އެކި އެމީހުންގެ ޝައުގުވެރިކަން ހުންނަނީ އެކި ކަހަލަ ކަންތައްތައް ކުރުމަށެވެ. އަދި އެމީހަކު ޝައުގުވެރިވާ ކަމެއް ކުރަން ކިތަންމެ ގިނަ ފައިސާއެއް ޚަރަދުކުރާކަށް ވެސް ބައެއް މީހުން ޖެހިލުމެއް ނުވެ އެވެ. އޮސްޓްރިއާގެ ޒުވާން އަންހެނެއް ކަމަށްވާ ޖެސީ ބާނީ ބޭނުންވީ ބާބީ ޑޯލް އަކާ ވައްތަރުވާށެވެ. އެހެންވެ ވަރަށް ޅައިރުއްސުރެ އޭނާ ދަނީ މި ޝައުގު ފުރިހަމަ ކުރުމަށްޓަކައި އެކި ކަހަލަ ސާޖަރީތައް ހަދަމުންނެވެ. އަދި މި ސާޖަރީތަކަށް އޭނާ ވަނީ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފަ އެވެ.
ބާނީގެ ފޮޓޯތައް ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ. މި ފޮޓޯތަކުން ފެންނަނީ ބާނީ ވަރަށް ބޮޑަށް ބާބީ ޑޯލް އަކާ ވައްތަރު ވެފައި ހުއްޓަ އެވެ.
ބާނީ އުފަންވީ ޖަރުމަނުގެ ރަށްފުށުގެ ހިސާބުގެ އަވަށެއްގަ އެވެ. އޭނާ މާގިނައިން މޭކަޕްކޮށް ލިޕްސްޓިކް ޖައްސާ ހެދުމަކީ މައިންބަފައިން އެހާ ގަބޫލުކަމެއް ނޫނެވެ. ނަމަވެސް ކުޑައިރުއްސުރެ ވެސް ބާނީ އަކީ މޭކަޕްކުރުމަށާއި ޒީނަތްތެރިވުމަށް ވަރަށް ލޯބިކުރާ މީހެކެވެ. އެހެންވެ މައިންބަފައިން ކައިރީގައި ހުރެގެން ބޭނުންހާ ކަމެއް ނުކުރެވޭނެތީ 2019ގައި ސްކޫލް ނިމުމާއެކު އޭނާ އޮސްޓްރިއާ އަށް ދިޔައީ އެވެ.
ކުރިން ބާނީ ބޭނުންވީ ކުޑަ ކުއްޖެއްގެ ގޮތުގައި ނަލަވެގެން ހުންނާށެވެ. ނަމަވެސް 18 އަހަރު ވުމާއެކު ފުރަތަމަ ސާޖަރީ ހަދައި ބާބީ ޑޯލް އަކަށް ވުމަށް މަސައްކަތް ފެށި އެވެ. ބާނީ އެ ސާޖަރީއަށް ޚަރަދުކުރި ހަ ލައްކަ ރުޕީސް އަކީ އޭނާގެ މުސްތަގްބަލުގެ ތައުލީމަށްޓަކައި ބައްޕަ އެއްކޮށްފައިހުރި ފައިސާ އެވެ. ނަމަވެސް މި ފައިސާ ޕްލާސްޓިކް ސާޖަރީއަށް ޚަރަދުކޮށްލުމަށްފަހު އެކަމާ ބާނީ އެއްވެސް ވަރަކަށް ހިތާމައެއް ނުކުރެ އެވެ.
މިހާރު ބާނީ ތައްޔާރުވަމުންދަނީ ތުންފަތް ބޮޑު ކުރަން ޕްލާސްޓިކް ސާޖަރީ ހަދާށެވެ. އޭރުން ބާބީ ޑޯލް އަކާ މާ ބޮޑަށް ވައްތަރުވާނެކަމަށް ބާނީ ގަބޫލު ކުރެ އެވެ.