ދުނިޔެ

ނިއުކްލިއާ ވާހަކަތައް ދެއްކިދާނެ، ޕްރެޝަރު ކޮށްގެން ނުވާނެ: އީރާން

ނިއުކްލިއާ ޑީލް ތާޒާ ކުރަން މަޝްވަރާއަށް ދާން އީރާން ތައްޔާރު ކަމަށް އީރާންގެ ރައީސް، އިބްރާހީމް ރައީސީ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ދުނިޔޭ ބާރުތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އެކަމަކު ހުޅަނގުން ޕްރެޝަރު ކޮށްގެން ނުވާނެ ކަމަށެވެ.

"ނިއުކްލިއާ މަޝްވަރާތަކަށް އީރާން ތައްޔާރު ކަމަށް އަޅުގަނޑު އޮންނާނީ ދަންނަވާފައި،" ރައިސީ ވިދާޅުވި އެވެ. "އެކަމަކު ބޮލުގައި ބަޑިޖައްސައި ވަކި ގޮތްތަކެއް މަޖުބޫރު ކޮށްގެން އެ ކުރެވެނީ މަޝްވަރާ ނޫންކަން އެމެރިކާއާ ހުޅަނގަށް އެގެންޖެހޭ،" ރައީސީ ވިދާޅުވި އެވެ.

ރައީސީ ވިދާޅުވީ މަޝްވަރާތައް އެޖެންޑާ ނުކޮށްގެން ކުދި ކިޔާނެ ކަމެއް ނެތް ކަމަށާއި ނިއުކްލިއާ މަޝްވަރާއަކީ މާކުރިއްސުރެ އެޖެންޑާ ކޮށްފައި އޮތް ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން މުހިންމީ ބަސްމަދުކޮށް އަމަލު ގިނަ ކުރުން ކަމަށެވެ.

އީރާން މަޝްވަރާތަކަށް ތައްޔާރު ނަމަވެސް ހުސް ވާހަކަތަކެއް ނުދައްކާނެ ކަމަށް ރައީސީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ވާހަކަތަކުން އަލިމަގެއް ފެންނަން ޖެހޭނެ އެވެ.

ހުޅަނގުން ރަހަލައްވައި އީރާނާ އެމެރިކާއާ 2015 ގައި ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން އުވާލެއްވީ ޑޮނަލްޑް ޓްރަމްޕް 2018 ގައެވެ. ބައިޑަން އެމެރިކާ ރައިސްކަމާ ހަވާލުވެ ވަޑައިގެން ނިއުކްލިއާ އެއްބަސްވުން އަލުން ދިރުވަން މަސައްކަތްކުރާއިރު ކުރިއަށް ވުރެ މާގިނަ ހުރަސްތަކެއް ހުރީ ފެންމަތީގަ އެވެ.

އީރާނާއެކު އެމެރިކާއާށް އެއްބަސްވުމަކަށް ނުދެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ އިޒްރޭލުގެ ކުސްތެޅުމެވެ. އިޒްރޭލު ބޭނުންވަނީ ނިއުކްލިއާ އެއްބަސްވުމަކަށް ނުގޮސް އީރާނަށް ހަރުކަށިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.