އާސަންދަ

ފައިސާގެ ކަމެއްގައި އާސަންދައިން އެއްވެސް މީހަކަށް ނުގުޅަން: އާސަންދަ

އާސަންދަ ސްކީމުން ހިދުމަތް ހޯދުމަށްފަހު ބާކީވާ ފައިސާ ޖަމާކުރަން އެކައުންޓް ނަންބަރާ އާންމު މައުލޫމާތު ހޯދަން އާސަންދަ އޮފީހުން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދައިން ހިދުމަތް ހޯދާ ފަރާތްތަކަށް ސްކީމުގައި ބާކީހުރި ފައިސާ ދޭން ކަމަށް ބުނެ ބެންކް އެކައުންޓް ނަންބަރާ އެހެންވެސް މުހިއްމު މައުލޫމާތު ހޯދަން އާސަންދަ އޮފީހުގެ ނަމުގައި ބަޔަކު ގުޅަމުންދާކަން ފާހަގަކޮށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކޯލެއް އެއްވެސް ފަރާތަކަށް އަތުވެއްޖެ ނަމަ އެކަމަށް ސަމާލުވުމަށެވެ.
ހުސްނުވާ އާސަންދަ ސްކީމަކީ ހުރިހާ ދިވެހިންނަށް ހިލޭ ބޭސްފަރުވާ ޔަގީންކުރުމުގެ ގޮތުން ބޭސްފަރުވާގެ ހަރަދު ހުސްނުވާ ގޮތަށް ކުރިއަށްގެންދާ ސްކީމެއް ކަމަށް ވާތީ، ބާކީވާ ފައިސާ އެއްވެސް ފަރާތަކަށް ދޭން އެ އޮފީހުން ނުގުޅާނެ ކަމަށް އާސަންދަ އޮފީހުން ވަނީ ބުންޏެވެ.

"ހުސްނުވާ އާސަންދަ ސްކީމަކީ ފައިސާގެ އެއްވެސް މުއާމަލާތެއް އާންމު ރައްޔިތުންނަށް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ސްކީމަކަށް ނުވާތީ މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،" އާސަންދަ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

އެ އޮފީހުން ބުނީ، މި ދުވަސްވަރަކީ އެކި ޕްރޮމޯޝަންތަކާ އޮފީސްތަކުގެ ނަމުގައި ފޭކު ކޯލްތައް ކޮށްގެން ފައިސާ ނަގަން ބަޔަކު މަސައްކަތް ކުރާ ދުވަސްކޮޅެއް ކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށާ އެ ފަދަ ކޯލްތައް ކުރާ ފަރާތްތަކަށް އެކައުންޓް ނަންބަރު ފަދަ މުހިއްމު މައުލޫމާތު ނުދޭން އިލްތިމާސްކުރާ ކަމަށެވެ.