ރައީސް އޮފީސް

ޗައިނާ ސަފީރު ފަތްކޮޅު އަރުއްވައިފި

Sep 6, 2021

ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ވެންގް ލިޒިން، ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުއްވައިފި އެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތުގައި ސަފީރު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ 600،000 ޑޯޒް ދެފަހަރެއްގެ މަތިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ ސަބަބުން ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަސޭހަތަކެއް ވެގެން ދިޔަ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. ނިމިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ ބިޔަ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިޔައީ ޗައިނާގެ މާލީ އަދި ފަންނީ ވަރަށް ގިނަ އެހީތެރިކަން ލިބިގެންނެވެ.