ލައިފްސްޓައިލް

ބޯކޮށައިގެން ބިލިއަނަރަށް ވުމުން ވެސް ބޯކޮށުމުގައި!

އިންޑިއާގައި 140 ބިލިއަނަރަން އެބަ ތިބިކަމަށް އެ ގައުމުގެ ތަފާސް ހިސާބުތައް އެއްކުރާ އިދާރާތަކުން ހާމަ ކޮށްފައި ވެއެވެ. ފޯބްސް މެގަޒިންގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި 140 ބިލިއަނަރުންނަކީ އެކި ކަހަލަ ހިސާބުތަކުން އައިސް އެކި ކަހަލަ މަސައްކަތް ކޮށްގެން މުއްސަނދިކަން ހޯދާފައިވާ މީހުނެވެ. މީގެ ތެރެއިން ވެސް އެއް ބިލިއަނަރަކު އެ މަޖައްލާ އިން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ކުރިން ކުރަމުން އައި ވަރަށް އާދައިގެ މަސައްކަތަކުން ބިލިއަނަރަކަށް ވުމަށް ކުރި ދަތުރުގެ ޝައުގުވެރިކަމާއި އެހެން މީހުންނަށް މިކަން މިސާލަކަށް އަދި ހިތްވަރު ލިބޭނެ ކަމަކަށް ވާނެތީ އެވެ.

އޭނާއަކީ ބޯކޮށާ މީހެކެވެ. އާނއެކެވެ. ހަމަ ހަގީގަތުގައި ވެސް ރަމޭޝް ބާބޫ އަކި އެންމެ ކުރިން ވަރަށް އާދައިގެ ގޮތަކަށް ބޯކޮށުމުގެ މަސައްކަތް ކޮށް އުޅުނު މީހެކެވެ. މިއަދު އޭނާއަށް މީހުން ކިޔަނީ ބާބާ ބިލިއަނާ (ބޯކޮށާ ބިލިއަނަރު) އެވެ.
ރަމޭޝް ބާބޫ އަތުގައި މިހާރު އެންމެ ޒަމާނީ އެންމެ އަގުބޮޑު 400 ކާރު އެބައޮތެވެ. މީގެ ތެރޭގައި ގިނައީ ރޯލް-ރޮއިސް، މާސިޑީސް-ބެންޒް، ޖަގުއާ އަދި ބީއެމްޑަބްލިޔު އެވެ.

ވަރަށް އާދައިގެ އާއިލާއަކަށް އުފަންވީ ރަމޭޝް ކާމިޔާބީގެ ހަރުފަތްތައް ގިރާކޮށްފައިވަނީ އޭނާގެ މުރާލިކަމާއި ހިތްވަރާއި މަސައްކަތުންނެވެ. ކާމިޔާބީގެ ސިޑިތައް ގިރާކުރަމުން އެންމެ އުހަށް އަރައި މިހާރު އޭނާ އިނީ ބޮޑު ގޯލްޑް މައިނެއް (ރަން ވަޅެއް)ގެ މަތީގަ އެވެ. ރަމޭޝްގެ ވާހަކައަކީ މިއެވެ:

ރަމޭޝް އުފަންވީ ބެންގަލޫރޫގެ ވަރަށް އާދައިގެ އާއިލާ އަކަށެވެ. އެ އާއިލާގައި ތިބީ ފަސް މީހުންނެވެ. އޭނާގެ ބައްޕަ ޕީ. ގޯޕާލް އަކީ ބޯކޮށާ ފިހާރައެއް ހުޅުވައިގެން ބޯކޮށާދިނުމުގެ މަސައްކަތްކުރާ މީހެކެވެ. ރަމޭޝްގެ އުމުރުން އެންމެ ހަތް އަހަރުގައި އޭނާގެ ބައްޕަ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. އެހިސާބުން ދިރިއުޅުމުގެ ދަތި އުނދަގޫ ދުވަސްތަކަކާ ރަމޭޝް އަށް ކުރިމަތިވި އެވެ.

ރަމޭޝް އާއި ދެ ކޮއްކޮ އަށް ކާން ބޯން ދޭނެ ގޮތެއް ނެތިގެން އޭނާގެ މަންމަ ގޭގެއަށް މަސައްކަތް ކޮށްދޭން ދާން ފެށި އެވެ. ފިރިމީހާގެ ބޯކޮށާ ފިހާރަ ވެސް ހިންގާނެ މީހަކު ނެތިގެން ދުވާލަކު އެންމެ ފަސް ރުފިޔާ އަށް ކުއްޔަށް ދީގެން ރަމޭޝްގެ މަންމަ ދަރިން ބަލަމުން ގެންދިޔަ އެވެ.

މިގޮތަށް ދިރިއުޅެމުން ގޮސް ރަމޭޝްގެ އުމުރުން 13 އަހަރު ފުރުމުން އޭނާ މަސައްކަތް ކޮށްގެން އާއިލާގެ ޚަރަދުތަކުގެ އެއްބައިގައި ހިފި އެވެ. ނޫސް ބަޔާދިނުމާއި ގޭގެއަށް ކިރު ޑެލިވަރީ ކޮށްދިނުން ފަދަ ކަންތައްތައް އެ ދުވަސްވަރު އޭނާ ކުރަމުން ދިޔަ އެވެ.

ރަމޭޝް އަށް ކިޔެވުނީ ގްރޭޑް 10 ނިމެންދެނެވެ. އެހިސާބުން ކިޔެވުން ދޫކޮށްލާފައި ބައްޕަގެ ބޯކޮށާ ފިހާރައާ ހަވާލުވެ އެ މަސައްކަތް ފެށި އެވެ. ވަރަށް އާދައިގެ ބޯކޮށާ ފިހާރައެއް އޭނާ ފަހުން އެކި ސްޓައިލްތަކަށް އެކި ފެޝަން ތަކަށް ބޯކޮށާދޭ ޒަމާނީ ތަނަކަށް ބަދަލުކޮށްލައި "އިނާ ސްޕޭސް"ގެ ނަމުގައި އެތަން ޒަމާނީ ކޮށްލި އެވެ.

މިގޮތަށް އުޅެމުންގޮސް 1993ގައި ރަމޭޝްގެ ވިޔަފާރި ފުޅާކުރުމުގެ ވިސްނުމެއް އޭނާއަށް އައެވެ. ދެ ކޮއްކޮއަށް ރަނގަޅު ތައުލީމެއް ހޯދައިދެވޭނީ ފައިސާ ލިބިގެން ކަމަށް ވާތީ އެވެ. އެގޮތަށް ވިސްނާފައި އޭނާ ބޮޑުބޭބެގެ އެހީތެރިކަމާއި ސެލޫނުން ލިބުނު ފައިދާއިން އެއްކޮށްފައި ހުރި ފައިސާކޮޅަށް މަރޫޓީ އޮމްނީ ވޭން އެއް ގަތެވެ. އަދި އެ ވޭން ކުއްޔަށް ދިނެވެ. އެއީ ވަގުތު ނުލިބޭތީ އޭނާއަށް ވޭން ނުދުއްވިގެންނެވެ.

މި އޮމްނީ ވޭން ވެގެން ދިޔައީ ރަމޭޝްގެ ހަޔާތަށް ބޮޑު ބަދަލެއް އައުމުގެ ފެށުން ކަމަށެވެ. އޭނާގެ ފުރަތަމަ ވިޔަފާރި ކޮންޓްރެކްޓާއެކު މި ވިޔަފާރިން ލިބޭނެ ފައިދާއަށް އޭނާގެ ސިކުނޑި ހުޅުވުނެވެ. ފުރަތަމަ ގަތް ވެހިކަލުން ލިބުނު ފައިސާއިން އޭނާ އިތުރު ވެހިކަލެއް ގަނެ ކުއްޔަށް ދިނެވެ. އެގޮތުން ފަހަރަކު ވެހިކަލެއް ގަންނަމުން ގޮސް 2004 އާ ހަމައަށް އައިއިރު އޭނާގެ އަތުގައި ގިނަ އަދަދެއްގެ ވެހިކަލް ހުއްޓެވެ. އެހިސާބުން އަނެއްކާވެސް އޭނާގެ ވިސްނުން އެއަށް ވުރެ ކުރިޔަށް ޖައްސާލައި މާސިޑިޒް އީ ކްލާސް ކާރެއް 38 ލައްކަ ރުޕީސް އަށް ގަތެވެ.

މިއަދު ރަމޭޝް އަކީ އޭނާގެ ބޮޑު މަޝްހޫރު ސެލޫނުގެ އިތުރުން ރަމޭޝް ޓުއާޒް އެންޑް ޓްރެވަލްސްގެ ވެރިމީހާ އެވެ. އޭނާގެ ކުންފުނީގައި ތަންކޮޅެއް އާދައިގެ ކާރުން ފެށީގެން އެންމެ ޒަމާނީ ކާރުގެ 400 އަށް ވުރެ ގިނަ ކާރު އެބަހުއްޓެވެ. އަދި އެ ތަކެތި ކުއްޔަށް ދީގެން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ލިބި އޭނާ ވަނީ ބޮޑު މަހުޖަނަކަށް ވެފަ އެވެ.

މި މަސައްކަތުން ކިތަންމެ ފައިސާއެއް ލިބުނަސް ރަމޭޝް އޭނާގެ ބޯކޮށާ ތަން ވެސް ދުލެއް ނުކުރެ އެވެ. އަދި އެތަނަށް އެންމެ ކުރިއްސުރެ އަންނަ ކަސްޓަމަރުންނަށް ޚިދުމަތްކުރުމުގައި މިހާރު ވެސް އޭނާ މަސައްކަތް ކުރެ އެވެ. މުއްސަނދިވާން މަސައްކަތްކުރާ މީހުންނަށް އަދި އެހެން ބިލިއަނަރުންނަށް ރަމޭޝް މިސާލަކަށް ވަނީ އޭނާގެ ފެށުން ހަނދާން ނައްތާ ނުލާތީ އެވެ.