ލައިފްސްޓައިލް

ކުޑަކުއްޖަކު ލޯ އަނދިރި މައިންބަފައިން ބަލަނީ!

އިންޑިޔާގެ އަންދްރަ ޕްރަދޭޝްގެ ޗިއްތޫރުގައި އުޅޭ އަށް އަހަރުގެ ކުޑަ ކުޑަ ފިރިހެންކުއްޖަކު އީ-އޮޓޯ ދުއްވާތަން ފެނުމުން ގިނަ ބަޔަކު ހައިރާން ވާނެ އެވެ. ނަމަވެސް މި ކުއްޖާ އޮޓޯ ދުއްވަނީ މަޖްބޫރު ވެގެންނެވެ. ކުއްޖާގެ މައިންބަފައިންނަކީ ލޮލުގެ ފެނުން ގެއްލިފައިވާ ބައެކެވެ. އަދި އޭނާއަށް ވުރެ ހަގު ދެ ފިރިހެން ކޮއްކޮ ގޯޕާލްގެ އެބަ ތިއްބެވެ.

ގޯޕާލް ކްރިޝްނާ ނަމަކަށް ކިޔާ މި ކުއްޖާގެ މައިންބަފައިން ލޮލަށް ނުފެންނަ ހާލުގައި ވެސް ތަރުކާރީ އާއި މޭވާ ވިއްކަން މަގުމަތީގައި ތިބެ އެވެ. ނަމަވެސް މި ތަކެތި ވިއްކައިގެން ލިބޭ ފައިސާ އިން އާއިލާގެ އެންމެންނަށް ކައިގެން ބޮއިގެން އުޅެވޭ ވަރެއް ނުވެ އެވެ.

އާއިލާގެ އެންމެ ދޮށީ ކުއްޖާ އަށް ވާތީ ކޮއްކޮމެން ބެލުމުގެ ޒިންމާ ވެސް އެޅިފައިވަނީ އޭނާގެ ކޮނޑުގަ އެވެ. ގްރޭޑް 3 ގައި ކިޔަވާ ގޯޕާލް ސްކޫލަށް ގޮސްފައި އައިސް ބާކީ އޮންނަ ހުސްވަގުތު އީ-އޮޓޯ ދުއްވައިގެން ފައިސާ ހޯދަ އެވެ.

ކޮންމެ ދުވަހަކު ހެނދުނު ގޯޕާލް ސްކޫލް ޔުނިފޯމް އަޅައިގެން އޭނާގެ މަންމަ އާއި ބައްޕަ އޮޓޯގައި ގެންގޮސް އެމީހުން ތަރުކާރީ ވިއްކަން ތިބޭ ތަނުގައި ބައިތިއްބާފައި ސްކޫލަށް ދަނީ އެވެ. އަދި ސްކޫލް ނިންމާފައި އަންނަމުން އޮޓޯގައި މައިންބަފައިން ބޭނުންވާ ތަންތަނަށް ގެންގޮސްދީ ގެއަށް ގެނެސްދެނީ އެވެ.

ގޯޕާލްގެ މަންމަ ޕާރްވަތީ ބުނި ގޮތުގައި އޭނާގެ ދަރިންނަށް ކިޔެވުން ފުރިހަމަ ކުރަން އެހީތެރިވުމަށް ސަރުކާރުގައި އޭނާ ވާނީ އެދިފަ އެވެ. އަދި އެގޮތުން މަހަކު 3000 ރުޕީސް އެ އާއިލާއަށް ލިބޭ ކަމަށް ވެސް ޕާރްވަތީ ބުންޏެވެ.
"އެވަރަކުން ތިން ދަރިންނަށް ކިޔަވައެއް ނުދެވޭ. ސަރުކާރުން އަހަރެމެން އުޅޭނެ ތަނެއް ހޯދައިދީ ޕެންޝަން ފައިސާ އިތުރުކޮށްދޭން އެދެނީ،" ޕާރްވަތީ ބުންޏެވެ.

މިހާ ކުޑަ ކުދިން އޮޓޯ ދުއްވުމުގެ ހުއްދައެއް އިންޑިޔާގައި ނޯވެ އެވެ. ދާދިފަހުން ގޯޕާލް އޮޓޯ ދުއްވަނިކޮށް ފުލުހުން ހުއްޓުވާފައި ވެސް ވެއެވެ. ދެން އޮޓޯ ނުދުއްވާނެ ކަމަށް ބުނުމުން އެ ފަހަރު އޭނާ ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އާއިލާގެ ހާލަތު ހުރި ގޮތުން ގޯޕާލް އަށް އެކަން ނުކޮށް ވެސް ވާކަށް ނެތެވެ.