ދިވެހި މީޑިއާގައި ހިމެނޭ ނޫސްތަކާއި ރޭޑިއޯ ޓީވީތަކުގެ އެޑިޓަރުންގެ ޝަރުތުތައް ހަރުދަނާ ކުރުމުގެ ގޮތުން ބަދަލެއް ގެނައުން ރަނގަޅު ކަމަށާއި ނަމަވެސް ހޯމް މިނިސްޓްރީން ކުއްލި ގޮތަކަށް ގެނައި ބަދަލަކީ ޒިންމާދާރު ކަމާއެކުގައި ގެނެސްފައިވާ ބަދަލެއް ނޫން ކަމަށް އަވަސް އޮންލައިންގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވެއްޖެ އެވެ.
މުންޑޫ ވިދާޅުވީ އެޑިޓަރުންގެ ޝަރުތުތައް ހަރުދަނާ ކުރުމަށް ގެންނަ ބަދަލަކަށް އޭނާ މަރުހަބާ ކިޔާނެ ކަމަށާއި އެހެން ނަމަވެސް މީޑިއާގެ ހިދުމަތުގައި އޮތް އެއްވެސް ނޫހަކާއި ޗެނަލެއްގެ އިސްވެރިންނާއި އެ ތަންތަނުގެ އެޑިޓަރުންނާއި ނޫސްވެރި ކަމުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނާއި ބްރޯޑްކޮމާއި މީޑިއާ ކައުންސިލްގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމެއް ނެތި އެޑިޓަރުންގެ ޝަރުތައް ބަދަލު ކުރުމަކީ ޒިންމާދާރު ގޮތުގައި ގެނައި ބަދަލެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.
"ފަހަރެއްގައި އެއީ ރަނގަޅަކަށް ކުރެއްވި ކަމަކަށް ވެދާނެ، އަދި ފަހަރެއްގައި އެއީ އުނދަގުލެއް ކޮށްލީ ކަމަށް ވެސް ވެދާނެ، އެއީ އުނދަގުލެއް ކަމަށް ވަންޏާ މީޑިއާގައި ތިބި ބަޔަކަށް އެ އުނދަގުލާއި ކަނބޮޑުވުން ފޯރާނެ، އެއީ ރަނގަޅަކަށް ގެނައި ބަދަލެއް ކަމަށް ވަންޏާ އެކަމާމެދު ޒިންމާދާރު ގޮތެއްގައި ކަލެކްޓިވްކޮށް މަޝްވަރާތަކެއްކޮށް ނުކުންނަ ނަތީޖާއެއްގެ ތެރެއިން ޝަރުތުތަކެއް ހޯދާފައި އޮންނާނީ. މިހާރު ކުއްލިއަކަށް ގެނައި ބަދަލުން ވާނެ ރަނގަޅެއް އޮންނާނެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ... އެ ނޫން ކަމަށްވަންޏާ އެކަން ކުރި ބަޔަކު މާ މޮޅީ!"
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި ކުއްލި ގޮތަކަށް ގަވައިދުގެ 10 މާއްދާގެ އަކުރު (ނ) ގައި ކުރިން އޮތް ލަފުޒެއް ނަގައި އެތަނަށް އެހެން ލަފުޒެއް ލައިގެން ބަދަލެއް ގެނައިރު އެ ބަދަލާ އެއްގޮތަށް އެޑިޓަރުން ބަދަލު ކުރުމަށް ދީފައި ވަނީ ވެސް ގަބޫލު ކުރަން ދަތި ކުރު މުއްދަތެކެވެ. އެއީ ވެސް ޣައިރު ޒިންމާދާރު ނިންމުމެއް ކަމަށް އޭނާ ދާޅުވި އެވެ.
މީގެ އިތުރަށް ގަވާއިދެއް ގެޒެޓްކުރާ ތާރީހުގެ ކުރީގައިވެ ނިމިފައި ހުންނަ މިފަދަ ކަންކަމަށް ބަދަލު ގެނައުމަކީ ކޮން ކަހަލަ ކަމެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
"މިސާލަކަށް ޑްރައިވިން ލައިސަންސް ނެގުމުގައި އަލަށް ކަނޑައަޅާ ޝަރުތެއްގެ ސަބަބުން ކުރިން ލައިސަންސް އޮތް މީހާގެ ލައިސަންސް ބާތިލުވާންވީ ކީއްވެގެންތޯ؟"
މުންޑޫ ވިދާޅުވީ ރާއްޖޭގައި މީޑިއާގެ ދާއިރާއިން ޑިގްރީ އާއި އެއަށްވުރެ ވެސް މައްޗަށް ކިޔަވާ ވިދާޅުވެގެން ތިއްބެވި އިލްމުވެރި ވަރަށް ގިނަ ޒުވާން ބޭފުޅުން އެބަތިއްބެވި ކަމަށާއި އެކަން އެހެން އޮތް ނަމަވެސް ނޫސްވެރިކަމުގައި ދެމިތިބި ނޫސްވެރިންނާއި ތިއްބެވި އެޑިޓަރުންނާއި އެނޫންވެސް ގިނަ ފަރާތްތަކަކީ ޑިގްރީއެއް ނެތި ޝައުގުވެރި ކަމާއެކު "ލައިފް ސްޓައިލް" އެއްގެ ގޮތުގައި ފޫހި ނުވެ އެ މަސައްކަތުގައި ދެމި ތިބި މީހުން ކަމަށެވެ. އޭގެ ތެރޭގައި 20 އަހަރާއި 25 އަހަރާއި 30 އަހަރު ވަންދެން މެދުނުކެނޑި ހިދުމަތް ކުރައްވާފައިވާ އަދިވެސް ހިދުމަތުގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުން ވެސް ހިމެނި ވަޑައިގަންނަވާ ކަމަށެވެ.
"ދާއިރާގައި ޑިގްރީ އޮތް ބޭފުޅުންގެ ތެރެއިން ނޫސްވެރި ކަމުގެ ތެރޭގައި ތިއްބެވީ ނިސްބަތުން އެހާ ގިނަ ބައެއް ނޫން، އަޅުގަނޑު ހިތުން ހޯމް މިނިސްޓްރީން އޮންނާންވާނީ މި ސާވޭ ކޮށްފައި، އެ ސާވޭ ކޮށްފައި އޮންނާން ޖެހެނީ އެންމެ މަތީ ފެންވަރުގެ ނޫސްވެރި ކަމަށް އަބަދުވެސް ބާރު އަޅައި އެ ވާހަކަ ދައްކާތީ،"
ރާއްޖޭގެ ގިނަ ނޫސްތަކާއި ޗެނަލްތަކުގައި އެޑިޓަރުންގެ ގޮތުގައި މިހާރުވެސް ތިއްބެވީ ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ނޫސްވެރިކަން ކުރެއްވި އެކަމަކު ޑިގްރީއެއް ނެތް ބޭފުޅުންނެވެ. އެ ބޭފުޅުންގެ ހިދުމަތާއި ފެންވަރާއި ހޯއްދެވި ކާމިޔާބީތަކާއި ގައުމަށް ހާސިލްކޮށް ދިން ނަތީޖާ، އަދި އެ ބޭފުޅުންގެ ތަޖުރިބާގެ ސަބަބުން އޭގެތެރެއިން ގިނަ ބޭފުޅުންނަކީ ދިވެހި ދައުލަތުން ނޫސްވެރިކަމުގައި ދޭ އެންމެ މަތީ އިނާމް އަރުވައި އެއީ ހާއްސަ ބޭފުޅުންގެ ގޮތުގައި ބަލާ ވެސް ބޭފުޅުންނެވެ.
މުންޑޫ ވިދާޅުވީ ހޯމް މިނިސްޓްރީން ކުއްލި ގޮތަކަށް އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި ގެނައި ބަދަލުގެ ސަބަބުން "ދިވެހި ދައުލަތުން ހާއްސަ ކުރި" އެ ބޭފުޅުން ވަދެގެން ދަނީ ކޮން ގޮޅިއަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި އެއީ ރާއްޖެއިން އެ ދާއިރާގައި މިއިން ޒަމާނަކު ވެސް ދެން ނުލިބޭނެ ވަރަށް އެ ދާއިރާގެ އިލްމާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން. އެކަމަކު މިބަދަލު ވެގެން ދަނީ ރައްޔިތުންގެ ނަމުގައި އިނާމް ދެއްވާފައި އެ މީހުންގެ ކުރިމަތީގައި އެބޭފުޅުން ލަދު ގަނަވާލުމަކަށް،"
އޭނާ ވިދާޅުވި ގޮތުގައި ހޯމް މިނިސްޓްރީން ގެނައި ބަދަލުގެ ސަބަބުން ނޫސްވެރި ކަމަށާއި މީޑިއާއަށް ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވާނެ އެވެ. ހިނގަ ހިނގާ އޮންނަ ނޫހެއްގެ އެޑިޓަރުން ޝަރުތު ހަމަވާ އެޑިޓަރުންނަށް ބަދަލު ކުރަން އުނދަގޫ މަސައްކަތެއް ވެސް ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އަރަނީ އެޑިޓަރު ބަދަލު ކުރިޔަސް އެކަން ވާނީ އަޅުވާނެ ނަން ބޯޑަކަށޭ، ކަން ކުރުމުގައި ހުންނާނީ ކުރިން ވެސް އެކަން ކުރަން ހުރި މީހާއޭ، އަދި އަޅުގަނޑު ހިތަށް އަރާ އެޑިޓަރުގެ ނަން އެކަނި ލިބިގަނެ، ނޫހަކުން ކުރާ މަސައްކަތެއްގެ ޒިންމާ އުފުލައިދޭން ދުރުގައި ހުންނާނެ އެޑިޓަރަކު ވެދާނެ ހެއްޔޭ ވެސް؟" އޭނާ ވިދާޅުވި އެވެ. "ޝަރުތު ބަދަލު ކުރުމަކުން އަޅުގަނޑު ކަންބޮޑެއް ނުވޭ އަޅުގަނޑު ކަންބޮޑުވަނީ މި ބަދަލު ގެނައި ގޮތުން، މިއީ ފައިދާއެއް ނެތް ގެއްލުން ހުރި ބަދަލަކަށް ވާނެތީ."
ހޯމް މިނިސްޓްރީން އިއުލާނެއްކޮށް ބުނެފައިވަނީ "ނޫސްމަޖައްލާ ފަދަ ތަކެތީގެ ގާނޫނު" ގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ނޫސްމަޖައްލާ އާއި މިނޫން ވެސް މިފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވައިދު" އިސްލާހު ކޮށްފައިވާތީ އެ ގަވައިދު 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލް ކޮށްފައި ވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށް ޝާއިއުކުރާ ނޫހެއްގައި ފަސް އަހަރު މަސައްކަތްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ. -- ކުރިން ވެސް އޮންނަނީ މި ދެ ޝަރުތެކެވެ. އެކަމަކު އެއީ ފަސް އަހަރުގެ ތަޖުރިބާ ނުވަތަ ޑިގްރީއެކެވެ. މިހާރު އެ ދެކަންތައް އެއް ފަހަރާ ލާޒިމް ކުރީ އެވެ.
ގެނައި ބަދަލާއެކު ޝަރުތު ހަމަނުވާ އެޑިޓަރުން ޝަރުތު ހަމަވާ އެޑިޓަރުންނަށް ބަދަލު ކުރަން ދީފައި ވަނީ މިއަދުން ފެށިގެން މަސް ދުވަހެވެ. މި ބަދަލާއެކު ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.