ޗައިނާގެ ސިނޮފާމް ބޭސް ކުންފުނިން ހަތަރު ވައްތަރެއްގެ ކޮވިޑް ވެކްސިން އުފައްދާފައިވާ ކަމަށް ޗައިނާ ނެޝަނަލް ބަޔޮޓެކް ގްރޫޕްގެ އޮފިޝަލަކު ޗައިނާ ސެންޓްރަލް ޓެލެވިޒަންގައި ވިދާޅުވެއްޖެ އެވެ.
ޗައިނާ ނެޝަނަލް ބަޔޮޓެކް ގްރޫޕްގެ ސެކްރެޓަރީ ޖޫ ޗިންޗިން މީޑިއާއަށް ވިދާޅުވި ގޮތުން ކޮވިޑްގެ އާ ވޭރިއަންޓްތަކުން ރައްކާތެރިވުމަށް ސިނޮފާމުން އެމްއާރުއެންއޭ ވެކްސިނެއް ވެސް ތަޖުރިބާ ކޮށްފި އެވެ. އޭގެ އިތުރުން ހިރި ނުލެވޭ ވަރު ކޮށްފައި ހުރި ކޮވިޑް ވައިރަސް ބޭނުން ކޮށްގެން އުފައްދާފައިވާ ދެ ވެކްސިނަކާއި ވައިރަހުގެ ޑީއެންއޭ އެތިކޮޅުތަކަކަކުން އުފައްދާފައިވާ ވެކްސިނެއް ވެސް ހިމެނެ އެވެ.
ދުނިޔޭގެ ސައިންސް މުޖުތަމައުން ބުނާ ގޮތުން ކޮވިޑްގެ ހުރިހާ ވައްތަރަކުން ރައްކާތެރި ވުމަށް އެއް ޒާތެއްގެ ވެކްސިން ކަމަކު ނުދެ އެވެ. އަދި އެއްޑޯޒް ދެޑޯޒުން ނުފުދިދާނެ ކަމަށް ވެސް މިހާރު އޮތީ ބަލާފަ އެވެ.
ޖޫ ޗިންޗިން ވިދާޅުވީ ކޮވިޑް ވޭރިއަންޓްތަކުން ރައްކާތެރިވުމަށް ޗައިނާ ނެޝަނަލް ބަޔޮޓެކް ގުރޫޕުން އާ ދިރާސާތައް ކުރަންމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ގުރޫޕުން ފަރުވާއެއް ހޯދަން މަސައްކަތް ކުރަނީ ކޮވިޑަށް އެކަނި ނޫން ކަމަށާއި ދުނިޔެއަށް ކަންބޮޑުވެފައި ހުރި އެހެން ބަލިތަކަށް ވެސް ފަރުވާއެއް ހޯދޭތޯ މަސައްކަތް ކުރާ ކަމަށެވެ.
ޖޫ ޗިންޗިން ވިދާޅުވި ގޮތުގައި ސިނޮފާމުން އުފައްދާ ހުރިހާ ވެކްސިނެއް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑަށް ފެތޭނެ އެވެ. އެހެނެއް ކަމަކު ވެކްސިންގެ ބާރު، ހަށިގަނޑުގައި ދިފާއު ހިފަަހައްޓާ މުއްދަތު އެކި ވެކްސިންގައި އެކި ވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުތަކުގައި ފެތުރިގަންނަ ކޮވިޑްގެ އާ ވޭރިއަންޓްތަކާ ގުޅިގެން ޗައިނާ ނެޝަނަލް ބަޔޮޓެކް ގްރޫޕުން ފަރުވާއެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ގުރޫޕްގެ ސެކްރެޓަރީ ވިދާޅުވި އެވެ. އަދި ޗައިނާއިން ހޯދާ އާ ހޯދުންތައް ދުނިޔެއާ ހިއްސާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.