ބޮލީވުޑް

ކަޕިލް ޝަރުމާ ޝޯ: ގޯވިންދާ ބައިވެރިވާތީ ކްރުޝްނާ ބައިވެރިނުވާނެ

ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ އެންމެ މުހިއްމު އެއް ބައިވެރިޔާ ކްރުޝްނާ އަބީޝެކް އަކީ ގޯވިންދާއަށް ބޮޑުބޭބެ ކިޔާ މީހެކެވެ. ނަމަވެސް ބޮޑުބޭބެއާ ދެމެދު ވަރަށް ގިނަ މައްސަލަތައް ޖެހި މީޑިއާގައި ވެސް ދެ މީހުން ބަހުގެ ހަމަލާތައް ދެމުން ގޮސްފައި ވެއެވެ.

މި ދެ މީހުންގެ މެދުގައި ރުޅިވެރިކަމުގެ ހުޅު ރޯވިތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވީނަމަވެސް އަދިވެސް ދެ މީހުން ރުޅި މައިތިރިކޮށް ސުލްހަ ވުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. ކަޕިލްގެ ޝޯގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ގޯވިންދާ ބައިވެރިވާން ހަމަޖެހުމުން ކުރުޝްނާ އެ އެޕިސޯޑުގައި ބައިވެރި ނުވާން ވަނީ ނިންމާފަ އެވެ. މިއީ ވެސް ބޮޑުބޭބެ އާ ދެމީހުންގެ މެދެގައި އޮތް ރުޅިވެރިކަމުގެ ސަބަބުން ކްރުޝްނާ ނިންމި ނިންމުމެކެވެ.

މިފަހަރުގެ އެޕިސޯޑުގައި ގޯވިންދާ އާއި އޭނާގެ އަންހެނުން ސުނީތާ ބައިވެރިވާނެ އެވެ. މީގެ ކުރިން ވެސް މި ދެމަފިރިން ބައިވެރިވި އެޕިސޯޑެއް ނޮވެމްބަރު މަހު ވެސް ޝޫޓްކުރި އެވެ. އެ ފަހަރުވެސް ކްރުޝްނާ ވަނީ އެ އެޕިސޯޑްގައި ބައިވެރިވާން ދެކޮޅު ހަދާފަ އެވެ.

އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ކްރުޝްނާ ބުނީ ފާއިތުވީ 15 ވަރަކަށް ދުވަހުއްސުރެ އޭނާ އުޅެނީ ފިލްމު ޝޫޓިންގެއެއްގައި ރައިޕޫރު ގައެވެ. މުމްބާއީއަށް އަންނަނީ ހަމައެކަނި ކަޕިލްގެ ޝޯގެ ޝޫޓިންގަށެވެ. ނަމަވެސް ގޯވިންދާގެ ދެމަފިރިން އަންނަކަން އެނގުމުން އޭނާ މުމްބާއީ އަށް ނައިސް މަޑުކުރީ އެވެ.

"އެމީހުން ވެސް އަހަންނާއެކު އެޕިސޯޑުގައި ބައިވެރިވާން ބޭނުންވާހެނެއް ހިއެއް ނުވޭ،" ކްރުޝްނާ ބުންޏެވެ.

ކްރުޝްނާ ބުނީ އޭނާ އާއި ބޮޑުބޭބެގެ މެދުގައި ޖެހުނު މައްސަލަތައް އަދިވެސް ހައްލުނުވާ ކަމަށެވެ. އެހެންވެ ޝޯގައި ބައިވެރި ނުވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭނާ އާއި ބޮޑުބޭބެ ގޯވިންދާގެ މެދުގައި ރުޅިވެރިކަން އޮންނައިރު ވެސް ކަޕިލް އާއި ޝޯގެ ޕްރޮޑިއުސަރުން ގޯވިންދާއަށް ދައުވަތު ދީގެން ގެންނަ ސަބަބެއް ނޭނގޭ ކަމަށް ވެސް ކުރުޝްނާ ބުންޏެވެ. އަދި އޭނާ އެކަމާ ބެހޭ ގޮތުން ކަޕިލްގެ ޓީމާ ސުވާލު ނުކުރާ ކަމަށް ވެސް ކްރުޝްނާ ބުންޏެވެ.

ކްރުޝްނާ އާއި ގޯވިންދާގެ މެދުގައި މައްސަލަތައް އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ބޮޑަށް މައްސަލަ ގޯސްވީ ކްރުޝްނާގެ އަންހެނުން ކަޝްމީރާ ޝާހް 2018ގައި ކުރި ޓުވީޓަކާ ގުޅިގެންނެވެ. ބައެއް މީހުން ފައިސާއަށް ޖެހިގެން އުޅޭ ކަމަށް ބުނެ ކްރިޝްނާ ކުރި ޓުވީޓު ގޯވިންދާގެ އަންހެނުން ސުނީތާ މާނަކުރީ ގޯވިންދާ އާ ދިމާލަށް ބުނި އެއްޗެއްގެ ގޮތުގަ އެވެ. އެފަހަރު ދެ ބައިމީހުންގެ މެދުގައި ވަރަށް ބަހުގެ ހަމަލަ ހޫނުވެ އޭރުއްސުރެ އެ މީހުން ރުޅި އެވެ.