ދުނިޔެ

ބޯޓުޔާޑް ގޮއްވާލާނެ ކަމަށް ބުނެ އިންޑިއާއަށް ބިރުދައްކަނީ

އިންޑިއާ އަމިއްލައަށް އުފައްދާ މަތިންދާބޯޓު އުފުލާ މަނަވަރު، އައިއެންއެސް ވިކްރަންތު މިވަގުތު އޮތީ ކޮޗިން ޝިޕްޔާޑް ލިމިޓެޑް (ސީއެސްއެލް) ގައެވެ. މަނަވަރު ކޮމިޝަން ކުރުން އޮތީ އަންނަ އަހަރަށް ފަސް ކޮށްފަ އެވެ. އެހެން ނަމަވެސް މިދިއަ މަހު ކަނޑަށް ބާލައި ކަނޑަށް ހެޔޮވަރުތޯ ވަނީ ބަލާފަ އެވެ.

ޚަބަރު އޭޖެންސިތަކަށް ކެރެލާ ފުލުހުން ބުނެފައިވާ ގޮތުން ކޮޗިންގައި މަސައްކަތް ފުރިހަމަ ކުރަމުން ގެންދާ މަތިންދާބޯޓު އުފުލާ މަނަވަރު ގޮއްވާލާނެ ކަމަށް ބުނާ އީމެއިލްތަކެއް ސީއެސްއެލްއަށް ވަނީ ލިބިފަ އެވެ. އަދި އެ އީމެއިލްތައް ކޮޗިން ޝިޕްޔާޑް ލިމިޓެޑަށް އަމާޒުވާން ޖެހުނު ސަބަބު ބަލައި ތަހުގީގު ކޮށްދޭން ސީއެސްއެލްއިން އޮތީ އެދިފަ އެވެ.

އެރުނާކުލަމް ޕޮލިސް ސްޓޭޝަންގެ ޗީފް ޕޮލިސް އޮފިސަރު މަނޯޖު ކޭ ވިދާޅުވީ ސީއެސްއެލްއިން ހުށަހެޅި މައްސަލަ ބަލަމުން ގެންދަނީ ސައިބާ ޓެރަރިޒަމްއަށް ދަރަޖަ ކޮށްގެންނެވެ. އޭނާ ވިދާޅުވީ ސީއެސްއެލްއަކީ އިންޑިއާގެ އެންމެ ބޮޑު ބޮޓުޔާޑް ކަމަށް ވާތީ މައްސަލަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީފައިވާ ކަމަށެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން ބޯޓްޔާޑްގައި މަސައްކަތްކުރާ އިސް އޮފިސަރުންނަށް ވެސް އީމެއިލުން ބިރު ދައްކާފައިވެ އެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުން ވާހަކައެއް ނުދައްކަ އެވެ.

ސީއެސްއެލްގައި މަސައްކަތްކުރި ކަމަށް ބުނާ އަފްޣާން ރައްޔިތަކު މިއަހަރު ޖުލައިގައި ފުލުން ހައްޔަރުކުރި އެވެ. އޭނާގެ އަތުން ލިޔުންތަކެއް ފެނިފަައިވާ ކަމަށް އިންޑިއާ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެއަށް ފަހު ބޯޓުޔާޑް ސަރަހައްދުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

މަނަވަރުގައި ދަވާދު ލުމުގައި އުޅުނު ދެމީހަކު 2019 ގައި ހައްޔަރުކުރި ކަމަށް ބުނާ ޚަަބަރުތަކެއް ވެސް އިންޓަނެޓްގައި އެބަހުއްޓެވެ. އެމީހުން ހައްޔަރުކުރި ކަމަށް ވަނީ މަނަވަރުގައި ހަރުކުރަން ބޭނުންކުރި ހާޑްވެއާތަކެއްގެ މައުލޫމާތު ވަގަށްނަގަން މަސައްކަތްކުރުމުގެ ކުށުގަ އެވެ.

އިންޑިއާ އިންޖިނޭރުންގެ މޭސްތިރިކަމުގައި ބަންނަ މަތިންދާބޯޓު އުފުލާ މަނަވަރަކީ 262 މީޓަރު ދިގު އުޅަނދެކެވެ. މަނަވަރު ބަނދެ ފައްކާކުރުމަށް 3.5 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އޮތީ ބަލާފަ އެވެ. މިއީ 40،000 ޓަނު އުފުލޭ ފެންވަރުގެ އުޅަނދެކެވެ. މަނަވަރު ޑިޒައިންކޮށްފައި ވަނީ 30 މަތިންދާބޯޓު، ފައިޓަރު ޖެޓާއި ހެލިކޮޕްޓަރު ހިމެނޭ ގޮތުން، އުފުލޭ ފެންވަރަށެވެ.