ރައީސް އޮފީސް

ރައީސްގެ އަރިހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

ހާއްސަ ގޮތެއްގައި ފަތުރުވެރިކަމާއި، ތައުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ތަނުގައިވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެ ގައުމަށް ފައިދާހުރި މަޝްރޫއުތައް ދެ ގައުމުން ގުޅިގެން ހިންގޭނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ދެ ބޭފުޅުން ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމުގައިވެސް ވިދާާޅުވެފަ އެވެ.