ލައިފްސްޓައިލް

އަގު ބޮޑު މަސްތަކެއް ބާނައިގެން މުއްސަނދި

އިންޑިޔާ މީހުން މި މަހަށް ކިޔަނީ ގޯލް ފިޝް އެވެ. މި މަހުގެ އެންމެ ހާއްސަ އެއް ކަމަކީ މިއީ ބޭސްވެރި ކަމަށް އިންތިހާއަށް ބޭނުން މަހަކަށް ވުމެވެ. ފާމަސޫޓިކަލް ކުންފުނިތަކުން މި މަސް ކޮންމެ އަގެއްގައި ވެސް ގަންނަން ބޭނުން ވަނީ އެހެންވެ އެވެ. ހަށިގަނޑުގައި އެކި ގޮތްގޮތުން އުފެދޭ ޒަޚަމްތައް ފަހަން ބޭނުންކުރާ ވިރޭ ރޮއްޖަކީ މި މަހުގެ ހަމުން ތައްޔާރުކުރާ އެއްޗެކެވެ. ސައިންޓިފިކް ނަމުން ޕްރޮޓޮނީބިއާ ޑައިކަންތަސް ކިޔާ މި މަހަށް ބްލެކްސްޕޮޓަޑް ކްރޯކާ ފިޝް ވެސް ކިޔަ އެވެ. މިއީ އިންޑޮނީޝިޔާ، ތައިލެންޑް، ހޮންގްކޮންގް، ސިންގަޕޯ އަދި މެލޭޝިޔާގައި ވަރަށް ޑިމާންޑް އޮންނަ މަހެކެވެ.

އިންޑިޔާގެ މަސްވެރިންތަކެއް ދާދިފަހުން ވަނީ މި ބާވަތުގެ 150 ވަރަކަށް މަސް ބާނައިގެން އެއް ދުވަސް ތެރޭ ބޮޑެތި މިލިއަނަރުންނަށް ވެފަ އެވެ.

ޕަލްގާރް ކިޔާ އަވަށެއްގެ މަސްވެރިއެއް ކަމަށްވާ ޗަންދްރަކާންތު ޓާރޭ އާއި އޭނާގެ އޮޑީގެ ފަޅުވެރިން އެއް ދުވަހު މަހަށް ނުކުމެ އުޅެނިކޮށް ބޭނުނު 157 ގޯލް ފިޝް ވިއްކާލައިގެން އެމީހުންނަށް 1.33 ކްރޯޑު ރުޕީސް ލިބިފައި ވެއެވެ.

އެ މީހުންނަށް މި މަސް ބޭނުނު ސަރަހައްދުން ވަރަށް މަދުން ނޫނީ ގޯލް ފިޝް ނުފެނެ އެވެ. އެ ހިސާބުގަނޑުގެ ލޮނުގަނޑު ތަޣައްޔަރުވެފައި އޮންނަލެއް ބޮޑުކަމުންނެވެ. އެހެންވެ މަސްވެރިން އާންމުކޮށް މި މަސް ބާނަނީ ކަނޑުގެ ވަރަށް އަޑިއަށް ގޮސްގެންނެވެ.

އިންޑޯ-ޕެސިފިކް ރީޖަންގެ މި މަހަށް "ސީ ގޯލްޑް" ވެސް ބައެއް ގައުމުތަކުގެ މީހުން ކިޔަ އެވެ. މި މަސް އެހާ އަގު ބޮޑުކޮށް ވިއްކާލެވެނީ މީގެން ތައްޔާރުކުރެވޭ ބޭހުގެ ބާވަތްތައް ގިނަ ކަމުންނެވެ. ޚާއްސަކޮށް ވިރޭ ރޮދި ތައްޔާރު ކުރަން މި މަސް ބޭނުންކުރާތީ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު އެއް މަހުގެ ގޮތުގައި ބެލެވޭ މި މަހަކީ ކިޑްނީގައި ހިލަ ހުންނަ މީހުންގެ ބަލި ރަނގަޅު ކުރަން ކާން ރަނގަޅު އެއްޗެއްކަމަށް ވެއެވެ. އަދި މި މަސް ކެއުމުން ދިފާއީ ބާރު ވަރުގަދަވެ އެވެ.

މި މަހުގައި ވިޓަމިންސް، މިނަރަލްސް، ޕްރޮޓީންސް ވަރަށް ގިނަ އެވެ. އަދި ލޮލުގެ ފެނުން ރަނގަޅުކުރަން މިމަސް ބޭނުން ކުރެވެ އެވެ.

މި މަސްތައް މިފަހަރު ބޭނުނު ޗަންދުރަކާންތު ޓާރޭ އަށް 28 އޮގަސްޓް 2021 އަކީ ވަރަށް ނަސީބު ގަދަ ދުވަހަކަށް ވެސް ވިއެވެ. ސަބަބަކީ ކޮވިޑް-19 އިގެ ބަލިމަޑުކަމާ ހެދި އޭނާ ދިރިއުޅޭ ސަރަހައްދުގައި ގެއިން ބޭރަށް ނުކުމެ އުޅުން މުޅިން މަނާ ކޮށްފައި އޮންނަތާ އެތައް މަހެއް ފަހުން ލޮކްޑައުން އުވާލުމުން އެ ދުވަހަކީ އޭނާ އާއި އޭނާގެ އޮޑީގެ ފަޅުވެރިން މަހަށް ނުކުތް ފުރަތަމަ ދުވަސް ކަމަށް ވާތީ އެވެ. އަދި ކްރޯޑަކަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އެންމެ ދުވަހެއްގެ ތެރޭ އެމީހުންނަށް ލިބުނީމަ އެވެ.