ދުނިޔެ

ގިނީގައި އަސްކަރީ ބަޣާވާތެއް، ރައީސް ހައްޔަރުކޮށް ސަރުކާރު އުވާލައިފި

ގިނީގައި އަސްކަރިއްޔާއިން ބަޣާވާތްކޮށް ރައީސް އަލްފާ ކޮންޑޭ ހައްޔަރު ކޮށްފި އެވެ. ގައުމީ ޓީވިގައި އަސްކަރިއްޔާއިން ދިން ބަޔާނެއްގައި ކާނަލް މަމާދީ ދުމްބުއްޔާ ވިދާޅުވީ ރައީސް ހުންނެވީ ބަންދުގައި ކަމަށާއި ހާލުކޮޅު މުޅިން ރަނގަޅު ކަމަށެވެ.

މަމާދީ ދުމްބުއްޔާ ވިދާޅުވީ ރައީސް ހައްޔަރު ކުރަން ޖެހުނީ ޑިމޮކްރަސީއަކީ އަމިއްލަ އެއްޗެއް ކަމަށް ހައްދަވައި ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ނުކުރައްވާތީ ކަމަށެވެ. އާންމުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ އިގުތިސޯދީ އިޖުތިމާއީ ފޭރާމަށް ދެރަހާލު ޖެހިފައިވާތީ ކަމަށެވެ.

އަސްކަރިއްޔާއިން މިހާރު ވަނީ މިޖިލީސް ހިފަހައްޓައި ސަރުކާރު އުވާލާފަ އެވެ. އަދި ކަނޑާއި ވައިގެ ސަރަހައްދު އެއްހަފުތާއަށް ބަންދު ކޮށްފަ އެވެ.

ދުމްބުއްޔާ ވިދާޅުވި ރައީސްއަށް އަރުވަން ޖެހޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެ ކަމަށާއި ޑޮކްޓަރުންނާއި އާއިލާއާ ގުޅުން އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް މީހަކަށް އަނިނާވެރި ނުވާނެ ކަމަށާއި ސަރުކާރު މުވައްޒަފުން މިއަދު ވެސް އޮފީހަށް ނުކުންނަންވީ ކަމަށެވެ.

އަސްކަރިއްޔާއިން ވަނީ ސަހައްދީ ވެރިން މަގާމުން ދުރުކޮށް އަސްކަރީ ޖެނެރަލުންނާއި ސިފައިންގެ އޮފިސަރުންނަށް ޒިންމާ ހަވާލު ކޮށްފަ އެވެ.

ގިނީގެ ވެރިކަމަށް އަލްފާ ކޮންޑޭ 83، ހޮވިވަޑައިގަތީ 2010 ގައެވެ. ގިނީގެ އާންމުން ހީކޮށްގެން ތިބީ އަލްފާ ކޮންޑޭ ވެެރިކަމަށް ވަޑައިގަތުމުން ފްރާންސްގެ އަޅުވެތިކަމުގައި ލިބުނު ހުރިހާ ދެރައަކުން ސަލާމާތްވީ ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު ތިންވަނަ ދައުރަކަށް އަލްފާ ކޮންޑޭ އިންތިހާބުވެ ވަޑައިގަތީ އޮކްޓޯބަރު 2020 ގަ އެވެ.

ގިނީގައި ވެރިކަން ވައްޓާލުމާ ގުޅިގެން އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ޓްވިޓާއަށް ނުކުމެ ވަޑައިގެން ވިދާޅުވީ ކަންބޮޑުވެ ވަޑައިގެންފި ކަމަށާއި އަސްކަރިއްޔާއިން ކުރީ ވިޔާނުދާ ކަމެއް ކަމަށެވެ.