ދުނިޔެ

ޗައިނާ އޮތީ ބޮޑު ބާރަކަށްވުމުގެ އުންމީދުގައި ތައްޔާރަށް: ބައިޑަން

އެމެރިކާ އަށާއި ޗައިނާއަށް އެއްގަލަކަށް އެރިދާނެ ގޮތްތަކެއް ހޯދިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އެކުގައި ކުރެވޭ މަސައްކަތްތަކުން ދެ ގައުމަށް ވެސް އޮތީ ލާބަ އާއި މަންފާ ކަމަށެވެ.

ބައިޑަން ވިދާޅުވީ ޗައިނާގެ އުންމީދަކީ ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދަށްވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަސްކަރީ ގޮތުން އެމެރިކާއަށް ވުރެ ބާރުގަދަ ގައުމަކަށް ވުމަކީވެސް ޗައިނާގެ ރައީސް، ޝީ ޖިންޕިންގް ކުރައްވާ އުންމީދެއް ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދަށް ވުމާއި، އަސްކަރީ ގޮތުން ޗައިނާއާ ވާދަކުރެވޭ އެހެން ގައުމެއް ނެތް ވަރަށް އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނީ ކުރުމަކީ ވެސް ޝީ ޖިންޕިންގެ އުންމީދެއް" ބައިޑަން ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ގޮތުން އަމަލުކުރެވެމުންދާ ބައެއް އުސޫލުތައް -- ގަވާއިދުތައް އިސްލާހުކޮށް އަލުން ލިޔުމަކީ ބައިޑަން ވިދާޅުވި ގޮތުގައި ޝީ ޖިންޕިންގެ ވިސްނުމުގައި އޮތް ކަމެކެވެ. އެއީ ޗައިނާގެ މައްޗަށް ބާރުތައް ފުރޮޅިގެންދާ ގޮތަށް ކަމަށް ބައިޑަން ވިދާޅުވި އެވެ.

ޗައިނާގެ ވިސްނުމުގައި އޮތީ ސުލަހްއަށް ވުރެ ހަސަދަވެރިކަން ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

"ހަގީގަތުގައި، ޗައިނާ ބޭނުންވާ ގޮތަކީ ހަނގުރާމަ،" ބައިޑަން ވިދާޅުވި އެވެ. "ކޮންމެވެސް ދިމާއެއްގައި ހަމަނުޖެހުން އުފައްދައި، ގަދަވެގަތުމަކީ ޗައިނާގެ މިޒާޖު" ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ.

ޖޯ ބައިޑަން މި މޭރުމުން ވާހަކަދެއްކެވީ އިނިގިރޭސިވިލާތުގެ ރަސްގެފާން ޗާލްސްއާ ބައްދަލު ކުރެއްވުމަށް އެ ގައުމަށް ފުރާވަޑައިގަންނަވަމުންނެވެ.

އިނގިރޭސިވިލާތުން ބައިޑަން ދެން ވަޑައިގަންނަވާނީ ޖުލައި 11-12 އަށް ލިތުއޭނިއާގައި އޮންނަ ނޭޓޯ ސަމިޓަށެވެެ. ބައިޑަން އެއަށް ފަހު ފިންލޭންޑަށް ވެސް ވަޑައިގަންނަވާނެ އެވެ.

ޗައިނާއާ ބެހޭ ގޮތުން ބައިޑަން މިގޮތަށް ވާހަކަދެއްކެވި ނަމަވެސް، ދުނިޔޭގެ ސިޔާސަތު ބައްޓަންކުރުމަށް ޝައުގުވެރިވާ ޗައިނާއިން ހަނގުރާމައަށް ނުވަތަ ދެބަސްވުމަށް ގޮވާލާފައެއް ނުވެ އެވެ.

ޗައިނާގެ ގޮވާލުމަކީ ދެބަސްވުންތަކާއި ހަސަދަވެރިކަން ދޫކޮށްލާފައި -- ގައުމުތައް ގުޅިގެން ދުނިޔެ ތަރައްގީކުރުމަށް ދަމާބަހީ އެވެ.

އެމެރިކާއަށް ވުރެ ޗައިނާގެ އިގުތިސާދު ކުރިއަރައި ހިނިގައިދާނެ ކަމަށް ބިރުން އެމެރިކާއިން ވަނީ ޗައިނާގެ ކުންފުނިތަކަށް ފިއްތައި ދަތިކޮށްފަ އެވެ. ބައިނަލްއަގިވާމީ ބައެއް ނިޒާމުތަކުން ޗައިނާ ބޭރުކޮށް ވިޔަފާރިކުރުން މަނާކޮށްފަ އެވެ.

އަނެއްކޮޅުން ރަޝިއާ، ޔުކްރޭން ހަނގުރާމާގައި ޗައިނާއިން ރަޝިއާއަށް މަދަދުވެރި ވުމަކީ ވެސް އެމެރިކާއަށް ވައްވައްޖެހޭ ކަމެކެވެ.

ދުނިޔޭގެ އިގުތިސާދުން އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުމަށް ޗައިނާ އިސްވެ ރަޝިއާ އާއި އީރާން، އިންޑިއާ އަދި ގަލްފުގެ އަރަބި ގައުމުތަކުން ކުރާ މަސައްކަތްތަކާ ހެދިވެސް އެމެރިކާ އެންމެ ރުޅިއަންނަނީ ޗައިނާ ދެކެ އެވެ.