ދުނިޔެ

އަފްޣާންގައި ޗައިނާއާ ރަޝިއާގެ ދައުރެއް އޮންނަންޖެހޭ: ނޭޓޯ

އަފްޣާނިސްތާނަކީ ޓެރަރިސްޓުންގެ ހާއްޔަކަށް ވެދާނެ ކަމަށް އޮތް ބިރު ވަރަށް ބޮޑު ކަމަށް ނޭޓޯ ސެކްރެޓަރީ ޖެނެރަލް، ޔެންސް ސްޓޯލްޓަންބާގް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އަފްޣާން ރައްކާތެރި ކުރުމުގައި ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެހީތެރި ވެވިދާނެ ކަމަށާއި ޚާއްސަކޮށް ޗައިނާއާ ރަޝިއާއަށް ޚާއްސަ ދައުރެއް އަފްޣާންގައި އޮންނަން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އަފްޣާން އަނދަވަޅަކަށް ވެއްޓިފައި އެ އޮތީ އެމެރިކާއާ ނޭޓޯގެ ސަބަބުން ކަމަށް ސެކެރެޓަރީ ޖެނެރަލް އެއްބަސްވެ ވަޑައިގެންނެވި އެވެ. އެމެރިކާއާ ނޭޓޯ ސިފައިން ރޭވުންތެރި ކަމާއެކު އަފްޣާނުން ބޭލި ނަމަ އެގައުމު މިހާރު އެއޮތް ހާލަތަށް ނުވެއްޓުނީސް ކަމަށް ވެސް އޭނާ އެއްބަސްވެ ވަޑައިގެންނެވި އެވެ.

ޗައިނާއާ ރަޝިއާއިން އޮތީ ނޭޓޯއިން ނުބުންޏަސް އަފްޣާނަށް އެހީތެރި ވެދޭ ގޮތަށެވެ. އަފްޣާން ގަބީލާތަކުގެ ތެރޭގައި ފަސް ލެވިގެން އުޅޭ ޓެރަރިސްޓް ގުރޫޕްތައް ނައްތާލުމުގައި ތާލިބާނުންނަށް އެހީތެރި ވެދޭނެ ކަމަށް ވެސް ޗައިނާއާ ރަޝިއާއިން އޮތީ ބުނެފަ އެވެ.

އެމެރިކާއާ ނޭޓޯ ގައުމުތަކުން އަފްޣާންގައި 20 އަހަރު ވަންދެން ހަޑިހާވައި ފައިބައިގެން ގޮސް އެހެން މީހުން ލައްވައި ނަޖިސް ފިލުވުމަކީ ޒިންމާދާރުކަން ކުޑަ އަދި ލަދުވެތި ކަމެކެވެ. އަފްޣާނަށް އެހީތެރި ވެދޭން ޗައިނާއާ ރަޝިއާގެ ކިބައިން ނޭޓޯ އެދޭއިރު، އެމެރިކާއާ ނޭޓޯ ސިފައިން އަފްޣާނަށް އަރައިގަތީ ޗައިނާއާ ރަޝިއާއަށް ފެންނަ ކަމެއްތޯ ވެސް އަހައިނުލަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ވެސް އޮތީ މިމޭރުމުން ވާހަކަ ދައްކާފަ އެވެ. ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވަންގް ވެންބިން ވިދާޅުވީ އަފްޣާންގެ ހާލަތު ބަދަލުކުރީ އެމެރިކާއާ ނޭޓޯއިން ކަމަށެވެ. އަފްޣާނަށް އެފަދަ ނިކަމެތި ހާލަތެއް މެދުވެރިވީ އެމެރިކާއާ ހުޅަނގުން ސިފައިން ބޭލި ގޮތުން ކަމަށެވެ.

އެމެރިކާއާ ހުޅަނގަށް މިހާރު އޮތް އެންމެ ބޮޑު ބިރުވެރި ކަމަކީ އަލްގައިދާ އެނބުރި އައުމެވެ. އަފްޣާނުން އަލްގައީދާ ނައްތާލެވިއްޖެ ކަމަށް ނިންމައިގެން ތިއްބައި އެ ޖަމާއަތުން ވަނީ ކާބުލް އެއާޕޯޓަށް ހަމަލާދީފަ އެވެ.