މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޤުރުއާންގެ އާޔަތެއް ނުބައިކޮށް ލިޔެވެން ދިމާވި ސަބަބު ދެނެގަންނަނީ

ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ނުބައިކޮށް ލިޔެފައިވަނީ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައިވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުރޭޑް އެކެއްގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްްރިންޓް ކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުލެވިފައިވާ ކަމަށް އެ މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލުކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެގޮތުން މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސުކޫލުތަކާ ހިއްސާކޮށް ސުކޫލުތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަވަމުން ގެންދަވާނެ އެވެ،"

އެ މިނިސްޓްރީން ބުނީ އެ ފޮތަކީ ޕްރިންޓް ކުރުމުގެ ކުރީން އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުން ޗެކްކޮށްފައިވާ ފޮތެއް ކަަމަށެވެ. އެހެން ކަމުން އެ ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.