އިންޑިއާއަށް ބަދުބަސް ނުބުނާނަމަ އިދިކޮޅު ޕީޕީއެމް / ޕީއެންސީއާއެކު މަޝްވަރާކުރެވިދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ޕީޕީއެމްއާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބައެއް ކަންކަމުގައި ހާއްސަކޮށް ހާރިޖީ ސިޔާސަތުގައި ހުރިހާ ޕާޓީތަކުންވެސް އެއްގޮތް ވިސްނުންތަކެއް ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާއަށް އަދި އެއްވެސް ގައުމަކަށް ބަދުބަސް ބުނެ އަޅުގަނޑުމެންގެ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކަނޑައެޅިގެން ދަންނަވަން އެބަ، އެއްވެސް ބަޔަކާ އެކީގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ސިޔާސީ އެއްފިކުރަކަށް އައިސްގެން. އޭގެތެރޭގައި އިންޑިއާއަށް ބަދު ބަސް ނުބުނުން އެއީ ބޭނުންތެރި ކަމެކޭ. އެގޮތަށް އެބޭފުޅުންގެ ސިޔާސަތުތައް ބައްޓަން ވާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ސިޔާސަތުތައް ވިސްނޭ ޕާޓީ ތަކުގެ ބޭފުޅުންވެސް އެފަދަ ވާހަކަތައް ދެއްކުމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެޓިކް އުސޫލަށް ޖާގަދީ، ހައްދު ފަހަނައެޅުމުގެ ފިކުރާއި ޓެރަރިޒަމަށް ވާގިވެރިވާ ބަސްތައް ނުބުނަން ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
އިންޑިއާއަށް ބަދުބަސް ނުބުނަން ރައީސް ނަޝީދު ގޮވާލެއްވި އިރު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ރޭ ވަނީ އިންޑިއާއަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި އިންޑިއާ އިން ހިންގާ ގިނަ ޕްރޮޖެކްޓްތަކަަށް އިންޑިއާ މީހުން ގެންނާތީ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ.
އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭނަށް ވެސް އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަ އެވެ.