އަށް އެނބުރި ރެއާލް ޓީމާއި ގުޅެވޭނީ އެ މެޗުގެ އެއް ދުވަސް ކުރިން ކަމަށް ވާތީ އެވެ. ނަމަވެސް ސެޕްޓެމްބަރު 15 ގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި އޭސީ މިލާން އާއި ރެއާލް ވާދަކުރާ މެޗުގައި ރެއާލްގެ ފުރަތަމަ 11 އިން ވިނީޝިއަސް ފެންނާނެ ކަމަށް ބެލެވެ އެވެ.
މިއަންނަ ސީޒަނުގައި ކީލިއަން އެމްބާޕޭ ރެއާލް އާއި ގުޅޭނެ ކަމަށް ބެލެވޭއިރު، އެފަދަ މޮޅު ފޯވާޑެއް ޓީމަށް އިތުރުވުމުން ފުރަތަމަ 11 އިން ޖާގަ ހޯދަން ބޭނުން ނަމަ ވިނީޝިއަސް އަށް ގިނަ މަސައްކަތްތަކެއް ކޮށް މޮޅު ކުޅުމެއް ދައްކަން ޖެހޭނެ އެވެ.
ވިނީޝިއަސް އަކީ މިވަގުތު ރެއާލްގައި ހުރި ހަތަރު ވަނައަށް އެންމެ މުސާރަ ދަށް ކުޅުންތެރިޔާ އެވެ. އެހެންކަމުން މިއަންނަ ސީޒަނަށް ވާއިރަށް އާ އެގްރީމެންޓެއް އެކުލަވާލައި އޭނާގެ މުސާރަ ބޮޑު ކުރަން ވިނީޝިއަސް މަސައްކަތް ކުރާނެ ކަމަށް ބެލެވެ އެވެ.