އަދާލަތު ޕާޓީ

އަދާލަތުގެ އިލްމުވެރިން ރައީސް އަރިހަށް

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ބައްދަލުވުމަކީ އިލްމުވެރިންގެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންފުޅުވާ ކަންކަމާމެދު މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އަދާލަތު ޕާޓީން ބުންޏެވެ. ނަމަވެސް މަޝްވަރާ ކުރެވުނު ކަންކަމުގެ އެއްވެސް ތަފްސީލެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވާ ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަށް އެންމެ ފުރަތަމަ ތާއީދުކުރީ އަދާލަތު ޕާޓީންނެވެ. މީގެއިތުރުން މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކޮށްފަ އެވެ.

ރައީސްއަށް ތާއީދުކުރުމާ މެދު ވެރިކަން ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރުމަށެވެ.