ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭއިން އިތުރު ދެ ރަށެއް ބަންދުކޮށްފި

ރަށުތެރެއިން ކޮވިޑް ކޭސްތައް ފެނުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ސ. ހުޅުމީދޫ އާއި ރ. ރަސްމާދޫ މިއަދު ބަންދުކޮށްފި އެވެ.

މި އާއި އެކު އެޗްޕީއޭއިން ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު 23 އަށް ވަނީ އިތުރުވެފަ އެވެ.

ބަންދު ކޮށްފައިވާ ރަށްތަކުގެ އަދަދު ދަށްވުމަށް ފަހު މި ފަހަކަށް އައިސް އަނެއްކާ ވެސް ވަނީ އެ އަދަދު އިތުރުވާން ފަށާފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތީ ރ. ދުވާފަރެވެ. އެރަށް ބަންދުކުރީ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނައި އެއްވެސް ރަށެއް މިހާރު މި ލިސްޓަކު ނެތެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހު ބަންދުކުރި ރަށްތަށްވެސް މިހާރު މި ލިސްޓަކު ނެތެވެ.

މިދިޔަ އޮގަސްޓު މަހުގައި 19 ރަށެއް އެޗްޕީއޭގެ ލިސްޓަށް ވަނީ އިތުރުވެފަ އެވެ. އެއީ އއ. ހިމަންދޫ، ހދ. ހަންޏާމީދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކު ސިޓީ، ގދ. މަޑަވެލި، ތ. ވޭމަންޑޫ، ލ. މުންޑޫ، ށ. މިލަންދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، ށ. ކަނޑީތީމު، ހދ. ނޮޅިވަރަން، މ. ވޭވައް، އައްޑޫ ސިޓީގެ ހަތަރު އަވަށެއް (ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ) އަދި ހދ. ނޮޅިވަރަންފަރެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ފެނިގެން މިމަހުގެ އެއްވަނަ ދުވަހު ރ. މަޑުއްވަރި ވެސް ބަންދުކޮށްފަ އެވެ. އަދި މިއަދު ވަނީ ސ. ހުޅުމީދޫ އަދި ރ. ރަސްމާދޫ ވެސް ބަންދުކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 179 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 81،653 އަށް އަރާފަ އެވެ. އިއްޔެ އިރުއޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭ އިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 42 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 120 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 17 މީހަކު ޕޮޒިޓިވްވެފައިވެ އެެވެ.