ލީބިޔާގައި އޮތް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ގައި ވައްޓާލުމަށްފަހު އޮކްޓުބަރު 20، 2011 ގައި އޭނާ އަވަހާރަކޮށްލުމާ ހަމައިން ލީބިޔާގެ ޒަމާން ވަނީ ގޮސްފަ އެވެ.
ނޭޓޯގެ ނަމުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން އަޑިން ކުޅެ ގައްޒާފީގެ ވެރިކަން ވައްޓާލީ އެ މީހުންގެ ހިތުގައި ގައްޒާފީއަށް އޮތް ބޮޑު ހަސަދަވެރިކަމެއްގެ ސަބަބުންނެވެ.
ގައްޒާފީ އަވަހާރަކޮށްލުމުގައި ލީބީޔާގެ ތެރެއިން ބަޔަކު ވަނީ ހުޅަނގަށް ވާގިވެރިވެފަ އެވެ. އެ ބައިގަނޑަށް އެއިރު ހީވެފައި އޮތީ ގައްޒާފީއަށް ފަހު ވެރިކަމަށް އަރާނީ އެ މީހުން ކަމަށެވެ.
އެހެން ނަމަވެސް، ގައްޒާފީއަށް ފަހު 11 އަހަރު ފާއިތުވެގެން ދާއިރު ވެސް ލީބިޔާގައި ހަމަޖެހުމެއް ނެތެވެ.
ވެރިކަމަށް ދަހިވެތިވެފައި ތިބި ދެ ބައިގަނޑުގެ ދެމެދުގައި ތަޅާފޮޅައި މީހުން މެރުމާއި އާންމުންގެ މުދާ އެންދުން ނޫން ކަމެއް ނެެތެވެ.
މި ދެ ބައިގަނޑުގެ ދެމެދުގައި އަރާރުމެއް ނެތި ދުވަސްތަކެއް ފާއިތުވެގެން ދިއުމަށްފަހު މި ހަފުތާގެ ހޮނިހިރު ދުވަހު ޓްރިޕޮލީން ފެނިގެން އެ ދިޔައީ ވެރިކަމަށް ދަހިވެތިވެފައި ތިބި ބައެއްގެ މެދުގައި އޮތް ނުތަނަވަސް ކަމެވެ.
ބައިނަލްއަގުވާމީ މުޖުތަމައު ގަބޫލުކުރާ ގޮތުގައި ލީބިޔާގައި މިހާރު އޮތް ސައްހަ ސަރުކާރަކީ އދ. މެދުވެރިވެގެން އުފައްދާފައި އޮތް ސަރުކާރެވެ. ބޮޑުވަޒީރަކީ އަބްދުލް ހަމީދު އައްދުބައިބާ އެވެ.
ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ވެރިކަން ކުރަނީ ބޮޑުވަޒީރު އަބްދުލް ހަމީދު އައްދުބައިބާ އަށް ވާގިވެރިވާ ޖަމާއަތްތަކުން އެކުލަވާފައި އޮތް ސަރުކާރަކުންނެވެ.
ލީބިއާގެ އަނެއް ކޮޅުގައި -- އިރުމަތީ ސަރަހައްދު ތަކުގައި ވެރިކަން ކުރަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އުފައްދާފައި އޮތް ސަރުކާރަކުން ނެވެ. ބޮޑުވަޒީރަކީ ފަތުހީ ބަޝާޣާ އެވެ.
ފަތުހީ ބަޝާޣާއަށް ތާއިދުކުރާ ގުރޫޕްތަކުން ދެކޭ ގޮތުތައި ލީބިޔާގައި އެ ނޫން ސަރުކާރެއް އޮވެގެން ނުވާނެ އެވެ. އަބްދުލް ހަމީދު އައްދުބައިބާގެ ސަރުކާރަކީ އދ. އާއި ހުޅަނގުން ވަކި މުއްދަތަކަށް އުފައްދާފައި އޮތް ސަރުކާރެވެ. އަދި ގާނޫން ހަދާ މަޖިލީހުން ވެރިކަން ކުރާނެ ސަރުކާރެއް ކަނޑައެޅުމުން ކުރިން އޮތް ވެރިކަން އުވިގެން ދާނެ އެވެ.
އެހެން ނަމަވެސް، އަބްދުލް ހަމީދު އައްދުބައިބާ ދެކެވަޑައިގަންނަވާ ގޮތުގައި އާންމު އިންތިހާބަކުން ސަރުކާރެއް އެކުލަވާލެވެންދެން އަބްދުލް ހަމީދު އައްދުބައިބާގެ ސަރުކާރު ދެމިއޮންނާނެ އެވެ.
ޓްރިޕޮލީ ހިފަން ފަތުހީ ބަޝާޣާއަށް ތާއީދުކުރާ ގުރޫޕްތަކުން ހޮނިހިރު ދުވަހު ދިން ހަމަލާ ތަކުގައި 32 މީހުން މަރުވެ 159 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ލީބިޔާގެ ސިއްހީ އިދާރާތަކުން ވަނީ ހާމަކޮށްފަ އެވެ.
ރޮއިޓާސްގެ ނޫސްވެރިންނަށް ޓްރިޕޮލީގެ މަގުތައް އޮތް ހާލަތު ވަނީ ފެނިފަ އެވެ. އަނދާ ދަރުދެއްޔަށް ވެފައި ހުރި ކާރުތަކާއި ބަޑީގެ އުންޑަތަކުން ފުރޭންޏަކަށް ހަދާފައި ހުރި އިމާރާތްތަކުގެ ފާރުތައް އެ މީހުން ވަނީ ސިފަކޮށްދީފަ އެވެ.