ހޮލީވުޑް

މަޝްހޫރު ތަރިންގެ ގިނަ ފިލްމުތަކެއް ފްލޮޕްވި އަހަރެއް

Nov 27, 2015

ހޮލީވުޑްގެ އެންމެ ބަދުނަސީބު އެކްޓަރަކީ މި ދުވަސްކޮޅު ކާކުތޯ ސުވާލުކޮށްފި އެއީ ޖަވާބު ދޭން އެހާ އުނދަގޫ ސުވާލެއް ނޫނެވެ. އެކްޓަރު ޖޮނީ ޑެޕް އެވެ.

ފާއިތުވި ދެ ތިން އަހަރު އޭނާ ކުޅުނު ފިލްމުތަކަކީ ވިޔަފާރީގެ ގޮތުން ނިކަން ބޮޑެތި ފެއިލިއާތަކެކެވެ. އަދި ފާޑުކިޔުންތެރިންގެ ހަމަލާތަކުން ވެސް އަރައިގަނެވުނު ފިލްމުތަކެއް ނޫނެވެ.

އެގޮތުން މި އަހަރު ނުކުތް ޑެޕްގެ ފިލްމުތަކަށް ބަލާއިރު އެންމެ ބޮޑު ފްލޮޕަކީ "މޮޑެކާއި" އެވެ. މި ފިލްމަކީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. އެހެން ނަމަވެސް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 47 މިލިއަން ޑޮލަރެވެ.

ނަމަވެސް އަހަރުގެ އެންމެ ބޮޑު ފްލޮޕަކީ މި ފިލްމެއް ނޫނެވެ. އެ ފިލްމަކީ ބިލް މަރޭ ލީޑް ރޯލު ކުޅެފައިވާ "ރޮކް ދަ ކަސްބާހް" އެވެ. މި ފިލްމަކީ މަޝްހޫރު ތަރިން ގިނަ ފިލްމެކެވެ. އެގޮތުން ބްރުސް ވިލިސް އާއި ކޭޓް ހަޑްސަން އަދި ޒޫއީ ޑެޝަނެލް ވެސް ފިލްމުގައި އުޅެ އެވެ.

މިއީ 15 މިލިއަން ޑޮލަރުގެ ފިލްމެކެވެ. ބޮކްސް އޮފީހުގައި ލިބުނީ އެންމެ 2.8 މިލިއަން ޑޮލަރެވެ.

ބޮޑު ފްލޮޕްތަކުގެ ލިސްޓްގެ ދެ ވަނާގައި އޮތީ އޮސްކާ ހާސިލުކޮށްފައިވާ އެކްޓަރު ޝޯން ޕެންގެ "ދަ ގަންމޭން" އެވެ. މިއީ 40 މިލިއަން ޑޮލަރުގެ ފިލްމެކެވެ. ބޮކްސް އޮފީހުގައި މިހާތަނަށް ލިބިފައި ވަނީ 10 މިލިއަން ޑޮލަރެވެ.

ބޮޑު ބަޖެޓަކުން އުފައްދައި މަޝްހޫރު ތަރިންތަކަކާ އެކު ފްލޮޕްވި އަނެއް މަޝްހޫރު ފިލްމަކީ ހޮލީވުޑްގ ޑާލިން، ޖޯޖް ކްލޫނީ ލީޑް ރޯލު ކުޅެފައިވާ "ޓްމޯރޯލޭންޑް" އެވެ. މި ފިލްމަކީ 209 މިލިއަން ޑޮލަރުގެ ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް ލިބިފައި ވަނީ 190 މިލިއަން ޑޮލަރެވެ.

އެކްޓަރު ހިއު ޖެކްމަން ލީޑް ރޯލު ކުޅެފައިވާ "ޕޭން" އަކީ ވެސް ފާހަގަކޮށްލެވޭ ފްލޮޕެކެވެ. ފާޑުކިޔުންތެރިންގެ ހަމަލާތަކާ އެކު މި ފިލްމުގެ ވިޔަފާރި ހަލާކުވެގެން ދިޔައިރު 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ބޮކްސް އޮފީހުގައި ލިބުނީ 119 މިލިއަން ޑޮލަރެވެ.

މަޝްހޫރު ޒުވާން އެކްޓަރު ޒެކް އެފްރޮންގެ ""ވީ އާ ޔުއާ ފްރެންޑްސް" އަކީ ވެސް އެންމެ ބޮޑު 10 ފްލޮޕްގެ ތެރޭގައި ހިމެނޭ ފިލްމެކެވެ.