ޝަރުއީ ދާއިރާ

އެންމެން އަލީ ޒާހިރޭ ކިޔާނީ ކަމެއް ވެގެން!

ޝަރުއީ ދާއިރާއަށް ވަރުގަދަ ނުފޫޒުތައް ފޯރުވަ އެވެ. އެކަން ކުރާ ގޮތާއި ނުފޫޒު ފޯރުވާފައި އޮތް މިންވަރު އޮތީ ހާމައަށް ދިމާއަށް ފެންނާށެވެ. ފަނޑިޔާރުންގެ މަސައްކަތްތަކާއި ބެހި ވަކި ގޮތަކަށް ހުކުމްތައް ހުރީ ނެރެފަ އެވެ. އެކަން މިހާރުވެސް އޮތީ އިހު އޮތް ގޮތަށެވެ. އެކަންކަން އެ ނޫން ގޮތަކަށް ބުނެ ދޭން މަސައްކަތް ކުރާ އެންމެ ވެސް ހަދަނީ އެ މީހެއްގެ ސިޔާސީ މާއްދީ ފައިދާއަށްޓަކައި ހުސް ދޮގެވެ. ރިޝްވަތުގެ ކަޅު ފައިސާގައި ގިނަ ފަނޑިޔާރުން ތިއްބެވީ ޖެހިވަޑައިގެންފަ އެވެ. ދައުލަތުގެ އިދާރާތަކުން ހިންގާފައި ހުރި ތަހުގީގުތަކުގައި އެ ހުތުރު އަމަލުތައް އެހުރީ ފެންނާށެވެ. އެހެންވެ ގާނޫނުއަސާސީގައި ޝަރުއީ ދާއިރާއަށް ދީފައިވާ ފުރިހަމަ މިނިވަންކަން އޮތީ ކަރުދާހުގަ އެވެ. ޝަރުއީ ދާއިރާގެ ނިންމުންތަކުން އަދިވެސް ފެންނަނީ ޝައްކާއި ވަހުމް އުފެދޭ ކަންކަމެވެ. ރަނގަޅު ހަމައެއް ކަމެއް ނުކުރެ އެވެ.

މިހާރު އެންމެ ބޮޑަށް ދެކެވެމުން ދަނީ ވެސް ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ފަނޑިޔާރުންނަށް އޮތް ނުފޫޒު ތަކުގެ ވާހަކައެވެ. މި ވާހަކަތައް ތިލަވީ ފަނޑިޔާރުންތަކެއް ކަމަށް ބުނާ ބޭފުޅުންތަކެއްގެ އޯޑިއޯތަކެއްގައި ދެކެވޭ ވާހަކަތަކަކާ ހަމައިންނެވެ. އޯޑިއޯ ތަކުގައި އިވެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ބައެއް ފަނޑިޔާރުންގެ އަޑު ކަމަށް އާންމުކޮށް ކޯޓުތަކަށް ވަޑައިގަންނަވާ ގިނަ ވަކީލުން ވިދާޅުވެ އެވެ. އެ ސައްހަތޯ ނޫންތޯ ނިންމަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ދަނީ އެ މައްސަލަތައް ބަލައި ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންނެވެ. އެކަމަކު އެކަން ވެސް ނިމޭއިރު އޭގެ ތެރެއަށް ނުފޫޒު ވަދެ ހަދާނީ ހުސް ދޮގެވެ.

އޯޑިއޯ ތަކާއެކު ކަންބޮޑުވާން ޖެހެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ. މީގެ ތެރެއިން ވެސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރަށް ކުރަނީ އާދައިގެ ތުހުމަތުތަކެއް ނޫނެވެ. ދައުރުވާ އޯޑިއޯއެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލީ ޒާހިރު ވަނީ ބައެއް ފަނޑިޔާރުންނާ ބައްދަލު ކުރައްވާފަ އެވެ. އަދި ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ ބައެއް ކަހަލަ ހުށަހެޅުންތައް ވެސް ހުށަހަޅުއްވާފަ އެވެ. މީގެ އިތުރުން އެއް އޯޑިއޯގައި ވިދާޅުވާ ގޮތުގައި ބައެއް މައްސަލަތައް ނިންމުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ވެސް އަލީ ޒާހިރު ވަނީ ދެއްވާފަ އެވެ.

"އަޅުގަނޑު އިނީ ބެންޗުގައި އެ ބޭފުޅާ ދެންނެވި ގޮތަށް. އަޅުގަނޑަކަށް ހަގީގަތުގައި ނޭނގޭ އޭގައި ލިޔެފައި އޮތީ ކޮން އެއްޗެއް ކަމެއް ވެސް،" ލީކްވި އޯޑިއޯއެއްގައި ވާހަކަ ދައްކަވާ ބޭފުޅަކު ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުންނާ އަލީ ޒާހިރަށް އިޝާރަތް ކުރައްވާ ވިދާޅުވެފައިވެ އެވެ.

އޯޑިތަކުގެ ސައްހަކަމާއި އަލީ ޒާހިރާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ކުރީގެ ބައެއް ފަނޑިޔާރުން ވެސް ޔަގީން ކޮށް ދެއްވަ އެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވި ގޮތުގައި އޯޑިއޯ ތަކުގައި އިވެނީ ތުހުމަތު ކުރެވޭ ފަނޑިޔާރުންގެ އަޑެވެ. ބައެއް މައްސަލަތައް ނިންމަންވީ ގޮތް ބުނެދިނުމަށް އޭނާގެ ފޯނަށް ގުޅުއްވާތީ އުނދަގޫ ވެވަވަޑައިގެން ފޯން އެއްލާލައްވަން ޖެހިވަޑައިގެންނެވި އެވެ.

"އެބޭފުޅާ [ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް] ގެ އަޑު އަޅުގަނޑަކަށް ނޯޅޭނެ. އެއް އަހަރެއްގެ ވާހަކައެއް ނޫން މި ދައްކަނީކީ. ދެ އަހަރެއްގެ ތިން އަހަރެއްގެ ހަތަރު އަހަރެއްގެ ފަސް އަހަރެއްގެ ވާހަކައެއް ނޫން. ފަނަރަ، ވިހި، ބާވީސް އަހަރުގެ ވާހަކަ މި ދައްކަނީ، އެކުގައި މަސައްކަތް ކުރި މީހެއްގެ ވާހަކަ. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން އެއީ އަލީ އާދަމްގެ އަޑު. އެ ނޫން ބޭފުޅެއްގެ އަޑެއް ނޫން އެއީކީއެއް،" އޯޑިއޯގައި އިވޭ ބޭފުޅެއްގެ އަޑާއި ދެކެވޭ ވާހަކަތައް އެއީ އަސްލެއް ކަން ހާމަކޮށްދެއްވަމުން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަލީ ނަޖީބް ވަނީ އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް ހުންނެވި އަހްމަދު ހައިލަމަށް ވެސް އަލީ ޒާހިރު ގުޅުއްވި ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ފޯން ސްޕީކަރަށް ލައްވައިގެން ހައިލަމް ވާހަކަ ދެއްކެވީ އޭނާގެ ހާޒިރުގަ އެވެ. ހައިލަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން އަލީ ޒާހިރު ހުށަހެޅުއްވީ އެ ކޯލުގަ އެވެ.

"މި ހަމަ ހަގީގަތް. ﷲ އަށްޓަކައި ހަދާ ތެދެއްމީ... ލީ ޒާހިރު ދަންނަވަނީ ހައިލަމް ހާސްވެ ވަޑައި ނުގަންނަވާށޭ. ހައިލަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުވެފައޭ އޮތީ ޖާގަ،" އަލީ ޒާހިރާ ގުޅޭގޮތުން ނަޖީބު ވިދާޅުވި އެވެ.

އަލީ ޒާހިރާ މެދު އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުންގެ ވަރަށް ގިނަ ޝަކުވާތަކެއް ވެސް އެބަހުއްޓެވެ. އާންމުންގެ ޝަކުވާތައް އެބަހުއްޓެވެ. އެކަމަކު އެ ޝަކުވާ ކުރަނީ ރައީސް އޮފީހުގެ ތެރެއިން ބައެއް ކަންކަން ހަމަޖައްސައި ދެއްވުމުގައި އަލީ ޒާހިރު، މީހުންނާއި މެންބަރުން ތަފާތު ކުރައްވާ މައްސަލާގަ އެވެ.

އަލީ ޒާހިރާ ގުޅޭ ގޮތުން އެތައް ބަޔަކު އެއް ކަހަލަ ތުހުމަތުތަކެއް ކުރި ނަމަވެސް އެ ހުރިހާ ކަމެއް އޭނާ ދޮގު ކުރައްވަ އެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެ އެވެ. އެކަމަކު ފަނޑިޔާރުންނަށް ގުޅުއްވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވާކަށް ކެރިވަޑައެއް ނުގަންނަވަ އެވެ.

އަލީ ޒާހިރު ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ނުފޫޒުގެ ތުހުމަތު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކެއް މިމަހު ކޯޓުތަކުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައި ވާތީ އެ މައްސަލަތަކަށް ނުފޫޒު ފޯރުވާށެވެ. އެކަމަކު ނުފޫޒު ފޯރުވަން އެ ބަޔަކު ކުރާ ކަމެއް އަލީ ޒާހިރަކަށް ވިދާޅެއް ނުވެވެ އެވެ.

ފަނޑިޔާރުންގެ މަސައްކަތްތަކާއި ބެހި ނުފޫޒު ފޯރުވުމާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަކީ ގާނޫނޫލްއުގޫބާތާއި ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ކުށެކެވެ. އާންމު ވެގެން އުޅޭ އޯޑިއޯ ތަކުގައި ދެކެވޭ ވާހަކަތައް ފުލުހުންނާއި ޖޭއެސްސީން ބަލަމުން އެބަގެންދެ އެވެ. އެކަމަކު އަލީ ޒާހިރުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ސަރުކާރަކުން ނުބަލަ އެވެ. ކުރާ ތުހުމަތުތަކާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް ތަހުގީގެއް ހިންގާ، އޭނާއާ އެއްވެސް ފަރާތަކުން އެއްވެސް ސުވާލެއް ކޮށްފައެއް ނުވެ އެވެ. އަލީ ޒާހިރަށް ތުހުމަތު ކުރާ މައްސަލަތަކުގައި މީގެ ކުރިން އެއްޗެއް ވިދާޅުނުވެ ހުންނެވީ އަސްލެއް ނެތް ވާހަކަތަކަށް ޖަވާބެއް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާތީ އެވެ.

ބޮޑެތި ފާޑުކިޔުންތަކުގެ ސަބަބުން މަޖުބޫރުވެވަޑައިގެން މިދިޔަ އާދީއްތަ ދުވަހު އަލީ ޒާހިރު ވަނީ ނޫސްވެރިންނާ ވެސް ބައްދަލު ކުރައްވާފަ އެވެ. ދިފާއުގައި ދެއްކެވި ހުރިހާ ވާހަކައެއްހެން އެޅުވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގަ އެވެ. އޭނާއަށް ކުރަނީ ސީރިއަސް ތުހުމަތުތަކެއް ނަމަ ރައީސް ސޯލިހުގެ އިތުބާރު ގެއްލި، މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވި އެވެ. ކުށެއް ކުރެއްވިނަމަ ރައީސް އޮފީހާއި ތަހުގީގީ އިދާރާތަކުން ސުވާލު ކުރާނެ ކަން ފާހަގަކުރެއްވި އެވެ. އޭނާ މަގާމުގައި ހުންނެވި ނަމަވެސް ނުފޫޒެއް ނެތި މިނިވަން މުއައްސަސާތަކަށް މައްސަލަތައް ބެލޭނެ ކަން ޔަގީން ކޮށްދެއްވި އެވެ. އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވީ ސަރުކާރުގެ ބައެއް އިސްވެރިންނާއި ވަޒީރަކަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތާ ގުޅިގެން މައްސަލައިގެ ތަހުގީގު ކުރި ގޮތެވެ.

ކުރީގެ ފަނޑިޔާރު ނަޖީބް އަލީ ޒާހިރަށް ތުހުމަތު ކުރެއްވުމުން އެކަން ދޮގު ކުރެއްވުމަށް ހުވާ ކުރަން ކެރިވަޑައިގަންނަވާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހަތް ފަހަރު ހުވާ ކުރައްވަން ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ. ނަމަވެސް އެ ހުވާ ކުރައްވަނީ ހެކި ދެއްކުމުންނެވެ.

"އަދި ހެކި ނުދައްކާ. ހެކި ދެއްކީމާ އަޅުގަނޑު ހަތް ފަހަރު ހުވާ ކުރާނަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރައީސާއި ނައިބު ރައީސަށް ފަހު އަލީ ޒާހިރަކީ ރައީސް އޮފީހުގައި ތިންވަނަ އަށް އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅާ އެވެ. ނަމަވެސް އޭނާއަކީ ސިޔާސީ ގޮތުން މާ ބާރުގަދަ ފަރާތެއް ނޫނެވެ. ކޯލިޝަން ސަރުކާރެއް ކަމަށްވުމުން އަދި އިސްލާހީ ހަރަކާތުގައި އުޅުއްވި ބޭފުޅަކަށް ވީތީ ޗީފް އޮފް ސްޓާފްގެ މަގާމަކީ ލިބިވަޑައިގެންނެވި ހަދިޔާ އެކެެވެ.

ޗީފް އޮފް ސްޓާފަކީ ސީދާ ރައީސަށް ޖަވާބުދާރީވާ އަދި ސީދާ ރައީސްގެ އެންގެވުންތައް ތަންފީޒު ކުރެއްވުމަށް ހުންނަވާ ބޭފުޅެކެވެ. މަގާމުގެ ހައިސިއްޔަތުން އެފަދަ ބޭފުޅަކު ގުޅުއްވާ، ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް އެދިވަޑައިގެންފިނަމަ އެކަމެއް ކުރުމަކީ ވެދާނެ ކަމެކެވެ. ސިޔާސީ ގޮތުން ބާރުގަދަ ބޭފުޅަކަށް ނުވި ނަމަވެސް މަގާމުގެ ގޮތުން އަލީ ޒާހިރު ހުންނެވީ ނުފޫޒު ފޯރުވިދާނެ ފަދަ މަގާމެއްގަ އެވެ.

ސަރުކާރާއި ޖޭއެސްސީގައި ރައީސް ސޯލިހް ނިސްބަތްވާ އެމްޑީޕީގެ ނުފޫޒު ގަދަ އެތައް ބޭފުޅަކު އެބަތިއްބެވި އެވެ. އެކަމަކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު އޮތީ އަލީ ޒާހިރަށް އެކަންޏެވެ. އެއީ ކީއްވެގެން ހިނގާ ކަމެއްތޯ ނޫސްވެރިން އެކި ގޮތްގޮތަށް ސުވާލު ކުރާތީ އަލީ ޒާހިރު ވިދާޅުވާ ގޮތުގައި އެއީ ބަޔަކު "ފިނޑިކަމުން" ކުރާ ކަމެކެވެ. އަދި އެއީ ވަކި ބޭފުޅެއްގެ ނަން ވިދާޅުވާން ކެރިވަޑައި ނުގަންނަވާތީ ބަޔަކު ކުރާ ކަމެކެވެ.

އަޅުގަނޑަށް ހަމަ ދެންނެވޭނީ މިދަންނަވާހެން އެނގޭތޯ. އެހެން ބޭފުޅެއްގެ ނުވަތަ އެހެން ބޭފުޅުންގެ ނަން ވިދާޅުވާން ނުކެރޭތީވެ އަޅުގަނޑުގެ ނަން ކިޔަނީއޭ. އެހެން ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަކަށް ނޭނގޭ އެއްގޮތަކަށްވެސް ކީއްވެގެން ކަމެއް [އަޅުގަނޑުގެ ނަން ކިޔަނީކީ]. ހަމަގައިމުވެސް އަޅުގަނޑުގެ ނަން ކިޔަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ
އަލީ ޒާހިރު | ޗީފް އޮފް ސްޓާފް

ތުހުމަތުތަކަށް އަލީ ޒާހިރު އިންކާރު ކުރައްވާފައިވާތީ ގާނޫނީ އިޖުރައާތުތަކުގެ ތެރެއިން އޭނާގެ ފޯން ކޯލްތަކުގެ ރެކޯޑިންއާއި މެސެޖުތައް ހޯދަންޖެހެ އެވެ. ސޯޝަލްމީޑިއާ އެކައުންޓްތަކުން ކުރައްވާފައިވާ މުއާމަލާތްތައް، އެކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން ހޯދަންޖެހެ އެވެ. މައްސަލައިގެ ބާވަތުން އަލީ ޒާހިރަށް ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ހޯދަންޖެހެ އެވެ. ޝަރުއީ ދާއިރާ އަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބޭނީ ކުރެވޭ ތުހުމަތުތައް ތަހުގީގަކުން ހޯދާ ބެލީމަ އެވެ.

ރައީސް ސޯލިހާ އެންމެ ގާތުގައި ހުންނެވި އެމަނިކުފާނު އެންމެ އިސް މުވައްޒަފަށް ކުރެވޭ ތުހުމަތުތައް ވެސް ތަހުގީގު ކުރަންޖެހެ އެވެ. އެކަމަށް އިސްނަންގަވައި އެކަމުގެ ހަގީގަތްތައް ހޯއްދަވަން ރައީސް ސޯލިހު ވެސް ބާރުއަޅުއްވަން ޖެހެ އެވެ. ނުފޫޒާއެކު އަލީ ޒާހިރުގެ ނަން އަބަދު އިވޭނަމަ އެއީ ގޯހެކެވެ.