ގައުމީ ފުޓްބޯޅް ޓީމް

ނައިފަރުން ގައުމީ ޒުވާން ޓީމާއި އެއްވަރު ކޮށްފި

ނައިފަރުން 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ކުޅުނު މެޗު އެއްވަރު ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ހަވީރު ނައިފަރު ޓާފް ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މި މެޗުގައި 23 އަހަރުން ދަށުގެ ޓީމުން ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ އެ މެޗުގައި ކެޕްޓަންކަން ކުރީ އަބްދުﷲ ޔާމީނެވެ. މިހާރު ކުރިއަށްދާ ކޭމްޕުގައި ނައިފަރުގެ އިތުރުން ފަސް ރަށަކާއެކު ޒުވާން ޓީމު ވަނީ މެޗު ކުޅެން ނިންމާފަ އެވެ.

ޒުވާން ޓީމު ހޯމަ ދުވަހު ބައްދަލު ކުރާނީ ނ. ހޮޅުދޫއާ އެވެ. އޭގެ ފަހުން ނ. ކުޑަފަރީ އާއި އަންގާރަ ދުވަހު ބައްދަލު ކުރުމަށްފަހު، ޓީީމު ދެން ދަތުރު ކުރާނީ ޅ. ހިންނަވަރަށެވެ. އަދި އަންގާރަ ދުވަހު ހިންނަވަރަށް ދަތުރު ކުރުމަށް ފަހު އެރަށު ޓީމާއެކު ޒުވާން ގައުމީ ޓީމު މެޗު ކުޅޭނެ އެވެ. އޭގެ ފަހުން ޅ. ކުރެންދޫ އާއި ރ. މީދޫއާއެކުވެސް މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ.

ޒުވާން ޓީމުން ޅ. އަތޮޅުގައި ކޭމްޕު ކުރަން ނިންމީ މިއަންނަ މަހު އޮންނަ އޭއެފްސީ އަންޑާ 23 އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗު ތަކަށް ތައްޔާރު ވުމަށެވެ. މި ދަތުރުގެ ކުރިން ވަނީ ޒުވާން ޓީމުގެ ސްކޮޑަށް ކުޅުންތެރިން ނެގުމަށް ޓްރަަޔަލްއެއް ވެސް ބާއްވާފަ އެވެ. މި ޓްރަޔަލް އަށް ފަހު ދަތުރުގައި ބައިވެރިވީ 27 ކުޅުންތެރިންގެ ސްކޮޑެކެވެ.

ކޮލިފިކޭޝަންގައި ރާއްޖޭގެ މެޗުތައް އޮންނާނީ މިއަންނަ އޮކްޓޫބަރު މަހުގެ 27 އިން 31 އަށް އުޒްބަކިސްތާނުގަ އެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގައި ދެން އޮތީ އިރާގް، ބަހުރެއިން އަދި އަފްގާނިސްތާން އެވެ.

ރާއްޖޭގެ ފުރަތަމަ މެޗު އޮތީ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރާނީ އިރާނާ އެވެ. އޭގެ ފަހުން 29 ވަނަ ދުވަހު ދެވަނަ މެޗުގައި ބަހްރެއިނާއި ވާދަކުރުމަށް ފަހު ތިންވަނަ މެޗުގައި އަފްގާނިސްތާނާއި ބައްދަލުކުރާނީ 31 ވަނަ ދުވަހު އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނީ ކޮލިފިކޭޝަންގެ ކޮންމެ ގްރޫޕަކުން ވެސް އެއްވަނައަށްދާ ޓީމެކެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ދެވަނައަށްދާ ޓީމު ތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ހަތަރު ޓީމެއް މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައި ވާނެ އެވެ.