މަސްވެރިކަމަކީ އެހެން މަސައްކަތްތަކާ ހިލާފަށް ނަސީބާ ގުޅިފައިވާ މަސައްކަތެކެވެ. ބައެއް ދުވަސްދުވަހު މަސް ބޭނޭލެއް ގިނަ ކަމުން ގިނަ އަދަދެއްގެ ފައިސާ ލިބެ އެވެ. އަނެއް ބައި ދުވަސް ދުވަހު ވަރަށް މަދު ފައިސާ ކޮޅަކުން ފުއްދާލަން ޖެހެ އެވެ.
ނަމަވެސް އިންޑިއާގެ އަންދްރަޕްރަދޭޝްގެ ރަށެއްގައި ދިރިއުޅޭ މި މަސްވެރިޔާ އަށް ދިމާވީ އަދި ވަރަށް ތަފާތު ކަމެކެވެ. އޭނާ ކޮންމެ ދުވަހަކުވެސް މަހަށްދާ ގަވާއިދުން އެއް ދުވަހު މަހަށް ނުކުމެ އުޅެނިކޮށް ދުވަހަކުވެސް ނުފެންނަ ޒާތެއްގެ މަހެއް ބޭނުނެވެ.
މި މަހުގެ މޫނުގައި ކޮންމެވެސް ވަރަކަށް އިންސާނެއްގެ މޫނާ ވައްތަރު ގޮތްތަކެއް ހުއްޓެވެ. އަދި މަސް ބާނަން އުޅުމުން އެސޮރު މަސްވެރިޔާ އަށް ހަމަލަ ދިނީ އެވެ.
މި މީހާ ބާނަން އުޅުނީ 'ބެލޫން ފިޝް'ކިޔާ މަހެކެވެ. މި މަސް ދެކެ އެ މީހާ އާއި އޭނާއާ އެކުގައި ތިބި މަސްވެރިން ގަންނާ ކުރެއްވި ބިރުން މިހާރު އެމީހުން އެ މަސް ބޭނި ހިސާބަށް މަހަށް ދާން ވެސް ބިރުގަނެ އެވެ. އަދި އާއްމުކޮށް މަސްވެރިކަމަށް ކަނޑަށް ނުކުންނަން ވެސް އެމީހުން ޖެހިލުން ވެއެވެ. ނަމަވެސް މަސްވެރިކަމަކީ އެމީހުން ކާންބޯން ކުރާ މަސައްކަތަށް ވާތީ ކިތަންމެ ބިރުގަތަސް އެ މަސައްކަތް ނުކޮށް އެމީހުންނަށް ތިބެވެން ނެތީމަ އެހެން ސަރަހައްދުތަކަށް އެމީހުން މަހަށް ނުކުމެ އެވެ.
މި މީހާ ބާނަން އުޅުނު މަހަށް ބެލޫން ފިޝްގެ އިތުރުން ފުގޫ ނުވަތަ ޓެޓްރޮޑޮން ފިޝް ވެސް ކިޔާ ކަމަށް ވެއެވެ. އަދި ޕަވާ ފިޝް، ގްލޯބް ފިޝް ވެސް ކިޔަ އެވެ.
މި މަސް ބާނަން އުޅޭ މީހަކު މަރާލުމުގެ ކުޅަދާނަކަން މި މަހަށް ލިބިފައިވެ އެވެ.
އިންޑިއާގެ ފިޝް ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނާ ގޮތުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ، ނުރައްކާތެރި މަހެކެވެ. މީހަކު މަރާލާކަށް އެ މަހަކަށް މާ ގިނަ ވަގުތެއް ނުނަގާނެ ކަމަށް މަހުގެ ތަޖުރިބާކާރުން ބުނެ އެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި މިއީ ޓެޓްރަންޓިޑީ އާއިލާއަށް ނިސްބަތްވާ މަހެކެވެ. މީގެ ސައިންޓިފިކް ނަމަކީ "ޓެޓްރައޮޑޮން" އެވެ. މި މަހުގެ ވިހަކަމުން މި މަސް ނުކެއުމަށްވެސް ތަޖުރިބާކާރުން އިރުޝާދު ދީފައިވެ އެވެ.
ޖަޕާންގައި ފުގޫ ނުވަތަ ބްލޯފިޝްގެ ކެއުންތައް ތައްޔާރުކުރަނީ އެކަމަށް ޚާއްސަ ލައިސަންސެއް ލިބިފައިވާ ބައެކެވެ. އެމީހުން މި މަހުގެ ވިހަ ބައިތައް ދެނެގަނެ އެ ބައިތައް ވަކިކޮށްލައި ވިހަ ނޫން ބައިން ކާ އެއްޗެތި ތައްޔާރު ކުރެ އެވެ.
ފުގޫ މަސް ކެއުން ޖަޕާން ސަރުކާރުން 16 ވަނަ ގަރުނުގައި މަނާ ކޮށްފައިވެ އެވެ. ނަމަވެސް މިއީ އެ ގައުމުގެ ސަގާފާތާ ގުޅޭ ކެއުމަކަށް ވާތީ އެ ގައުމުގެ މީހުން ސިއްރު ސިއްރުން މި މަސް ކައި އުޅެ އެވެ.
ޖަޕާނުގެ ވެރިކަމުގައި އިޓޯ ހިރޮބޫމީ ހުންނެވި ދުވަސްވަރު 1888ގައި އެއް ފަހަރަކު މި މަސް ފަރިއްކުޅުއްވައިގެން މާބޮޑަށް އެ މަސް މީރުވެގެން އެ މަސް ކެއުން މަނާކޮށްފައި އޮތް އޮތުން އުވާލެއްވީ އެވެ.