ދުނިޔެ

ޗައިނާ-ރަޝިއާގެ ބާރުތައް ދުނިޔޭގެ އުތުރު ބިތުގައި، ނޭޓޯއަށް ނުތަނަވަސްކަމެއް

ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން އާކްޓިކް ސަރަހައްދު -- ދުނިޔޭގެ އުތުރު ފިނި ބިތްތައް އަސްކަރީ ކުރުމުގެ ވާދަވެރިކަން ދަނީ ބޮޑުވަމުންނެވެ.

މި ވާދަވެރިކަމުގައި އަނެއްކޮޅުން ކުޅެނީ އެމެރިކާ އާއި ހުޅަނގުގެ އަސްކަރީ ބާރު -- ނޭޓޯއިންނެވެ.

ފިންލޭންޑާއި ސްވިޑަން ނޭޓޯގެ މުށުތެރެއަށް ލައި ނޭޓޯއަށް މިހާރު މިލްކުވެފައި އޮތް ސަހައްދުން ބޭރަށް އެ ޖަމާއަތުގެ އަސްކަރިއްޔާ ފުޅާކުރުމަކީ ވެސް މި ވިސްނުމުގައި އުފެދިފައި އޮތް ވާދަވެރިކަމެކެވެ.

ނޭޓޯގެ ވިސްނުމަކީ ސަރަހައްދީ އަސްކަރީ ބާރެއް ގޮތުގައި އެއް ވިސްނުމަކަށް ތަބާވާ ގައުމުތަކުގެ އަސްކަރީ ލަޝްކަރުތައް ރުކުރުވާލުމެވެ.

ރަޝިއާ-ޗައިނާއާ ވާދައަށް ނޭޓޯގެ ބާރުތައް އަތުރާލަމުން ދާއިރު ހިމޭނުން ނޯންނާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

އާޓިކް ފިނި ބިންތަކުން އަތުޖެހުނު ސަރަހައްދެއްގައި ރަޝިއާގެ އަސްކަރީ މަރުކަޒުތައް ބިނާކުރާނެ ކަމަށްވެސް ވަނީ ވައުދުވެފަ އެވެ.

އާޓިކް ސަރަހައްދުގެ ގަނޑުފެން ފަރުބަދަތަކަކީ މިހާރު ވެސް ރަޝިއާއަށް ފަރިތަ މަގުތަކެކެވެ. ޔުކްރޭން ހަނގުރާމަ ފެށުމުގެ އެތައް ޒަމާނެއް ކުރިން ވެސް ރަޝިއާއިން ވަނީ އާޓިކްގެ ގަނޑުފެންތަކުގެ އަޑީގައި ސަބްމެރީން ޑޮކްތައް ބިނާކޮށްފަ އެވެ.

މިއިން އެއްވެސް ސަރަހައްދެއްގެ ފުރިހަމަ ބާރުވެރިކަން އެމެރިކާއަށް އަދި ޔޫރަޕަކަށް ވެސް މުޅިން އެނގިފައެއް ނުވެ އެވެ.

ނޭޓޯގެ މެމްބަރުކަން މިދާކަށް ދުވަހު ފިންލޭންޑަށް ލިބުމާ ގުޅިގެން އެ ޖަމާއަތުގެ ވިސްނުން މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ރަޝިއާއާ ވިހާވެސް ގާތުގައި ނޭޓޯގެ އަސްކަރިއްޔާ ޝާމިލްކުރުވަން ހިތްވަރު ލިބުނީ ވެސް މިކަމުގެ ސަބަބުންނެވެ.

މިހެން ކަން އޮތް ނަމަވެސް، އާޓިކްގައި ރަޝިއާގެ ބާރުވެރިކަން ނޭޓޯއަށް އަންދާޒާކުރެވިފައި ނެތުމުން ރަޝިއާއަށް ޖެއްސުމަކަށް ވެދާނެ އެއްވެސް ހަރަކާތެއް ފިންލޭންޑްގައި ހިންގުމަކީ ދަތިކަމަކަށް ވާނެ އެވެ.

އެމެރިކާއަށް ވެސް ހިތުހުރި ގޮތަކަށް ރަޝިއާއާ ކުޅެން ނުކެރިގެން އުޅެނީ ގަނޑުފެންތަކުގެ އަޑީގައި ރަޝިއާގެ ހަރަކާތްތައް ހުރި ނެތް ގޮތް އަންދާޒާކުރެވިފައި ނެތުމެވެ.

މިހެން ކަން އޮތްއިރު ރަޝިއާއަށް އެހީތެރިވުމުގެ ގޮތުން ނުވަތަ އިގުތިސާދީ ބޭނުމަކަށް ޓަކައި ނަމަވެސް، އާޓިކް ސަރަހައްދަށް ޗައިނާ ވަދެއްޖެނަމަ ނޭޓޯ އާއި އެމެރިކާ ވެސް އެލާޓަށް އަންނާނެ އެވެ. އެހެންކަމުން ޗައިނާގެ މާބޮޑު ޝާމިލުވުމެއް މިހާރު ނެތް މި ސަރަހައްދަށް -- އާޓިކް ސަރަހައްދަށް ޗައިނާއަށް ދައުވަތު ލިބިދާނެ އެއްވެސް ކަމެއް ނޭޓޯއަށް ކުރަން ކެރޭނެ ކަމަކަށް ތަޖުރިބާކާރުން ނުބުނެ އެވެ.