މުހައްމަދު ހަމީދު

އޮފިސަރުންނާ މެދު ގޮތް ނިންމުން މަޝްވަރާގައި

ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ ކޮމިޝަންޑް އޮފިސަރުންނާ މެދު ގޮތްތަކެއް ނިންމަން ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ތިންވަނަ މާއްދާގެ (ނ) ގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާ ދާއިމީ ކުރުމާ މެދު ގޮތެއް ނިންމަންޖެހެ އެވެ. ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންނަކީ ކޮމިޝަނާ އޮފް ޕޮލިސް އިން ފެށިގެން އިންސްޕެކްޓާ އޮފް ޕޮލިސްއާ ދެމެދުގައިވާ ރޭންކްތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ޕޮލިސް ބޯޑުން ވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވާތާ އެތައް އަހަރެއް ވެފައިވާ ތަޖުރިބާކާރު އޮފިސަރުންތަކެއް ވަޒީފާ އިން ވަކިކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން ތަންފީޒު ކުރަން ކޮމިޝަނާ އޮފް ޕޮލިސް އަށް ފޮނުވި ފަހުންވެސް މަހެއް ވަރު ވަނީ ވެފަ އެވެ.

ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރައްވަން ޖެހިވަޑައިގަންނަވަނީ ކޮމިޝަނާ އޮފް ޕޮލިސް އަށެވެ.

މިކަމާ ގުޅިގެން އަވަސް އިން މިއަދު ސުވާލުކުރުމުން ސީޕީ ހަމީދު ވިދާޅުވީ ބޯޑުގެ ނިންމުން ތަންފީޒު ކުރަން ގާނޫނުގައި ވަކި މުއްދަތެއް ދީފައި ނުވާތީވެ އެކަމުގައި ގޮތްތަކެއް ނިންމުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުންދާ ކަމަށެވެ. އެކަމަކު އޭގެ ކުރިން އެމަނިކުފާނު ބައްލަވަން ޖެހިވަޑައިގަންނަވާ ކަންތައްތަކެއް ހުރި ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިދަނީ ތިކަމުގައި ގޮތެއް ނިންމުމަށްޓަކައި މަޖިލީހާއި ބައެއް އެހެން ފަރާތްތަކާއި މަޝްވަރާ ކުރަމުން،" ވަރަށް ކުރުކޮށް ދެއްވި ޖަވާބެއްގައި ސީޕީ ވިދާޅުވި އެވެ.

ފުލުހުންގެ ތަޖުރިބާކާރު އޮފިސަރުންތަކެއް ވަކިކުރަން ޕޮލިސް ބޯޑުން ނިންމުމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީ އަށް ވެސް ހުށަހަޅުއްވާފަ އެވެ. ކޮމިޓީ އަށް ފޮނުއްވި މައްސަލާގައި ނާޒިމް އެދިވަޑައިގެންފައިވަނީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަ ގޮތުގައި ކުރިކަމެއްތޯ ކަށަވަރުކޮށްދެއްވުމަށެވެ.

މީގެ ފަސް މަސް ކުރިން ތަންފީޒުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑަށް ދީފައިވާ ބާރުގެ ދަށުން އިސް އޮފިސަރުންތަކެއް ވަކި ކުރަން ނިންމާފައިވާއިރު ބޯޑުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުންނާ ގާތްގުޅުންތަކެއް އޮތް ބޭފުޅުންނެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ ބޯޑުގެ ރައީސް އަހްމަދު ފަޔާޒް ހަސަނާއި، ނައިބް ރައީސް އަލީ ފާއިޒާއި، އާއިޝަތު ނޫރާ މުހައްމަދާއި، އަހްމަދު ނާޝިދާއި، އާދަމް އިބްރާހީމާއި، ހާމިދު އަބްދުލްއަފޫރުގެ އިތުރުން ސަފާ ޝަރީފް އެވެ.

ޕޮލިސް ބޯޑުގެ ނިންމުމާ ގުޅިގެން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އިން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ނިންމުން މުރާޖައާ ކުރަން ގޮވާލައި ޕީޕީއެމްއާއި ޕީއެންސީން ބަޔާނެއް ނެރެ، އެ އަމަލަކީ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ބަދަލު ހިފަން ކުރި ކަމެއްގެ ގޮތުގައި ވަނީ ބުނެފަ އެވެ.