ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ޗައިނާގެ ސައިނޮފާމް ކޮވިޑް ވެކްސިނަށް ހުއްދަދީފި އެވެ. ސިއްހަތު ޖަމިއްޔާއިން ބުނީ ގައުމުތަކުގައި އިމާޖެންސީ ފަރުވާއެއް ގޮތުގައި ސައިނޮފާމް ކޮވިޑް ވެކްސިން ބޭނުންކުރުން އެންމެ ރަނގަޅު ކަމަށެވެ.
ސިއްހަތު ޖަމިއްޔާއިން ހަފުތާއަކު ދެފަހަރު ބާއްވާ ވެބިނާއެއްގައި މައުލޫމާތުދެއްވަމުން ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔެސަސް ވަނީ ސައިނޮފާމް ކޮވިޑް ވެކްސިނަށް ހުއްދަދެއްވިކަން އިއުލާންކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ޑަބްލިޔުއެޗްއޯއިން ހަވަނައަށް ހުއްދަދިން ވެކްސިނަކީ ސައިނޮފާމް ކަމަށެވެ.
ސައިނޮފާމް ކޮވިޑް ވެކްސިން އުފައްދަނީ ބީޖިން ބަޔޯ-އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސްއިންނެވެ. މިއީ ޗައިނާ ނެޝަނަލް ބަޔޮޓެކް ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ.
ޑަބްލިޔުއެޗްއޯއިން ސައިނޮފާމްއަށް ހުއްދަދިނުމުން ކޮވިޑަށް ބޭނުންކުރެވޭ ވެކްސިން ލިސްޓަށް ނަމެއް އިތުރުވެ އާންމު ފަރުވާއެއް ގޮތުގައި ބަލައިގަންނަން ފަސޭހަވާނެ އެވެ. އަދި ކޯވެކްސް ފެސިލިޓީ މެދުވެރިކޮށް ގައުމުތަކަށް ސަޕްލައިކުރުން ވެސް ފަސޭހަވާނެ އެވެ. ކޯވެސް ފެސިލިޓީ މެދުވެރިކޮށް ގައުމުތަކަށް ވެކްސިން ހަދިޔާކުރެވޭނީ ޑަބްލިޔުއެޗްއޯގެ ހުއްދަ ލިބިގެންނެވެ.
ކޮވިޑަށް ބޭނުންކުރާ އެހެން ވެކްސިންތަކަށް ވުރެ ސައިނޮފާމް ވެކްސިން ދަމަހައްޓަން ފަސޭހަ އެވެ. މިވެކްސިން ގަދަފިނީގައި ނޫނަސް ރައްކާކޮށްފައި ބެހެއްޓެ އެވެ. މިއީ ގައުމުތަކަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ.