ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިހްތިރާމު ކުރާތީ ޗައިނާއަކީ މުހިއްމު ބައިވެރިއެއް: ރައީސް

Oct 14, 2022
2

ދިވެހިރާއްޖެއާއި ޗައިނާއާއި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީހީ ގުޅުން ދެމިގެން ދިޔައީ އެއް ގައުމުން އަނެއް ގައުމުގެ އިސްތިގުލާލަށް އިގްތިރާމު ކުރާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނު ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޗައިނާގެ ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާން އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގަ އެވެ.

ޗައިނާގެ ރައީސް އަށް ފޮނުއްވެވި މެސެޖުގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއާ ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ ދިގު ތާރީހެއް އޮތް ގުޅުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ، ސަގާފީ އަދި އިގްތިސާދީ ތަރައްގީގައި ޗައިނާއިން ނުހަނު ބޮޑު ހިއްސާއެއް ވެދީފައިވާ ކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު ރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުން ވަކިން ބޮޑަށް ފާހަގަކުރައްވާފައިވެ އެވެ.

މީގެ އިތުރުން މިއެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ރާއްޖޭގެ ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވެގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން ބިނާވެފައިވަނީ ތާރީހީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި ދެ ގައުމުގެ މެދުގައި އޮތް އިހްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. ރާއްޖެއާ ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

ލީ ކީކްޔާން އަށް ރައީސް ސޯލިހް ފޮނުއްވެވި މެސެޖުގައި ވިދާޅުވި ރާއްޖެއާ ޗައިނާގެ ތާރީހީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެ ގައުމުންވެސް އެއް ގައުމު އަނެއް ގައުމުގެ އިސްތިގުލާލަށް ކުރާ އިހްތިރާމަކީ ދެ ގައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާ ކަމަށެވެ. ފާއިތުވި 50 އަހަރުވެސް ރާއްޖެއާ ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ މި މެސެޖުގައި އިޖުތިމާއީ ތަރައްގީއާއި އިގްތިސާދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއިއެކު، ޗައިނާ އަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއް ކަމުގައި ވިދާޅުވެފައިވެ އެވެ.

ދިވެހިރާއްޖެއާ ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ދެެ ގައުމުގެ މެދުގައި އޮތް ގާތް ރަހްމަތެރިކަމުގެ ގުޅުން ބަދަހިވެގެންދާނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.