ދެ މީހެއްގެ މެދުގައި ހިނގާ ލޯބީގެ ހާދިސާތަކުގެ ވާހަކަ ވަރަށް ގިނައިން އަޑުއިވެ އެވެ. ނަމަވެސް އިންޑިޔާގެ ކަރްނާޓަކާގައި ހިނގި މި ހާދިސާ ގިނަ ބަޔަކު ސިފަ ކުރަނީ މި އަހަރުގެ އެންމެ ބޮޑު "ލަވް ޓްރައިންގަލް" ގެ ގޮތުގަ އެވެ. ހިންދީ ފިލްމެއް ކުޅެލަން ވަރަށް ރަނގަޅުވާނެ ކަމަށް ބެލެވޭ މި ލޯބީގެ ވާހަކައިގެ ނިމުން ވެސް އެހާ ޝައުގުވެރި އެވެ. ކައިވެނި ކުރާނެ އަންހެންކުއްޖާ ހިޔާރުކުރީ ފައިސާ ފޮއްޗެއް މައްޗަށް އެއްލައިގެން ކަމަށް ވާތީ އެވެ.
ކަރްނާޓަކާގެ ސަކްލޭޝްޕޫރް ޓަލުކް އޮފް ހަސަން ޑިސްޓްރިކްޓްގައި ހިނގި މި ހާދިސާ ފެށުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ އަވަށުގައި އުޅޭ 27 އަހަރުގެ ޒުވާން ފިރިހެނަކަށް އޭނާގެ އަވަށާ ގާތުގައި އޮންނަ އެހެން އަވަށެއްގެ 20 އަހަރުގެ އަންހެންކުއްޖަކާ ބައްދަލުވެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ އެވެ. އޭގެ ފަހުން ދެ މީހުންގެ ސިއްރު ބައްދަލުވުންތައް ބާއްވަމުން ދިޔަ އެވެ. ޝޮޕިން ސެންޓަރުތަކުންނާއި ހިތްގައިމު ބަގީޗާތަކުގައި މި މީހުން ބައްދަލު ކުރާތާ ހަ މަސް ފަހުން ހަމަ މި ފިރިހެންމީހާއަށް އަނެއްކާ ވެސް އެހެން އަންހެންކުއްޖަކާ ބައްދަލުވި އެވެ. މިއީ ވެސް ކުރިން އޭނާ ރައްޓެހިވީ އަންހެންކުއްޖާގެ އުމުރުގެ ކުއްޖެކެވެ.
ދެ ވަނަ ކުއްޖާއަކީ އަދި އެހެން އަވަށެއްގެ ކުއްޖެކެވެ. ފުރަތަމަ ކުއްޖާއާ އެކީ އުޅުނު ގޮތަށް ދެ ވަނަ ކުއްޖާ އާއެކު ވެސް މި ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ދިޔަ އެވެ. ނަމަވެސް މި ދެ އަންހެންކުދިންނަކަށް ފިރިހެންމީހާ އުޅެނީ ދެ މީހުންނާ އެއްފަހަރާ ރައްޓެވިވެގެން ކަމެއް ނޭނގެ އެވެ.
ފިރިހެންމީހާ އަކީ ފުދޭވަރެއްގެ މުއްސަނދި އާއިލާއެއްގެ ހުރި އެންމެ ފިރިހެން ދަރިއެކެވެ. މި ފިރިހެންމީހާ އެއް ދުވަހަކު އެތަނުން އެއް އަންހެންކުއްޖަކު ގޮވައިގެން ބޭރުގައި އުޅެނިކޮށް އާއިލާގެ މީހަކަށް ފެނި އެ ވާހަކަ ފިރިހެންމީހާގެ މައިންބަފައިންނާ ހަމައަށް ދިޔަ އެވެ. އާއިލާގެ މީހުން ފިރިހެންމީހާ އާ ސުވާލުކުރުމުން އެ އަންހެންކުއްޖާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މި ފިރިހެން މީހާ އެއްބަސްވި އެވެ. އަދި އެ އަންހެންކުއްޖާ އާ ކައިވެނި ކުރަން ބޭނުން ކަމަށް ވެސް ފިރިހެންމީހާ އޭނާގެ އާއިލާގެ ކައިރީގައި ބުންޏެވެ. ނަމަވެސް އާއިލާގެ މީހުން މި ކައިވެންޏާ ގަބޫލުނުވެ އެމީހުންގެ ދަރިފުޅާ ކައިވެނިކުރާނެ އަންހެންކުއްޖަކު ހޯދަން ފެށި އެވެ.
ފިރިހެން ކުއްޖާގެ ދެ ލޯބިވެރިންނަށް މިކަން އެނގުމުން ދެ މީހުން ވެސް މައިންބަފައިން ގޮވައިގެން ފިރިހެންކުއްޖާގެ ގެއަށް ކައިވެނީގެ ވާހަކަ ދައްކަން ދިޔައީ އެވެ. އެހިސާބުން ފިރިހެންކުއްޖާގެ އާއިލާގެ މީހުންނަށް ވެސް ހަދާނެ ގޮތް ހުސްވިއެވެ. ފިރިހެންކުއްޖާ އެއް ފަހަރާ ދެ އަންހެންކުދިންނާ ރައްޓެހިވެގެން އުޅޭކަން މުޅި އަވަށަށް އެނގި އެންމެން އެވާހަކަ ދައްކަން ފެށި އެވެ.
އެހިސާބުން ފިރިހެންކުއްޖާގެ އާއިލާއިން އަވަށުގެ އިސް މީހާ (ޕަންޗާޔަތު) ކައިރިއަށް ގޮސް ހަދާނެ ގޮތެއް އެހި އެވެ. ޕަންޗާޔަތު އަވަށުގެ މީހުން އެއްކުރި އެވެ. އަދި އެތަނަށް ފިރިހެންކުއްޖާގެ އާއިލާ އާއި އޭނާ ރައްޓެހިވީ ދެ އަންހެންކުދިންގެ އާއިލާގެ މީހުން ވެސް އައިސް ތިއްބެވެ. ކައިވެނިކުރަން ބޭނުން ވަނީ މިތަނުން ކާކާތޯ ޕަންޗާޔަތު ސުވާލު ކުރުމުން ފިރިހެންމީހާ ހަމަ ޗުއްޕުވެސް ނުބުނެ މަޑުން ހުރީ އެވެ. އެހެންވެ ޕަންޗާޔަތަށް ހަދާނެ ގޮތެއް ނެނގިގެން ބައްދަލުވުން ނިންމާލީ އެވެ.
އެކަމާ އައި ރުޅިންނާއި ފިރިހެންކުއްޖާ މަކަރު ހެދިކަން ޔަގީންވުމުން އެތަނުން އެއް ކުއްޖަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިއުމުން ފުރާނަ ސަލާމަތް ކުރެވުނެވެ.
މިކަން ހައްލު ކުރަން ދެ ވަނަ ފަހަރަށް މި މަހުގެ ހަތަރުވަނަ ދުވަހު އަނެއްކާވެސް ދެ ވަނަ ޕަންޗާޔަތަކު ގެނެސް ބައްދަލުވުން ބޭއްވި އެވެ. އަދި ގާނޫނީ ވަކީލަކު ވެސް ގެނެސް އެމީހުން އެއްބަސްވާ ގޮތެއް ލިޔެ އެންމެންގެ ސޮޔާއި އިނގިލީގެ ނިޝާން ޖަހަން ތައްޔާރުވި އެވެ. ޕަންޗާޔަތު އޭނާގެ ނިޔާ އިއްވަމުން ތިން އާއިލާއަށް ވެސް އެއްކަމެއް ޝަރުތުކުރި އެވެ. އޭނާގެ ނިންމުމަށް އިހުތިރާމް ކުރުމަށާއި އެ ނިންމުމާ ހިތްހަމަނުޖެހިގެން އެއްވެސް މީހަކު ފުލުހުންނަށް ނުވަތަ ކޯޓަށް ނުވަތަ މީޑިއާއަށް މައްސަލަ ހިފައިގެން ނުދިއުމަށެވެ.
ތިން މީހުންގެ އާއިލާއިން ވެސް މިކަމަށް އެއްބަސްވެ ސޮއި ކުރުމުން ޕަންޗާޔަތު އެންމެ ފަހުން ނިންމީ ފައިސާ ފޮއްޗެއް މައްޗަށް އެއްލައި ގުރުނަގައިގެން ފިރިހެންމީހާ ކައިވެނި ކުރާނެ މީހަކު ޚިޔާރު ކުރުމަށެވެ. އެހާ ހިސާބަށް ދިޔައިރު ވެސް ފިރިހެންމީހާ ބޭނުންވާ ގޮތެއް އޭނާ ނުބުނެ އެވެ.
މި ވާހަކައިގެ ނިމުން ދެ ބައިމީހުން ކިޔަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ޓޮސް ދިމާވީ ފުރަތަމަ އަންހެންކުއްޖާއަށް ކަމަށެވެ. މިއީ އަމިއްލައަށް މަރުވާން އުޅުނު ކުއްޖާ އެވެ. ފިރިހެންމީހާ އެކަމާ އެއްބަސްވެ އެ ކުއްޖާ އާ ކައިވެނި ކުރީ އެވެ. ދެ ވަނަ ވާޝަންގައި ބުނަނީ ގުރު ނެގުމުގެ ކުރިން ފިރިހެންމީހާ ބޭނުންވަނީ ފުރަތަމަ އަންހެންކުއްޖާ އާ ކައިވެނި ކުރަން ކަމަށް ބުނުމުން އެގޮތަށް ކައިވެނި ކުރުވީ ކަމަށެވެ. ފުރަތަމަ އަންހެންކުއްޖާ ޚިޔާރުކުރީ އޭނާއާ ހެދި ފުރާނަ ދޭން ވެސް ތައްޔާރަށް ހުރިކަން ޔަގީންވުމުން ކަމަށް ފިރިހެންމީހާ ބުނިކަމަށް ވެއެވެ.
އަދި މި ވަރަކުން ވެސް މި ވާހަކަ ނުބުނެ އެވެ. ފިރިހެންމީހާގެ ނިންމުން އިއުލާންކޮށް ފުރަތަމަ އަންހެންކުއްޖާގެ ގައިގައި ގޮސް ބައްދާލި ހިސާބުން ދެ ވަނަ އަންހެންކުއްޖާ މަންޒަރު ބަލަން ހުރެފައި ދުވެފައި އައިސް ދެމީހުންގެ މެދަށް ވަދެ ފިރިހެންމީހާގެ މޫނުގައި އެތިފަހަރެއް ޖެހި އެވެ.
އޭނާއަށް ލަނޑުދީފައި އުފަލުގައި ނޫޅެވޭނެ ކަމަށާއި އެހެން ނަމަވެސް އޭނާ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭނެކަމަށް ދެ ވަނަ އަންހެންކުއްޖާ ބުނި ކަމަށް ވެއެވެ. އަދި އިންޒާރު ދީ ހަދަން ފެށުމުން އަވަށު މީހުންނަށް މިކަން މާ މަޖާ ކަމަކަށް ވެ އަންހެން ކުއްޖާއަށް ތަރުހީބުގެ ހޫނު އަތްތިލަބަޑިއެއް ދީ ތުބުން ފުމެ ހެދި ކަމަށް ވެސް ވެއެވެ. ހިންދީ ފިލްމެއްގައި ވެސް ޑްރާމާ އޮންނާނީ ދެން މިހާކަންހާ ވަރަކަށެވެ.