އަބްދުއްރަހީމް އަބްދުﷲ

ނަޝީދާއެކު މަޝްވަރާއަށް އެއްވެސް ޝައުގެއް ނެތް: އިދިކޮޅު

ކުރީގެ ރައީސް އަދި ސަަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު އެއްވެސް ކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ އިންޑިއާއަށް ބަދުބަސް ނުބުނާނަމަ އިދިކޮޅު ޕީޕީއެމް / ޕީއެންސީއާއެކު މަޝްވަރާ ކުރެވިދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ބައެއް ކަންކަމުގައި ހާއްސަކޮށް ހާރިޖީ ސިޔާސަތުގައި ހުރިހާ ޕާޓީތަކުންވެސް އެއްގޮތް ވިސްނުންތަކެއް ހުންނަން ޖެހޭ ކަމަށެވެ. އެގޮތުން އިންޑިއާއަށް އަދި އެއްވެސް ގައުމަކަށް ބަދުބަސް ބުނެ އަޅުގަނޑުމެންގެ ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ކަނޑައެޅިގެން ދަންނަވަން އެބަ، އެއްވެސް ބަޔަކާ އެކީގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ސިޔާސީ އެއްފިކުރަކަށް އައިސްގެން. އޭގެތެރޭގައި އިންޑިއާއަށް ބަދު ބަސް ނުބުނުން އެއީ ބޭނުންތެރި ކަމެކޭ. އެގޮތަށް އެބޭފުޅުންގެ ސިޔާސަތުތައް ބައްޓަން ވާންޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ސިޔާސަތުތައް ވިސްނޭ ޕާޓީ ތަކުގެ ބޭފުޅުންވެސް އެފަދަ ވާހަކަތައް ދެއްކުމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެޓިކް އުސޫލަށް ޖާގަދީ، ހައްދު ފަހަނައެޅުމުގެ ފިކުރާއި ޓެރަރިޒަމަށް ވާގިވެރިވާ ބަސްތައް ނުބުނަން ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމްް އަބްދުﷲ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދާއެކު އެއްވެސް ކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށެވެ. އަދި މަޝްވަރާ ކުރަންޖެހޭ ސަބަބެއްވެސް ޕީޕީއެމްގެ ނެތް ކަމަށެވެ.

މިދިޔަ ހުކުުރު ދުވަހުގެ ރޭ އޮތް "އައްޑަނަ" ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

އަބްދުއްރަހީމް ވަނީ ދިވެހި ގަައުމު ކުޑަވުމަކީ އަދި އާބާދީ މަދުވުމަކީ އިންޑިއާގެ ވަކިތަކުގެ ދަށަށް ދިވެހި ގައުމު ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހެލްކޮޕްޓަރަކާއި ޑޯނިޔާ ބޯޓަކަށް ދިވެހިންގެ މިނިވަންކަން ވިއްކާނުލާނެ ކަމަށް ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެ އެ މީހުން ވަގުތުން ގެންދިއުމަށްވެސް ގޮވާލައްވާފައެވެ.

އަދި ދިވެހި ސަރުކާރުން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަަކަކީ ރާއްޖެއަށް ފައިދާ ހުރި އެއްބަސްވުންތަކެއް ނޫން ކަމަށް ވިދާޅުވެ އެ އެއްބަސްވުންތައް އުވާލެއްވުމަށް ދިވެހި ސަރުކާރަށް ގޮވާލެއްވިއެވެ.

"އަޅުގަނޑު ވަރަށް އިހުތިރާމާއެކު އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ދަންނަވާލަން އޮތް ވާހަކައަކީ އަޅުގަނޑުމެންގެ ގައުމު ކުޑަވުމަކީ އަޅުގަނޑުމެންގެ ބައި މަދުވުމަކީ އަޅުގަނޑުމެން ތިބޭފުޅުންގެ ވަކިތަކުގެ ދަށަށް ގެންދަން ޖެހޭ ސަބަބަކަށް ނުހައްދަވާށޭ. އަޅުގަނޑުމެން އަޅުވެތި ކުރަން ނޫޅުއްވާށޭ. އަޅުގަނޑުމެންނަކަށް ހެލްކޮޕްޓަރެއް ބޭނުމެއް ނުވޭ. އަޅުގަނޑުމެންނަކަށް ޑޯނިޔާ މަތިންދާބޯޓެއް ބޭނުމެއް ނުވޭ. އެ އެއްޗެހި ގެންދަވާށޭ. މިރާއްޖޭގައި ތިބި ތިބޭފުޅުންގެ އަސްކަރީ ސިފައިން މިހާރުން މިހާރަށް ގެންދަވާށޭ. އަޅުގަނޑުމެންގެ ރައްޔިތުންނަކަށް ބޭނުމެއް ނުވޭ އެކަންކަމެއް. އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވަނީ އަމިއްލަ ފުދުންތެރިކަމުގައި ކުރިއަށްދާށޭ. އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ އަޅުގަނޑުމެންނޭ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނޭ. އެކަން ދިވެހި ރައްޔިތުން އޮތީ ކޮށްފައޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.