މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

އަމާންކަން ގެއްލޭ ގޮތަށް ސިޔާސީ އެއްވުންތަކުގެ ހަބަރު ނުފޮނުވަން އިލްތިމާސްކޮށްފި

Nov 26, 2015
1
  • ރާއްޖެ ޓީވީ އާއި ސަންގު ޓީވީއަށް ނަސޭހަތް ދީފި
  • މުޒާހަރާ ކަވަރު ކުރަން "އެކްރެޑިޓޭޝަން ކާޑް" ބޭނުން ކުރަން އެދުނު

ސިޔާސީ އެއްވުންތަކާ ގުޅިގެން، ގައުމީ ސަލާމަތަށް ނުރައްކާވެ، ގައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ހަގީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފި އެވެ.

މި އިލްތިމާސް ބްރޯޑްކޮމް އިން ކުރި އިރު މާދަމާ އެމްޑީޕީން މާލޭގައި މުޒާހަރާއެއް ބާއްވަން ވަނީ ތައްޔާރުވެފައެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ސާކިއުކާއެއްގައި ބުނެފައި ވަނީ މާލޭގައި ކުރިއަށްގެންދިއުމަށް ރާވަމުންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ގައުމީ ސަލާމަތަށް ނުރައްކާވެ، ގައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށެވެ.

އަދި ބުނެފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް މަދުވެގެން 60 ސިކުންތުގެ ލަސްކުރުމަކާއެކު ނޫންގޮތަކަށް މިފަދަ އެއްވުންތައް ލައިވްކޮށް ބްރޯޑްކާސްޓް ނުކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، އެ ކޮމިޝަނުން އެކުލަވާލާފައިވާ "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދު"ގައި ބަޔާންކުރާ "އެކްރެޑިޓޭޝަން ކާޑް" ބޭނުންކުރުމަށާއި "މުޒާހަރާތަކާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން" އާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

މި ސާކިއުލާ ނެރުނު އިރު ބްރޯޑްކޮމް އިން ވަނީ މާދަމާ އެމްޑީޕީން ބާއްވާ މުޒާހަރާ ލައިވް ކުރާނެ ކަމަށް ބެލެވޭތީ ރާއްޖެ ޓީވީ އާއި ސަންގު ޓީވީގެ ވެރިންނަށް ގާނޫނާ އެއް ގޮތަށް އަމަލު ކުރުމަށް އެދިފަ އެވެ.