ހަބަރު

ތިމާވެށީގެ ޖަމިއްޔާ އައިޔޫސީއެންގައި ބައިވެރިވާން ރުހުން ހޯދަން މަޖިލީހަށް

ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ޖަމިއްޔާގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ އިއްވަވާފަ އެވެ.

ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އައިޔޫސީއެންގައި ރާއްޖެއިން ބައިވެރިވާން ނިންމި ކަން ސަރުކާރުން ހާމަކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާތަަކަށް އަމަލުކުރާނަމަ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި ބައިވެރިވާނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ. އެހެންކަމުން އައިޔޫސީއެންގައި ރާއްޖެއިން ބައިވެރިވުމާ މެދު މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ރައީސް ސޯލިހު އެދިވަޑައިގެންފައިވެ އެވެ.

މަޖިލީހުގެ ތަޅުމަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ދިރާސާކުުރުމަށް މިއަދު ވަނީ މަޖިލީހުގެ ހާރިިޖީ ގުޅުންތަކާ ބަހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސްވިޒަލޭންޑްގައި ހެޑް އޮފީސް ގާއިމުކޮށްފައިވާ އައިޔޫސީއެން އުފައްދާފައިވަނީ 1948 ވަނަ އަހަރު އެވެ. އައިޔޫސީއެންގެ މަގުސަދުތަކުގެ ތެރޭގައި ގުދުރަތީ ވެއްޓާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ރައްކާތެރިކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އެކަމާ ގުޅޭ ތަފާތު ޕްރޮޖެކްޓްތައް ހިންގައި އެކި ދިރާސާތައް ކޮށް މީހުން ހޭލުންތެރިކުރުމަށް ވެސް އެ ޖަމިއްޔާ އިން ގެންދަނީ ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.