ލައިފްސްޓައިލް

ވިހޭ ދަރިފުޅު އޭނާއަށް ވުރެ މުސްކުޅި!

ސައުތު އެފްރިކާ އަންހެނަކަށް އޭނާއަށް ވުރެ އުމުރުން ދުވަސް ވެފައިވާ މީހެއްގެ ސިފަ ޖަހާ އަންހެންކުއްޖެއް ލިބިއްޖެ އެވެ. އުމުރުން 20 އަހަރުގެ މި އަންހެންމީހާއަކީ ސިކުނޑީގެ މައްސަލަތަކެއް ވެސް ހުންނަ މީހެކެވެ. ސައުތު އެފްރިކާގެ އިރުމަތީ ކޭޕް ޕްރޮވިންސްގައި ހުރި ގެއެއްގައި ދިރިއުޅޭ މި މީހާއަށް ލިބިފައިވާ ދަރިފުޅަކީ ދުނިޔޭގެ ހާލަކުން ފަހަރަކު ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ ކުއްޖެކެވެ.

މި ކުއްޖާއަށް ޖެހިފައިވަނީ ޕްރޮޖޭރިއާ އެވެ. މި ބައްޔަށް ހަޗިންސަން-ގިލްފޯޑް ސިންޑްރޯމް އޭ ވެސް ކިޔަ އެވެ. މި ބަލީގެ ސަބަބުން މި ތުއްތު ކުއްޖާގެ ސިފަ މިހާރު ވެސް ވެސް ހީވަނީ ވަރަށް ދުވަސްވީ މުސްކުޅިއެއް ހެންނެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ އިންތިހާއަށް މަދުން ދުނިޔޭން ފެންނަ ޕްރޮގްރެސިވް ޖެނެޓިކް ޑިސްއޯޑާ އެކެވެ. މި ބަލި ޖެހުމުން ކުޑަކުދިން އެކުދިންގެ އުމުރަށް ވުރެ އެތައް ގުނައެއް އަވަހަށް މުސްކުޅިވެ އެވެ.

މި ތުއްތު ކުއްޖާ އުފަންވީ ލިބޯޑޭ ކިޔާ އަވަށެއްގައި މިދިޔަ ޖޫން މަހު އެވެ. އަދި ކުއްޖާ އުފަންވުމުން އެ ހިސާބުގަނޑު މީހުންނަށް މިއީ ބޮޑު އަޖައިބަކަށް ވެގެން ކުއްޖާ ބަލަން އެ ކުއްޖާގެ ގެޔަށް އަންނަ ކަމަށް ވެއެވެ.

ޒުވާން އަންހެންމީހާ ވިހާފައިވަނީ ގޭގައި އޮވެގެންނެވެ. އޭނާއަށް އެހީތެރިވީ އޭނާގެ މަންމަ އެވެ. އުމުރުން 55 އަހަރުގެ މާމައަށް ކުއްޖާ ފުރަތަމަ ފެނުމާއެކު ވެސް އެހެން ކުދިންނާއި އެ ކުއްޖާ ވަރަށް ތަފާތުކަން ވިސްނުނެވެ. ކުއްޖާގެ ހަންގަނޑަށް ވަރަށް ބޮޑަށް ރޫޖެހި މޫނުމަތިން ވެސް ދުވަސްވީ މުސްކުޅިއެއްގެ ސިފަ ޖަހާތީ އެވެ.

ވަގުތުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް އޭނާގެ ހާލަތަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. ކުއްޖާ ބެލި ޑޮކްޓަރުން ބުނެފައި ވަނީ މިއީ ކުއްޖާއަށް ބަލިވެ އިނދެގެން އުޅުނު ދުވަސްވަރު މައިމީހާގެ ސިއްހަތަށް ދިމާވި މައްސަލަ ތަކަކުން ކުއްޖާއަށް ޖެހިފައިވާ ބައްޔެއް ކަމަށެވެ.

ކުއްޖާ އުފަންވީ ޖޫން މަހު ނަމަވެސް މި ކުއްޖާ އުފަންވީކަން ދުނިޔޭގެ މީޑީއާގެ ސަމާލުކަމަށް އައިސްފައި ވަނީ މި ހަފުތާގަ އެވެ. އެއީ ކުއްޖާގެ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވަމުންނެވެ.

ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން އެ ކުއްޖާގެ އާއިލާއަށް ވަނީ ވަރަށް ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވެފަ އެވެ. އެ ސަރަހައްދުގެ މީހުން ކުއްޖާ އަށާއި އާއިލާއަށް މަލާމާތާއި ފުރައްސާރަ ކުރާތީ އެވެ.

އެ ރަށުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކު ވަނީ އެ ކުއްޖާއަށް މަލާމާތްކޮށް ނުހަދަން އެ ސަރަހައްދުގެ މީހުންނަށް އިލްތިމާސެއް ކޮށްފަ އެވެ.