ހަބަރު

ޗައިނާއާ ގުޅުން ބަދަހިކުރަން އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވައިފި

Jan 10, 2019

ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް، ރައީސް ސޯލިހުގެ އަރިހަށް މިއަދު ކުރެއްވި އިހްތިތާމްގެ ޒިޔާރާތުގަ އެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ޗައިނާގެ ސަފީރު ވަނީ ރާއްޖޭގައި ޗައިނާ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ހާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަގްވާމީ މަޝްރަހުގައި ވެސް ދެ ގައުމަށް ފައިދާވާފަދަ ކަންކަން ކުރެއްވުމަށް ދެ ގައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި އެ ގައުމުން އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވަނީ ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ޗައިނާގެ ސަފީރު ވަނީ ޗައިނާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސްއަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.