ރައީސް އޮފީސް

ފަނޑިޔާރަކަށް ނުފޫޒެއް ނުފޯރުވަން: އަލީ ޒާހިރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަޑިޔާރުންނަށް ގުޅުއްވާ، ކޯޓު ތަކުގައި ހިނގާ މައްސަލަތައް ވަކި ގޮތަކަށް ނިންމަންވަން އަންގަވާ ނުފޫޒު ފޯރުވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފި އެވެ.

އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ޝަރުއީ ދާއިރާ އޮތް ހާލަތު އަދި ހަނދާން ނެތޭހާ ދުވަސް ނުވާ ކަމަށެވެ. އަދި އޭރުގައި ފަނޑިޔާރުންނަށް އޮތް ބިރުވެރިކަމާއި ނުފޫޒު އޮތް ގޮތް ފެނުނު ކަމަށާއި ސުޕްރީމް ކޯޓުން ޓިނު ނެގި ހަނދާން ވެސް ނުނެތޭ ކަމަށް ވެސް ވިދާޅުވި އެވެ. އޭރުގައި ހުރިހާ އިދިކޮޅު ލީޑަރުން ތިބީ ކޮންމެވެސް ތުހުމަތެއްގައި ތާށިވެފައި ކަމަށާއި މައްސަލައެއްގައި ކިތަންމެ ވަރުގަދަ ޑިފެންސެއް އޮތަސް ހުކުމް އަންނާނެ ގޮތް ވެސް އޭރު އެނގޭ ކަމަށް ވިދާޅުވި އެވެ.

އަދުލު އިންސާފުގެ ދާއިރާ އިސްލާހުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު ވައުދެއްކަން ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުުރުމުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ. އަދި އާންމުންގެ އިތުބާރު މިހާރު އޮތް އަދުލުގެ ނިޒާމަށް އިތުރުވަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އޯޑިއޯ ތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް މިހާރު ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާމެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފަ އެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ ހުކުމްގައި އޮތް އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށާ ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ. އަދި އެ ފަނޑިޔާރުންނަށް ގުޅުއްވާ ކަންކުރަންވީ ގޮތް އަންގަވަނީ އަލީ ޒާހިރު ކަމަށްވެސް އެތަނުން އެއް އޯޑިއޯ އެއްގައި ބޭފުޅަކު ވިދާޅުވެ އެވެ.

އަލީ ޒާހިރު ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދެއްކެވުމާއި، އަސްލެއް ނެތް ޒާތްޒާތުގެ އޯޑިއޯތައް އާންމުކުރަނީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތެއްގެ ތެރެއިން ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި އޭނާ ވެސް އެއްވެސް ފަޑިޔާރަކަށް އެއްވެސް އިރަކު ކަންކުރަންވީ ގޮތް ވިދާޅުވެ ދެއްވާ، ސިޔާސީ ގޮތުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. ޒާހިރު ވިދާޅުވީ ކުރީގެ ފަޑިޔާރުންގެ ބެންޗުން އޭނާ އަށް ތުހުމަތުތައ ކުރަނީ އެ ބޭފުޅުން ފިޑިވީމައި ކަމަށެވެ. އަދި އޭނާގެ ވާހަކަ ބައެއް ބޭފުޅުން ތަކުރާރުކޮށް ވިދާޅުވާ ސަބަބު އެނގިވަޑައިގަންނަވާނީ އެ ވާހަކައެއް ދައްކަވާ ބޭފުޅަކަށް ކަމަށެވެ.

އަލީ ޒާހިރު ވިދާޅުވީ އަސްލު އޯޑިއޯއެއް އާންމުވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި އޭނާ އަށް ކުށެއް ކުރެވިއްޖެނަމަ ރައީސްގެ އިތުބާރު ގެއްލި މަގާމުގައި ނުހުންނެވޭނެ ކަމުގައި ވެސް ވިދާޅުވި އެވެ. އޭނާއާ ދެކޮޅަށް ހެއްކެތް އޮތްނަމަ އެކަން މީޑިއާތަކުން ސާބިތުކޮށްދިމުނަށް ވެސް އެދިވަޑައިގެންނެވި އެވެ. އަދި ހަބަރުތައް ފަތުރާއިރު ތެދު މައުލޫމާތު ފެތުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރުމަށް ހުވާ ކުރަން ކެރިވަޑައިގަންނަވާނެތޯ ދެންނެވުމުން ވިދާޅުވީ އެކަން ކުރަން އޮންނަ އުސޫލުން އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ޝަރީއަތަށް ނުފޫޒް ފޯރުވާފައިވާ ކަމަށް ހެކި ދައްކައިފިނަމަ އެއްފަހަރެއް ނޫން، ހަތް ފަހަރު ވެސް ހުވާކުރައްވަން މި ހުރީ ތައްޔާރަށް" ހުވާކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަން ޔަގީންކޮށްދެއްވަމުން އަލީ ޒާހިރު ވިދާޅުވި އެވެ.