ލައިފްސްޓައިލް

މިނިކާވަގަކާ ތަޅާފޮޅަނިކޮށް ބަޔަކު ގޮސް ސަލާމަތްކޮށްފި

އިންޑިޔާގެ ކަޕޫރާ ސަރަހައްދުގެ އަވަށެއްގައި ދިރިއުޅޭ މަސްވެރިއަކަށް މިނިކާވަގެއް ހަމަލަ ދިނުމުން އެ ސޮރާ ހަނގުރާމަ ކުރާތާ 20 ވަރަކަށް މިނިޓް ފަހުން އަވަށުގެ ބަޔަކު ގޮސް އެމީހާ ސަލާމަތް ކޮށްފި އެވެ.

ސުދާޝަން ސަރްދާރް ނަމަކަށްކިޔާ 33 އަހަރުގެ މި މީހާ މިނިކާވަގުގެ ވަކިތަކުން ސަލާމަތްވީއިރު އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.

މިނިކާވަގު މަސްވެރިޔާއަށް ހަމަލަ ދިނީ އިތުރު ތިން މީހަކާއެކު މަސް ބާނަން ބޯޓެއްގައި އުޅެފައި ޖަންގައްޔާ ދިމާލުން އެއްގަމަށް ބޯޓު ނަގިލި ލައިގެން ތިބި ވަގުތެއްގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 7.00 ޖެހި އިރު ހިނގި މި ހާދިސާގައި މިނިކާވަގު ކުއްލިއަކަށް ގަސްތަކު ތެރޭން ނުކުމެގެން އައިސް ބޯޓުގައި ތިބި މީހުންގެ ތެރެއަށް ފުންމައިގަނެ ސަރްދާރަށް ހަމަލަ ދިނީ އެވެ. އޭނާ ސަލާމަތް ކުރަން އޭނާއާއެކު ތިބި ތިން މީހުން މަސައްކަތް ކުރި ނަމަވެސް ސަރްދާރް ސަލާމަތްވީ ވިއްސަކަށް މިނިޓް މިނިކާވަގާ ތަޅާފޮޅައިގެނެވެ.

މިނިކާވަގު ދޫކޮށްލިއިރު ސަރްދާރްގެ ކަރުގައި ދަތް އަޅައި ނޮޅައިފައި ހުރިތަންތަން ވަރަށް ބޮޑަށް ލޭ އާދެ އެވެ. ވަގުތުން އަނެއް ތިން މަސްވެރިން ވަނީ ސަރްދާރް ގޮވައިގެން އެތާ ކައިރީގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ހާލު ރަނގަޅެވެ.